|
މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުން
ކޮންމެ އަހަރެއްގެ ފެބްރުއަރީ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހެވެ. މިދުވަސް 2006 ވަނަ އަހަރުން ފެށީގެން ޔުނެސްކޯއިން ފާހަގަކުރަނީ "ބަހަށްޓަކައި ޝަހީދުވި ޝަހީދުންގެ ދުވަސް" ކަމުގައި ބަލައިގެންނެވެ. މިއީ ކުރިއަރަމުން އަންނަ ތިންވަނަ ދުނިޔޭގެ ގައުމު ތަކުގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރާ ދުވަހެކެވެ. ވަކިން ހާއްސަގޮތެއްގައި ހުޅަނގުގެ އިސްތިއުމާރުގެ ދަށުގައި އޮތް ގައުމުތަކުން މި ދުވަހަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.
މިދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ކޮންމެ ބައެއްގެ މާދަރީ ބަހަކީ ވެސް އަގުހުރި ތަރިކައެއްކަން މީހުންނަށް އަންގައިދި އެބައެއްގެ މާދަރީ ބަސް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދީ އެކަމަށް މީހުން ހަރަކާތްތެރި ކުރުވުމެވެ.
އަހަރު ތެރޭގައި ފާހަގަކުރާ މިފަދަ އެންމެ ދުވަހަކުން މާދަރީ ބަހަށް އޭގެ ހަގީގީ މަގާމު ލިބިދެވޭނެ ބާވައޭ ސުވާލު އުފެދެއެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ 21 ވަނަ ދުވަހު މިދުވަސް ފާހަގަކޮށް ބަހުގެ އަދަބީ ހަރަކާތްތައް ހިންގުމުން، ހެޔޮ ގޮތުގައި ބަސް ދިރުވައި އާލާކުރެވުނީ ކަމަށްވާނެތޯ އެވެ؟
މި ދުވަސް ފާހަގަ ކުރުމުގެ ކުރިން އަޅުގަނޑުމެންގެ މާދަރީ ބަހަށް އަޅުގަނޑުމެންގެ ހިތުގައި ދެވިފައިވާ ގަދަރާއި އިހުތިރާމާ މެދު ވިސްނާލައްވާށެވެ. ބަސް ބޭނުން ކުރުމުގައި އަޅުގަނޑުމެންގެ ހިތުގައި އޮތީ ކޮން އަގެއްތޯ ވެސް ވިސްނަވާލައްވާށެވެ. ލިޔެކިޔުމުގައި ބަހުގެ މަގާމަކީ ކޮބައިތޯ ވެސް ވިސްނަވާލައްވާށެވެ.
ދިވެހިންގެ މާދަރީ ބަސް ބޭނުން ކުރުމުގައި ބަހުގެ ހަމަތަކަށް އެކަށިގެންވާ ސަމާލުކަމެއް ނުދެވެ އެވެ. ތަފާތު ލިޔުންތަކުންނާއި އާއްމު ވާހަކަ ދެއްކުމުން މިކަން ކަށަވަރުވެ އެވެ. ތިމާގެ މާދަރީ ބަހުގެ މުއްސަދިކަން އެއްފަރާތްކޮށް ބިދޭސީ ބަސްތަކަށް ޖާގަ ދިނުމަށް ވުރެ ވަކިންބޮޑަށް ބަހަށް ކުރެވޭނެ ފުރައްސާރައެއް ނޯންނާނެއެވެ. ދިވެހިބަހުން ބުނެވޭން ހުރި ކިތަންމެ ލަފްޒެއްގެ ބަދަލުގައި ބިދޭސީ ބަސްތައް ހިމަނައިގެން ވާހަކަ ދައްކައި ލިޔެ ހެދުމަކީ ހަމަގައިމުވެސް ބަހާ މެދު ލޯތްބެއް ހުންނަ މީހަކު ކުރާނޭ ކަމައް ނޫނެވެ.
މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރަމުންދާ އިރު ވިސްނަންވީ އެންމެ މުހިއްމު އެއް ނުކުތާއަކީ މިއެވެ. ދިވެހިންގެ މާދަރީ ބަހަށް އޭގެ ހަގީގީ މަގާމު ހޯދައިދެވޭނީ ބަހުގެ ހަމަތަކާ އެއްގޮތަށް ބަސް ބޭނުން ކޮށްގެންނެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|