ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
ސޮނެވާ ފުށީގެ ފަރާތުން ފެށި ޕްލާސްޓިކް ކޮތަޅު މަދު ކުރުމުގެ ޕްރޮގްރާމުން ފައިދާ ކުރޭބާ؟

ކޮންމެވެސް ވަރަކަށް މި ރަށުގައި ފޮތި ކޮތަޅު ބޭނުން ކުރަން ފަށައިފި: ސީކް


މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

ފެބްރުއަރީ 13, 2009 ގައި ބ. ކެންދޫގައި ބޭއްވުނު ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނަމާ ޕްރޮގްރާމުގައި ކެންދޫ ސީކް ޖަމިއްޔާގެ ރައީސް ފޮތި ކޮތަޅާ ޙަވާލު ވަނީ.--ފޮޓޯ / މުހައްމަދު އަފްރާހް

14 މެއި 2009
ބ. ކުންފުނަދޫގައި ހިންގާ ސޮނެވާ ފުބައި ސިކްސް ސެންސަސް އިން މި އަތޮޅު ކެންދޫގައި ފެށި ޕްލާސްޓިކް ކޮތަޅު މަދު ކުރުމުގެ ޕްރޮގްރާމުގެ ސަބަބުން އެއްވެސް ފައިދާ އެއް ކުރޭ ބާ އެވެ؟ ނުވަތަ އެ ޕްރޮގްރާމުގެ ސަބަބުން ކެންދޫގެ ރައްޔިތުން މި ކަމަށް ހޭލުންތެރި ވީ ކިހާ ވަރަކަށް ބާ އެވެ؟

ސޮނެވާ އިން ފެށި މި ޕްރޮގްރާމުގައި އިސްނަގައިގެން ޢަމަލީ ގޮތުން މި މަސައްކަތް ފެށި ކެންދޫ ސީކް ޖަމިއްޔާއިން ބުނީ އެ ޕްރޮގްރާމުގެ ސަބަބުން ފައިދާ ވަމުން އަންނަ ކަމަށާއި ރަށުގެ ރައްޔިތުން މި ކަމަށް މަޑުމަޑުން ހޭލުންތެރިވަމުން އަންނަ ކަމަށެވެ.

"މި ޕްރޮގްރާމުގެ ސަބަބުން މި ރަށުގެ ރައްޔިތުން ޕްލާސްޓިކް ކޮތަޅު ގެންގުޅުން މަދުކޮށް، ފޮތި ކޮތަޅު ބޭނުންކުރަން މިހާރު ފަށައިފި. ޕްލާސްޓިކް ކޮތަޅަކީ އަހަރުމެން ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ކޮތަޅު. އެހެންވީމަ ވަރަށް އުނދަގޫ ވާނެތާ ކުއްލިއަކަށް ހުއްޓާލަން ވެސް. އެކަމަކު މިހާރު މަދުމަދުން ފޮތި ކޮތަޅުގެ ބޭނުން ހިފާކަން ފާހަގަ ކުރަން. އަދިވެސް މިހާރަށް ވުރެ ވެސް ބޮޑަށް ހޭލުންތެރި ކުރުވުމުގެ ގިނަ ކަންތައް ރޭވިއްޖެ ނަމަ ވަރަށް އަވަހަށް ނަތީޖާ ފެނިގެންދާނެ ކަމަށް ހީވޭ،" ކެންދޫ ސީކް ޖަމިއްޔާ އުފެއްދުމުގައި އިސްރޯލެއް އަދާކުރި އެ ޖަމިއްޔާގެ އެއް މުއައްސިސް އަބޫބަކުރު ޔޫސުފް (އަބޫ) އީޓީއަށް ކިޔައިދިނެވެ.

އަބޫ އަދިވެސް ކިޔައިދިން ގޮތުގައި މި ފަދަ ކަންކަމަކީ ފަސޭހައިން ހުއްޓާލެވޭނެ ކަންކަމަށް ނުވާތީ ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. އަދި އެ ރަށުގެ ވިޔަފާރިވެރިންނާ ވާހަކަ ދައްކައިގެން ރަށަށް އެތެރެ ކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ޢަދަދު މަދު ކުރެވޭތޯ ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަބޫ ބުންޏެވެ.

ސޮނެވާ ސާރފު މެނޭޖަރ މުއްސަބު އަނީސް ވިދާޅުވީ އެ ޕްރޮގްރާމަކީ އަޖުމަ ބެލުމުގެ ގޮތުން ފެށުނު ކަމެއް ކަމަށާއި ކެންދޫގެ ނަތީޖާ އަށް ބަލާ މި އަތޮޅުގެ ހުރިހާ ރަށަކަށް ފޮތި ކޮތަޅު ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކަމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކެއް ވަރަށް އަވަހަށް ރާވާނެ ކަމަށެވެ. މި ގޮތުން ތިމާވެއްޓާ މެދު ހޭލުންތެރި ކުރުވުމަށް ކޮންމެ އަހަރަކު ވެސް ސޮނެވާ ފުށިން ބާއްވަމުން އަންނަ "ސޮނެވާ ނޭޗަރ ޓްރިޕް" މި ފަހަރު ބާއްވާނީ ކެންދޫގައި ކަމަށް މުއްސަބު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތާނގައި ރާވާނަން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކެއް. މި ދުވަސްކޮޅު މުޅި ދުނިޔެ އަށް ވެސް ދިމާވެގެން އުޅޭ ފައިނޭންޝިއަލް ކްރޭޝްގެ ސަބަބުން ގިނަ ކަންތައް މި އުޅެނީ މަޑު ޖައްސާލައިގެން. ދެން ކޮންމެ އަހަރަކު އަޅުގަނޑުމެން ބާއްވަމުން އަންނަ ސޮނެވާ ނޭޗަރ ޓްރިޕް ވެސް މި ފަހަރު މި ބާއްވާނީ ކެންދޫގައި. މި ދަތުރުގެ ތެރޭގައި އަޅުގަނޑުމެން ބާއްވާނަން ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ދަތުރުގައި ބައިވެރިވާ ކުދިންނަށާއި ޢާއްމުންނަށް. އުއްމީދު ކުރަން މި ދަތުރުގެ ސަބަބުން ވެސް ޕްލާސްޓިކަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން މީހުންނަށް އެނގި މިހާރަށް ވުރެ ވެސް ހޭލުންތެރި ވާނެ ކަމަށް،" މުއްސަބު ވިދާޅުވި އެވެ.

ކެންދޫ ސީކް ޖަމިއްޔާ އުފެދުނުތާ މިވީ 2 އަހަރުގެ ތެރޭގައި އެ ޖަމިއްޔާއިން ވަނީ ރަށުގެ ތަރައްގީ އަށް ޚާއްސްކޮށް ތިމާވެށީގެ ރޮނގުން ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އަދި ސީކް ޖަމިއްޔާ ފާހަގަ ކުރެވެނީ ރަށުގައި ކުރެވޭ އިޖްތިމާޢީ އަދި އިގްތިސާދީ ޙަރަކާތްތަކުގައި ރަށުގެ އެހެން ޖަމިއްޔާތަކާ ޚިލާފަށް އަބަދު ވެސް އިސްނަގައިގެން ޙަރަކާތްތެރިވާ ޖަމިއްޔާއެއްގެ ގޮތުގަ އެވެ.

ސޮނެވާ ފުއްޓަކީ ތިމާވެއްޓަށް ޚިދުމަތް ކުރުމުގެ ގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އެވޯޑުތަކެއް ޙާސިލް ކޮށްފައިވާ އަދި ހާސިލް ކުރަމުން އަންނަ ތިމާވެއްޓާ ރައްޓެހި ރިސޯޓެކެވެ.

-- މުހައްމަދު އަފްރާހް


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މިއީ ސޮނެވާ އިން ފެށި ވަރަށް ރަގަޅު ކަމެއް. މިކަމުގެ ސަބަބުން ތިމާވެށީގެ ރޮގުން ގިނަ ކުރި އެރުންތަކެއް ލިބޭނެ ކަމަށް ހީވޭ. އެކަމަކު ކެންދޫއިން ފެންނަ ނަތީޖާ މީޑިއާ މެދުވެރިކޮށް އެނގުން ވަރަށް މުހިއްމު (މާމުއި)
15.05.2009
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times