ބީއެމްއެލްގެ އެހީގައި ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އެ ރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދަތުރު ދިއުމަށް ބޭނުން ކުރާ މި ސަރަހައްދު ވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ގާއިމްކޮށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ވަނީ ތައްޔާރު ކޮށްފައވެ.

އަދި މީގެ އިތުރުން ވަނީ ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި ވަނީ 30 ރުކާއި އިތުރު ގަސްވެސް އިންދާފައެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓާފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯރޓްސް ކްލަބުގެ ފަރާތުން ބުނީ ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

“އަދި މުސްތަގުބަލުގައި މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށްވެސް މިސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ އަޅުގަނޑުމެންގެ ތަސައްވަރު. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އަޅުގަނޑުމެންގެ ކްލަބްގެ މެންބަރުންކޮށްދެވި ބުރަމަސައްކަތަށާއި ކައުންސިލް އިން ވެދެއްވި އެހީތެރިކަމަށް ޝުކުރުދަންނަވަން.” އެ ކްލަބުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.