|
އީޓީ ކުރުވާހަކަ މުބާރާތް/ ޖަޖުންގެ ހުލާސާ ބަޔާން |
މުބާރާތުގެ 90 ޕަސެންޓް ވާހަކަތަކަކީ ވާހަކައަކަށް ނުވާ ވާހަކަތަކެއް: ޖަޖުން
"ބައެއް ވާހަކަތަކުގައި ޕްލޮޓެއް، ނިމުމެއް ނެތް"
އީޓި ކުރު ވާހަކަ މުބާރާތް އިންސާފު ކުރެވިފައި ވަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ވާހަކައިގެ ހާދިސާ، އިބާރާތްކުރުން، ހުށަހެޅުން އަދި ބަހުގެ ހަމައާއި ގަވައިދުގެ މައްޗަށް ބަލައިގެންނެވެ. މީގެ ތެރެއިން އެންމެ ގިނައިން މާކްސް ދީފައިވާނީ ހާދިސާ އާއި އިބާރާތް ކުރުމުގެ މައްޗަށެވެ.
ވާހަކަ މުބާރާތަށް ފޮނުވާފައިވާ 29 ވާހަކަ އަޅުގަނޑުމެންގެ އަތަށް ލިބުނެވެ. އޭގެތެރެއިން އެންމެ ރަނގަޅު ކަމަށް ފާހަގަ ކުރެވުނު 10 ވާހަކަ އަޅުގަނޑުމެން ޝޯޓްލިސްޓް ކުރުމަށް ފަހު އެ 10 ވާހަކަ ވަރަށް ރަނގަޅަށް ބަލައި މާކްސް ދެވުނެވެ. އީޓީން ހޮވަން ނިންމާފައި ވަނީ ފަސް ވަނަ ކަމަށް ވާތީ އެ ވާހަކަތައް ކަނޑައެޅީމެވެ. ވާހަކަތައް ޖަޖު ކުރުމުގެ ތެރޭގައި ފާހަގަވި މައިގަނޑު ކަންތައްތަކަކީ؛
- ބައެއް ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަން
- ކޮޕީ ވާހަކަތައް ހިމެނިފައި ހުރިކަން
- ޑައިލޮގް ލިޔެފައި ހުންނައިރު އާންމުކޮށް ބޭނުންނުކުރާ ބަސްތައް ހުރުން
- ވަކި މިސްރާބެއް ނެތި ވާހަކަ ފެށުމާއި އެގޮތަށް ފެށީމަ ވާހަކައިގެ ނިމުން ފެށުމާ ދިމާނުވުން
- ވަކި އުމުރުފުރައަކަށް ލިޔެފައި ހުންނަ ވާހަކަތައް އެ އުމުރުފުރަ އަށް ނުފެތުން
- ހަގީގީ ވާހަކައެއް ކަމަށް ބުނެ ލިޔެފައިވާ ބައެއް ވާހަކަތަކުގައި ހަގީގަތުގައި ނުވާނެ ކަންތައްތައް ހިމެނިފައިވުން
- ވާހަކަ ލިޔުމަށް ފަހު ދެ ވަނަ ފަހަރަށް އެ ވާހަކަ އަޅާ ނުކިޔާކަން. (މާނައަކީ، ބައިވަރު ކުށްތައް ހުރުން)
- އިބާރާތްތަކުގައި ބޮޑެތި މައްސަލަތައް ހުރުމާއި ބޭނުންކުރަން ޖެހޭ ބަސްތަކުގައި ބަދަލުގައި އެހެން މާނައެއް ދޭހަވާ ބަސްތައް ބޭނުންކުރުން
- ވާހަކައަކީ ކޮންމެވެސް އެއްޗެއް ނުވަތަ ހާދިސާއެއް ނުވަތަ ހިޔާލެއް ކިޔައިދިނުން ކަމަށް ވާއިރު މިއިން އެއްވެސް ކަމެއް ހިމެނިފައި ނުވާ ވާހަކަތައް ހުރުން
- އިބާރާތްތައް ދިގުވުމާއި އިބާރާތްތައް ހަމަނުޖެހުން
- ޑައިލޮގް ލިޔަން ޖެހޭ ތަންތަނުގައި ޑައިލޮގް ނުލިޔުން. އަދި ބޭކާރު ޑައިލޮގްތައް ދިގުވުން
- ފޫހި ވާހަކަތަކެއް ހުރުން. ޝައުގުވެރި ކުރުވަން ނޭންގުން
މިފަދަ މުބާރާތެއް ބޭއްވުމަކީ ލިޔުންތެރިކަމަށް އެޅޭ ވަރަށް ރަނގަޅު ބިންގަލެކެވެ. އެކަމަށް ޓަކައި ވަރަށް ބޮޑަށް، އެކަން ރާވާ ފަރާތަށް ޝުކުރު ދަންނަވަމެވެ. އަދި މިފަދަ މުބާރާތެއްގައި ބައިވެރިވާއިރު ވާހަކަ ލިޔާ މީހާ ވަރަށް ރަނގަޅަށް ދިރާސާ ކުރަން ޖެހެ އެވެ. މުބާރާތަށް ފޮނުވާފައިވާ ވާހަކަތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ރަނގަޅަށް ދިރާސާ ނުކޮށް ރަނގަޅު ކޮންސެޕްޓެއް ނުހަދާ ވާހަކަތައް ލިޔެފައިވާ ކަމެވެ. ކުރުކޮށް ދަންނަވާނަމަ މުޅި މުބާރާތަށް ފޮނުވާފައިވާ ވާހަކަތަކުގެ ތެރެއިން ހާއްސަކޮށް ފާހަގަކޮށްލެވުނު ވާހަކައެއް ނެތެވެ. މުބާރާތުގައި ވަނަތަކެއް ހޮވަން ޖެހޭތީ މާކްސްތަކެއް ދޭން ޖެހޭތީ އެގޮތަށް އަމަލު ކުރީ އެވެ. އަޅުގަނޑުމެންނަށް ވެސް ގަބޫލު ކުރެވޭ ގޮތުގައި ގައުމީ މުބާރާތަށް ފޮނުވާ ވަރުގެ ވާހަކަތަކެއް މިކަހަލަ މުބާރާތެއްގައި ނުހުއްޓަސް، ހަމަޖެހޭ ވާހަކަތަކެއް ހުންނަން ޖެހެ އެވެ. ބުނާ އެއްޗެއް އެހެން މީހަކަށް ވިސްނޭ ވަރުގެ ވާހަކަތަކެއް ހުންނަން ޖެހޭނެ އެވެ. އެހެން ނަމަވެސް މުބާރާތަށް ފޮނުވި 90 ޕަސެންޓް ވާހަކަތަކަކީ ވާހަކަތަކެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެ ވާހަކަތައް ވާހަކައެއްގެ ގޮތުގައި ބަލައެއް ނުގަނެވެ އެވެ. މިކަން ދެން ފަހަރަކުން ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.
ކޮންމެ މީހަކީ ވެސް ވާހަކަ ލިޔެވޭނެ މީހެކެވެ. އެހެން ނަމަވެސް އެކަމަށްޓަކައި ވިސްނުންތަކެއް ބަހައްޓަން ޖެހެ އެވެ.
ބިންމާ އިބްރާހިމް ވަހީދު، މުހަންމަދު ގާސިމް، އާދަމް ހަލީމް
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|