
ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ހަރުކުރުމުގެ ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން 51،861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. އަދި 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 558 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރާކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަށް 48 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެ އެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.