ރަށު ތަރައްގީގައި އަންހެނުން

 

ކޮންމެތަނެއްވެސް ތަރައްގީވެ ކުރިއަރައިދަނީ އެތަނެއްގައި ދިރިއުޅޭ ހުރިހާ ފަރުދުންވެސް ތަރައްގީވެ ތަހުޒީބު ވެގެންނެވެ. މުޖުތަމައުއެއް ވިޔަސް ރަށެއްވިޔަސް އަދި ގައުމެއްވިޔަސް ކަންއޮތީ ހަމައެގޮތަށެވެ. އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން އަދި އިލްމީގޮތުނާއި އެހެނިހެން ގޮތްގޮތުންވެސް ތަނެއް ތަރައްގީވެ ކުރިއަރައިދާނީ އެ ތަނެއްގައި ކެރޭ ގާބިލު ބަޔަކު އުފެދިގެންނެވެ. އެގޮތުން އަންހެނުންނަކީ ރަށުގެ ތަރައްގީއަށް ވަރަށްމުހިންމު ބައެކެވެ. އަންހެނުންގެ ހިއްސާއާއި ނުލައި އެއްވެސްކަމެއް ނުކުރެވޭނެ އެވެ. ހާއްސަކޮށް ރަށެއް ތަރައްގީ ކުރުމުގައި އަންހެނުންގެ ހިއްސާ ވަރަށްބޮޑެވެ.

އޭދަފުއްޓަކީ ރާއްޖޭގެ ނިސްބަތުން އެންމެތަރައްގީ އެއްރަށެވެ. އިޖްތިމާއީ އިގްތިސާދީ އަދި އިލްމީ ގޮތުންވެސް އޭދަފުށްޓަކީ އެއްވަނައޭވެސް ބުނެވިދާނެ އެވެ. މި ހުރިހާކަމެއްވެސް މިހާ ހިސާބަށް ގެނަސްދިނުމުގައި އޭދަފުށީގެ ހީވާގި އަންހެނުންގެ ހިއްސާވަރަށް ބޮޑެވެ. ނަމަވެސް މިހާރާއި ކުރިއާއި ވަރަށް ތަފާތެވެ. ކުރީގައި ކަތީބުއާއި މުދިންބެ ބުނާ ރަނގަޅު ގޮތަކަށް ކޮންމެ ކަމެއްވެސް ކޮށްލަނީ އެވެ. ކަތީބުއަށް ލަފާދިނުމަށްޓަކައި ތަފާތު ކޮމެޓީތައް އެކި ނަންނަމުގައި ހޮވާފައި ތިއްބެވެ. ނަމަވެސް މުޅިދުނިޔެއަށް ލޯހުޅުވި ޑިމޮކްރަސީގެ ރީތި އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި ކޮންމެ ކަމަކަށްވެސް މިހާރުވަނީ ތަފާތު ގާނޫނުތަށް ހަދައި ވީހާވެސް ބޮޑަކަށް ރައްޔިތުންގެ އަޑުއިވޭނޭހެން ކަންކަން ބައްޓަންކޮށްފަ އެވެ.

އެގޮތުން ކޮންމެ ރަށެއްގައިވެން ރައްޔިތުން އިންތިހާބުކުރާ އަންހެނުންގެ ކޮމެޓީއެއް އޮންނަން ޖެހެއެވެ. މަގްސަދަކީ ރަށުތަރައްގީގައި އަންހެނުންގެ ދައުރު ވީހާވެސް ބޮޑަކަށް ފުޅާކޮށްދިނުމެވެ. އަދި ގާނޫނުން އަންހެނުންގެ ކޮމެޓީއަށް ބާރުދިނުމެވެ.

މީގެ ހައެއްކަ އަހަރު ކުރިން ހުރިހާރަށެއްގައިވެސް އަންހެނުން ކޮމެޓީތަކުން ކުރަމުން ދިއައީ ރަށުފެންވަރުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ރަށުގެ ތަރައްގީއަށް ފައިދާ ކުރާނެ ކަންތައްތަކެކެވެ. އެކަންކަމަކީ އޭރުގައި މާއުދަނގޫ ކަމެއްނޫނެވެ. އެއީ ރަށުގެ އަތިރިމަތި ކުނިކެހުމާއި ކުނިގޮނޑު ސާފުކުރުންކަހަލަ ބައެއް މަސައްކަތްތަކެވެ. ނަމަވެސް މިހާރު ވަރަށް ތަފާތެވެ. ގާނޫނުނުން ހުރިހާކަމެއްވެސް އެނގެން އެބަހުއްޓެވެ. އާމުދަނީ ހޯދުމަށްޓަކައި ތަފާތު ގިނަމަސައްކަތް ކުރުމުގެ ފުރުސަތު ބޮޑެވެ. ބޮޑެތި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެން ހިގައްޖެއެވެ. އިންވެސްޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ބޭންކްތަކުން ލޯނުނެގުމުގެ ފުރުސަތު ސީދާ އަންހެނުންގެ ކޮމެޓީ ތަކަށްވެސް ލިބިގެން ހިގައްޖެއެވެ.

މިގޮތުން ރާއްޖޭގައި އިއްޔެ ބޭއްވުނު ފުރަތަމަ އިންތިހާބީ އަންހެނުން ކޮމެޓީގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދި ހުރިހާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ތަކުގެ މަސައްކަތަކަށް ވާންވާނީ ހިކުމަތްތެރިކަމާއި ތެދުވެރި ކަމާއިއެކެ ރަށުގެ ތަރައްގީއަށް ހުރިހާ ގޮތަކުންވެސް މަސައްކަތް ކޮށްދިނުމެވެ. ހާއްސަކޮށް އޭދަފުއްޓަކީ އިންވެސްޓް ކުރުމުގެ ފުރުސަތުބޮޑު ރަނގަޅު ނަފާއެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްރަށަކަށް ވީހިނދު މިފަހަރު މި އިންތިހާބު ކުރެވުނު އަންހެނުންގެ ކޮމެޓީން މުޅި އޭދަފުށީގެ ރައްޔިތުންނަށާއި ހާއްސަކޮށް އަންހެނުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެން ދިއުމަކީ ހުރިހާ ރައްޔިތުންގެ ވަރަށްބޮޑު އެދުމަކަށް ވާނެކަން ކަށަވަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.