
ބ އަތޮޅު ރަށްތަކުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި ކޮންމެ ރަށެއްގައި ދެ ރޫމްގެ އެޕާޓްމަންޓްތަކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބ. އަތޮޅު ކައުންސިލާ ބ. އަތޮޅުގެ ގުދަރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ފަންޑުން، އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ކުރިއަށް ގެންދާ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރުންނާއެކު ސޮއިކުރެއްވީ އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރެވެ.
މި މަސްރޫއު އަށް ކޮންޒަވޭޝަން ފަންޑުން ތިން މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އަތޮޅު ކައުންސިލުން ވެސް ތިން މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް އިމާރާތް ކުރަން ނިންމާފައިވާ ދެ ކޮޓަރީގެ މި އެޕާޓްމަންޓްތަކުގެ ބޭނުން ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުގެ އިތުރުން ސްކޫލް ތަކަށް އަންނަ ޓީޗަރުންނަށާއި ހެލްތް ސެންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ބޭނުންކުރެވިދާނެ ގޮތަށެވެ.

ބ. އަތޮޅު ކައުންސިލުގައި ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްއަކަށްވުމުން ރައްޔިތުން ވީ ޤުރުބަނީގެ އަގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން އަދި ފެންނަމުންދާތީ އުފާކުރައްވާކަމަށެވެ. އަދި މިކަމުގެ ސަބަބުން މިއަތޮޅަށް މުސްތަގުބަލުގައި ވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ ކޮންޒަވޭޝަން ފަންޑުގެ ޕާޓްނަރުންގެ ގޮތުގައި އެއްބަސްވުމެއް ހަދާފައިވަނީ ވަރަށް މަދު ރިސޯޓްތަކެއް ކަމަށާއި އަތޮޅުގެ ހުރިހާ ރިސޯޓްތަކެއް މި ފަންޑުގައި ބައިވެރިވެއްޖެނަމަ މިއަށްވުރެ ބޮޑު އާމްދަނީއެއް ފަންޑަށް ލިބޭނެކަމަށެވެ.
ކޮންޒަވޭޓިވް ފަންޑުން އެކި ޕްރޮޖެކްޓްތައް ހިންގަން 2015 ވަނަ އަހަރު ވެސް ހަތް ޕްރޮޖެކްތަކަށް އެއްލައްކަ ޑޮލަރު ދީފައިވެ އެވެ. އެ ފަންޑު އުފެއްދީ 2012 އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.