ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
ވަގުކަލޭގެ

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

.

31 ޖުލައި 2010
ލިޔުނީ އަބްދުﷲ ރަޝީދު

ޖުލައި މަހުގެ ފަންސަވިސް ވަނަ ދުވަހުގެ ރެއެވެ. ބެންކް އޮފް މޯލްޑިވްސް އޭދަފުށި ބްރާންޗް ކައިރީ ހުރި އޭޓީއެމް މެޝިނުން ދެހާސް ރުފިޔާ ނެގުމަށް ފަހު ރިޝާދާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެވަގުތު މާ ދުރުގައި އެމަންޒަރު ބަލަން ހުރި ހަކީމް އާއި އޭނަގެ ދެ އެކުވެރިންގެ ހިތުގައި ކުރެހެމުން ދިޔައީ މުޅިން އެހެން ކަހަލަ މަންޒަރެކެވެ. އޭޓީއެމް މެސިނުން ރުފިޔާ ނަގަނީ ކޮންބައެއް، ކޮންވަގުތެއްގައި ކަމާ، އެމީހުން ނަގަނީ ކިހާ ފައިސާއެއް ކަން ގިނަ ފަހަރަށް މިމީހުންނަށް ސިއްރެއް ނުވެއެވެ. ނަގާ ފައިސާގެ އަދަދު ގިނަފަހަރަށް އެނގެނީ މެސިން ކައިރީ ހުންނަ ޑަސްޓް ބިން ގެ އެހީގައެވެ.

އެ ރެއަކީ ޖުލައި މަހުގެ ހަތާވިސް ވަނަ ދުވަހުގެ ރެއެވެ. ހަކީމް އާއި އޭނަގެ ދެ އެކުވެރިން މަޝްވަރާ ކުރަމުން ދިޔައީ އެމީހުންނަށް އެއާ ނުލާ ދިރި ނުހުރެވޭ އެއްޗެއް ގަތުމަށް ބޭނުންވާ ފައިސާ އަތުގައި ނެތުމުން އެ ފައިސާ ހޯދާނެ ގޮތަކާއި މެދުއެވެ. ހަކީމް އޭނަގެ އެއްބަޑު އެއްބަފާ ބޭބެ ގެ ވޮލެޓުން މީގެ ކުޑަދުވަސް ކޮޅެއް ކުރިން ނެގި ފައިސާ ސިނގިރެޓަށް ހަރަދު ކޮށްކޮށް ވަނީ ހުސްވެފައެވެ. އެހެންކަމުން މިމީހުން ނިންމީ މިރޭ ރިޝާދާ މެން ގެއަށް ސިއްރުން ވަދެ ވަގަށް ރުފިޔާ ކޮޅެއް ލިބޭތޯ ބެލުމަށެވެ.

ވައްކަން ކުރުމަކީ މި މީހުން އަލަށް ކުރާ ކަމެއް ނޫނެވެ. މިކަމުގެ ފުރިހަމަ ތަޖުރިބާ މި މީހުންނަށް ލިބިފައި ވެއެވެ. ހަކީމަކީ މީގެ ކުރިންވެސް ވައްކަމުގެ ރެކޯޑްތަކެއް ގާއިމް ކޮށްފައިވާ ޒުވާނެކެވެ.
ވަގުތަކީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ގަޑިން މެންދަމު ދެގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ހަކީމް އާއި އޭނަގެ ދެ އެކުވެރިން ރިޝާދާގެ ގޭ ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. ތިންމީހުންވެސް ލައިގެން ތިބީ ކަޅުކުލައިގެ ސޯޓުބުރިޔާ ކަޅުކުލައިގެ ޓީސާޓެވެ. ފައިވާނަކީ މިފަދަ ވަގުތު ތަކުގައި މި މީހުން ބޭނުންކޮށް އުޅޭ އެއްޗެއް ނޫނެވެ. ދަންވަރު ގަޑީގައި އުޅޭ ވަގުންގެ ޑްރެސް ކޯޑް އާންމުކޮށް ހުންނަނީ މިހެންނެވެ.

ވަށައިގެން ދެކޮޅު ބަލައިލުމަށް ފަހު އެގޭ ފާރުމައްޗަށް ހަކީމް އެރިއެވެ. ހަކީމަކީ އާދައިގެ އިސްކޮޅެއް ހުންނަ ހިކިތޮޅި ކުއްޖެކެވެ. ތަންތަނަށް އަރާ ފޭބުމަކީ މީނާއަށް ނުހަނު ފަސޭހަ ކަމެކެވެ. ބަލާކަށް ނެތި ގެވަޅު ތެރެއަށް އޭނަ ފުންމާލިއެވެ. އެވަގުތު އަނެއް ދެ މީހުން ދެފަރާތުން ދެމަގަށް ވާގޮތަށް ފިލާ ހުއްޓެވެ. އެމީހުންގެ ޑިއުޓީ އަކީ އެއްވެސް ދިމާލަކުން މީހެއްގެ ހިލަމެއް ވޭތޯ ބަލާ ފާރަވެރިވުމެވެ.

ހަކީމް މަޑުމަޑުން ގޮސް އެގޭ ބޭރުން ވަދެވޭގޮތަށް ހުރި ލޯންޑްރީތެރެއަށް ވަނެވެ. އަދި އެތާ ހުރި ދޮންނަމެސިން މައްޗަށް އެރުމަށް ފަހު ޖެހިގެން ހުރި ކޮޓަރި ފާހާނާގެ ފެންލައިޓް ހުޅުވޭތޯ ބެލިއެވެ. ނަމަވެސް އެތެރެއިން ލޮކް ކޮށްފަ ހުރުމުން އެކަން ވާގޮތެއް ނުވިއެވެ. މިގޮތަށް ވައްކަން ކުރަން އުޅޭ މީހުންނަކީ އާންމުކޮށް ހަތަރެސްފައި ދޮވެ ގައިން ބޮލުން ތާހިރުވެގެން އުޅޭބައެއް ނޫނެވެ. މަސައްކަތް ކާމިޔާބު ވާގޮތް ނުވުމުން މެޝިން މަތިން މަޑުމަޑުން ފޭބިއެވެ. އެވަގުތު އޭނަގެ ފައިތިލައިގެ ނިސާން މެޝިންގަ ހުރެދާނެ ކަމާމެދު އެފަދަ މީހަކު ވިސްނުމަކީ ދުރުކަމެކެވެ.

ހަކީމް އަކީ މިގޭގެ އެތެރެ އާއި ބޭރު ހުންނަ ގޮތް ރަނގަޅަށް އެނގޭ ކުއްޖެކެވެ. އެހެން ކަމުން ދެން ފާރުމަތިން، ޖެހިގެން ހުރި ގޭ ފުރާޅުމަތިން ލާފަ ގޮސް ރިޝާދާމެންގޭ ފުރާޅުމައްޗަށް އެރި އެވެ. އެއަށްފަހު މަޑު މަޑުން ހިނގާފަ ގޮސް ރިޝާދާ ނިދާ ކޮޓަރި ފާހާނާގެ ވައިގޮޅި ކައިރީ މަޑުކޮށްލިއެވެ. ވައިގޮޅީގެ ބޮޑުމިނުގައި ހަތަރު ފޫޓް ހަތަރު ފޫޓް ހުރި ނަމަވެސް ފުރާޅުމަތިން ކަނޑާފަ ހުރީ ދޮޅުފޫޓް ގެ ކުޑަ ކުޑަ ގޮޅިއެކެވެ. އަދި އެ ވައި ގޮޅީގެ އުސްމިނުގައި ވިއްސަކަށް ފޫޓް ހުރި އިރު އެތަނަށް ފޭބުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެތީ މަޑުމަޑުން އައިސް ފުރާޅު މަތިން ފޭބިއެވެ.

ހަކީމު އެގެ ވަށައިގެން ބަލާލިއެވެ. ކުއްލިއަކަށް އޭނަގެ ނަޒަރު ހުއްޓުނީ ގެއާ އިންވެގެން ހުރި ބަދިގޭގެ ފެންލައިޓަށެވެ. ފެންލައިޓް ހުރީ އަށެއްކަ ފޫޓް އުހުގައި ނަމަވެސް ހުރީ ހުޅުވާފައެވެ. ބަލަން ބަލަން ނުހުރެ ވަގުކަލޭގެ އެ ފެންލައިޓް ތެރެއިން އެތެރެއަށް ދެމިގަތެވެ. އެ ގެއަކީ އާދައިގެ ފެންވަރަކަށް ރީތިކޮށް ހަދާފަ ހުރި ގެއެކެވެ. ތަށިމުށިތައް މަތީ ހުސްފަޔާ މީހަކު ހިނގާފަ ދާއިރު އެއްވެސް އަޑެއް ނުއިވޭނެ އެވެ. ވަގުކަލޭގެ މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. އަދި އެއްވެސް އަޑެއް ނުލައްވާ ގޭތެރޭގެ އެތަން މިތަން ބަލަމުން ދިޔައެވެ. ސާދަ އިންޗީގެ ކުޑަ ޓީވީއެއް ފެންނަ ހިސާބުގައި ހުއްޓެވެ. އަދި ޓީވީ މަތީ ޑީވީޑީ ޕްލޭޔަރަކާ ޕީއެސް އެއް ހުއްޓެވެ. ވަގުކަލޭގެ ބޭނުންވަނީ ސިދާ ފައިސާ އެވެ. ކުއްލިއަކަށް އައިސްއަލަމާރި މަތީ ބާއްވާފަ އޮތް ވިހި ރުފިޔާގެ ނޫޓެއް ފެނުނެވެ. ވަގުތުން އެ ނަގާ ޖީބަށް ލިއެވެ.

ހަކީމް އެގެއަށް ވަނީ އެންމެ ވިހިރުފިޔާ ހޯދުމުގެ ނިޔަތެއްގައެއް ނޫނެވެ. އެހެންކަމުން އަނެއްކާވެސް ވަށައިގެން ނަޒަރެއް ހިންގާލިއެވެ. އެވަގުތު ވަގުކަލޭގެ ލޮލުގައި އަޅައިގަތީ ރިޝާދާ ނިދާ ކޮޓަރި އަށް ވަންނަ ދޮރު މަތީ ހުރި ފެންލައިޓް ހުޅުވާފަ ހުއްޓައެވެ. ވަގުތުން ގޮސް އެ ފެންލައިޓް މަތިން އެތެރެއަށް ބޯދިއްކޮށްލިއެވެ.

ރިޝާދާ އޮތީ ގަދަނިދީގައެވެ. އެހެންކަމުން އެއްވެސް އަޑެއް ބަޑެއް ނުއިއްވާ ވަގުކަލޭގެ އެ ކޮޓަރި ތެރެއަށް ދެމިގަތެވެ. ވަގުކަލޭގެ ރަނގަޅަށް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ޑްރެސިން ޓޭބަލް މަތީ ރިޝާދާގެ ޕާސް އޮއްވަ ފެނުނެވެ. އޭގެ ތެރޭގައި ފައިސާ ހުންނާނެ ކަން ވަގުކަލޭގެ އަށް ޔަގީނުންވެސް އެނގެއެވެ. ރިޝާދާ އޮތީ ހަމަ ގަދަ ނިދީގައެވެ. ވަގުކަލޭގެ އަވަސް އަވަހަށް އެ ޕާސް ތެރޭގައި ހުރި ހުރިހާ ފައިސާ އަދި ވިސާ ކާޑް ނެގުމަށް ފަހު ޖީބަށް ލިއެވެ.

ދެން ވަގުކަލޭގެ ބެލީ އެއްވެސް އަޑެއް ނީއްވާ އެކޮޓަރިން ބޭރަށް އެންމެ ފަސޭހައިން ނިކުމެވޭނެ ގޮތެއް ފެނޭތޯއެވެ. ފޭންލައިޓް މަތިން އަރަނިކޮށް އަޑެއް އިވިގެން ރިޝާދާއަށް ހޭލެވިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ރިޝާދާ އަށް ވަގުކަލޭގެ ފެނިއްޖެނަމަ އެއީ ކާކުކަން އެނގޭނެ އެވެ.
ވަގުކަލޭގެ މަޑުމަޑު ފާހާނާގެ ދޮރު ވަރަށް ފަރުވާތެރިކަމާ އެކު ހުޅުވާލިއެވެ. ފާހާނާގެ ފެންލައިޓް ހުރީ ފުދޭވަރަކަށް އުހުގައެވެ. ޔަގީނުންވެސް ނޭރޭނެ ހިސާބުގައެވެ. ދެން މަޑުމަޑުން އައިސް ވައިގޮޅީގެ ކުޑަދޮރު ހުޅުވާލިއެވެ. އެތަންވެސް ހުރީ ނިކުމެވޭ ކަހަލަ ގޮތަކަށް ނޫނެވެ.

އެވަގުތު ރިޝާދާ ނިދީގައި އޮވެގެން ހަރަކާތެއް ކުރި އަޑު ވަގުކަލޭގެއަށް އިވުނެވެ. ވަގުކަލޭގެ ސިއްސައިގެން ގޮސް ވައިގޮޅިތެރެއަށް މަޑުމަޑުން ފޭބިއެވެ. ވަގުކަލޭގެ ހުރީ ބިރުން ސިހި ސިހިއެވެ. ބަސްޓްވެދާނެ ކަމުގެ ބިރުގައެވެ. އަނގަމަތީ އަތްއަޅައިގެން ވައިގޮޅިތެރޭ މަޑުމަޑުން ފިލާ ހުއްޓެވެ.
ރިޝާދާއަށް ކުއްލިއަކަށް ހޭލެވުނެވެ. ލޯހުޅުވައި ބަލައިލި އިރު ފާހާނާ ދޮރު ހުޅުވިފަ ހުއްޓަ ފެނުނެވެ. ކުޑަކޮށް ދެލޯފުހެލުމަށް ފަހު ބާލިސް ދަށުގައި އޮތް ފޯން ނަގައި ގަޑި ބަލާލިއެވެ. އޭރު ދަންވަރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. ރިޝާދާ ފާޑަކަށް ގަބުވެފައި ފާހާނާގެ ދޮރަށް ބަލަހައްޓައިގެން ވިސްނަން އިނެވެ. ދޮރު ހުޅުވުނުގޮތަކާއި ދޭތެރެ ކަންތައް ބޮޑުވެފައެވެ. އެވަގުތު ވަގުކަލޭގެ ބިރުން ތުރުތުރުއަޅާ ހާލު ވައިގޮޅިތެރޭ ސިއްރު ސިއްރުން ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން ރިޝާދާ ވެސް ނިދިޖެހިގެން އެނދުގައި އޮށޯތެވެ.

ވައިގޮޅިތެރޭ ފިލާ ހުރި ވަގުކަލޭގެ ބަލަން ބަލަން ނުހުރެ ކުޑަދޮރުމައްޗަށް އަރާ ފެންލައިޓް މައްޗަށް ފުންމައިގެންފަ ކޮޓަރިން ބޭރަށް ނިކުތެވެ. ބިރުން ތެޅިތެޅި ހުރި ވަގުކަލޭގެ މިގެނާ ހަރަކާތް ގެނައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ވަގުކަލޭގެ އަވަހަށް ގޮސް ވަނީ ބަދިގެ ތެރެއަށެވެ.

އެވަގުތު ރިޝާދާ އަށް ކޮންމެވެސް އަޑެއް އިވިގެން ފުންމައިގެން ތެދުވިއެވެ. ދެލޯ ފުހެލުމަށް ފަހު ސައިޑް ޓޭބަލް މަތީ އޮތް އައިނު ނަގާ ލޯމައްޗަށް ހެޔޮވަރުކޮށްލިއެވެ. އަދި ފާޑަކަށް ވައިގޮޅިއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ރިޝާދާ އަށް ހީވިގޮތުގައި ރިޝާދާއަށް އިވުނީ ވައިގޮޅީގެ ކުޑަދޮރު ޖެހުނު އަޑެވެ.

ވަރަށް ބިރުން ހުރެ އެނދުމަތިން ތެދުވެގެން އައިސް ވައިގޮޅި ކައިރީ ހުރި ސުވިޗްބޯޑް ކައިރީ މަޑުކޮށްލިއެވެ. ކޮޓަރިތެރެއަށް އެޅިފައި ހުރި ބެޑްލައިޓް ގެ އަލި ފަނޑުކަމުން ވައި ގޮޅީގެ އެތެރެއެއް ނުފެނެއެވެ. ވަރަށް ބިރުން ހުރެ ރިޝާދާ ކޮޓަރީގެ ބޮކިތައް ދިއްލި އެވެ. ބޭރުގައި ހުރި ވަގުކަލޭގެ އެވަގުތު ބަދިގެ ތެރޭގައި ހުރި ފެންލައިޓް ތެރެއިން ޖެހިގެން ހުރިގޭ ފުރާޅު މައްޗަށް ފޭބިއެވެ.
ރިޝާދާ ބިރުގެންފަ ހުރިވަރުން ވައިގޮޅިތެރެ ބަލާކަށް ނުކެރުނެވެ. ރިޝާދާ އަށް ހީވަނީ ވައިގޮޅިތެރޭގައި މީހަކު އުޅޭހެންނެވެ. ވަރަށް ބިރުން ހުރެ ކޮޓަރި ދޮރުހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. އަދި ބޭރު ބޮކިތައް ދިއްލުމަށް ފަހު ކާމޭޒުކައިރީގައި އިށީނެވެ. އެވަގުތު އަނެއް ދެ ކޮޓަރީގައި ނިދާފަތިބި ދެމީހުންވެސް ތެދުވިއެވެ. ކުއްލިއަކަށް ދެން އިވުނީ ފުރާޅުމަތިން މީހަކު ދުއްވައިގަތް އަޑެވެ.

(ނޯޓް: މިއީ އޭދަފުށީގައި ދާދިފަހުން ހިނގައިދިޔަ ހަގީގީ ވައްކަމުގެ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައި މިވަނީ ހިޔާލީ ނަން ތަކެކެވެ. މިއީ އެއްވެސް މީހަކަށް ތުހުމަތުކޮށްގެން ބޭނުން ކޮށްފައިވާ ނަންތަކެއް ނޫނެވެ.)


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
100 ކުން 99 --------------
03.08.2010
ހަގީގަތާކައިރިކުރާކަން ކިހިނެއް އިގެނީ. އެކަން އިގެންވާނީ ވަގުކަލޭގެއައް.
31.07.2010
ހަގީގަތާއި ވަރަށް ކައިރިކުރޭ !
31.07.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times