
މިހާރު ކުރަމުންދާ ވިއްސާރާގައި ބ. މާޅޮހަށް މެދު ނުކެނޑި ގިނައިރުތަކެއް ވަންދެން ވާރޭ ވެހި އެ ރަށުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

ރޭ ފަތިހުން ފެށިގެން މެދު ނުކެނޑި ގިނައިރު ތަކެއް ވަންދެން ވާރޭ ވެހިފައި ވާތީ އެރަށުގެ ބޮޑު ބައެއްގައި އޮތީ ފެންބޮޑުވެފަ އެވެ. އަދި މީހުން ދިރިއުޅޭ ތިން ގެއަކަށް ފެން ވަދެފައި ވެ އެވެ.
ޕަންޕް ޖަހައިގެން އެރަށޫގައި ބޮޑުވެފައި އޮތް ފެން ހިންދުމުގެ މަސައްކަތް ކުރީ ސިފައިންނެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވަނީ އޭދަފުށީގައިވެސް ފެންބޮޑުވެފައެވެ.
މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.