ރޭ އެންމެ ގަދައަށް ވައިޖެހުނީ ދަރަވަންދުއަށް: މެޓް

ރޭ ޖެހުނު ވައިގައި ހިތާދޫ ގެއެއްގެ ފުރާޅު އެއްލާލާފައ. ރޭ އެންމެ ގަދައަށް ވައި ޖެހުނީ ދަރަވަންދު އަށް– ފޮޓޯ/ހިތާދޫ އޮންލައިން


މި ދުވަސްވަރަކީ އަނެއްކާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، އާދަޔާ ޚިލާފަށް ވައިގަދަވެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ވައި ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން ރޭ ވަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.

ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުނެރޭ އޮރެންޖު އެލާޓް ނެރުނީ، ރޭ ދަންވަރު 2:00 އިން ހެނދުނު 6:00 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށެވެ. އާއްމު ގޮތެއްގައި، 34-40 މޭލާ ދެމެދު އަދި ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވާނެ ކަމަށް އެލާޓުގައި ބުނެފައި ވެ އެވެ.

މެޓު އޮފީހުން ބުނި ގޮތުގައި ރޭ އެންމެ ގަދައަށް ވައިޖެހުނީ ބ. ދަރަވަންދުއަށެވެ. އެގޮތުން އެ ރަށަށް 47 މޭލަށް ވައި ޖެހުނު އިރު، ވިލާގަނޑުގައި 62 މޭލަށް ވައި ޖެހުނު ކަމަށް އެތަނުން ބުންޏެވެ.

“ވަރަށް ވަރަށް ބާރަށް އެ ވަގުތު ވައިޖެހުނީ. ރަށުގެ ބައެއް ގޭގޭގެ ފުރާޅު ހީވީ ދެންމެ ދެންމެ ނަގާ އެއްލާލާފާނެ ހެން، އެކަމަކު ވައިޖެހނު ވަރާ ބަލާފައި މާބޮޑު ގެއްލުމެއް ނުވޭ. އެއްމެ އެއްގެ ފުރާޅު އެއްލާލި،” ދަރަވަންދޫ މީހަކު ބުންޏެވެ.

ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ވައިގަދަވުމާއި ގުޅިގެން ވަރަށް ގިނަ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ބ. އަތޮޅުގެ ބައެއް ރަށްތަކަށާއި ރ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ނ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އަދި ގިނަ އަދަދކަށް ރުށްގަސްތައްވެސް ވަނީ ވެއްޓިފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މާދަމާ މެންދުރު ފަހުން ފެށިގެން ވައިމަޑުވާނެ އެވެ. ކުރިއަށް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން މާ ގޯސް ނުވާނެ ކަމަށް އެތަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.