އަތޮޅުތަކަށް ބަލި ދިޔުމުގެ ފުރުސަތު އަދިވެސް އެބައޮތް

ރޭގެ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަދައްކަވަނީ– ފޮޓޯ/މިހާރު

ކޮވިޑްގެ ބަލިމަޑުކަން އަތޮޅުތަކުގެ ތެރެއަށް ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ.ނަޒްލާ ވިދާޅުވީ މިހާތަނަށް މަދު ރަށަކުން ކޮވިޑް ފެނުނު ނަމަވެސް އަދިވެސް ބައެއް ރަށްރަށުން އެ ބަލީގެ މީހުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“މާލޭގައި އަދިވެސް މިދަނީ ކޭސްތައް ފެންނަމުން. މިއަދުވެސް 47 ކޭސް މި ފެނުނީ. އެހެންވީމަ އަދިވެސް ފުރުސަތު ހަމަ އެބައޮތް އަތޮޅުތެރެއަށް ވެސް ބަލި ދިޔުމުގެ” ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ނަތީޖާ ފެންނަ ކަމަށާ ނަމަވެސް އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށާއި އެކަމަކު ފިޔަވަޅުތަކަށް ލުއި ދިނުމާމެދު ނިންމުންތަކެއް ނިންމާނީ ދުނިޔޭގެ އެކި ގައުމުތަކުން އަމަލުކުރަމުން ދާ ގޮތާއި ހާލަތަށް ބެލުމަށްފަހު ކަމަށެވެ.

މާލެ ލޮކްޑައުންގެ ހާލަތުގައި އޮތް ނަމަވެސް ޒަރޫރީ ބޭނުންތަކަށް މާލެއިން ރަށްރަށަށް ދަތުރުތައް ކުރެވޭ ކަމަށާއި މި ދަތުރުތަކުން ވެސް ބަލި ފެތުރުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް އޮންނާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު އެޅިފައި ހުރި ފިޔަވަޅުތައް އެޅިފައި ހުރީ ވެސް އެ ސަބަބާއި ހުރެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

މާލެ ފިޔަވައި މިހާތަނަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ނ.މަނަދޫ އާއި ކ. ތުލުސްދޫ، ހއ. އުލިގަމް، ށ. ނަރުދޫ، ށ. މިލަންދޫ އަދި ހއ.ތަކަންދޫ އިންނެވެ.

މާލެ އިން މިދިޔަ އޭޕްރީލް މަހުގެ 15 ގައި ކޮވިޑް-19 ގެ މީހަކު ފެނުނު ފަހުން، މުޅި ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ މިހާރުގެ އަދަދަކީ 1078 ގަ އެވެ. ހަތަރު މީހަކު މަރުވެ، ބަލިން ރަނގަޅުވީ މިހާތަނަށް 59 މީހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.