
ސޮނޭވާފުށިން ކުރިއަށް ގެންދާ “ނަމޫނާ ބ.” މަޝްރޫއުގެދަށުން ދަރަވަންދު އާއި ކިހާދޫގައި ވެސް ކުނި އެންދުން ހުއްޓާލައިފި އެވެ.
“ނަމޫނާ ބ.” ހަރަކާތަކީ ސޮނޭވާފުއްޓާއި ކޮމަން ސީސްގެ އިތުރުން މި އަތޮޅު ކިހާދު އާއި ދަރަވަންދޫ އަދި މާޅޮސް ގުޅިގެން ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ހަރަކާތުގެ ދަށުން މި ތިން ރަށުގައި ސެންޓްރޯތައް ހަދަން ވަނީ ނިންމާފަ އެވެ. އެގޮތުން މިއަހަރު ކުރީކޮޅު ވަނީ މާލޯހުގައި ކުނި އެންދުން ހުއްޓާލައި ރާއްޖޭގައި ހެދި ފުރަތަމަ އީކޯ-ސެންޓްރޯ އެރަށުގައި ހުޅުވައިފަ އެވެ.

ކިހާދޫގައި ކުނި އެންދުން ރަސްމީކޮށް ހުއްޓާލުމުގެ ގޮތުން މިއަދު ހަވީރު އެރަށު އިކޯ ސެންޓްރޯ ގައި ބޭއްވި އޯޕަން ޑޭ ގައި ވާހަކަ ދައްކަމުން ކައުންސިލުގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ މިއަދުން ފެށިގެން އެ ރަށުގައި ކުނި އެންދުމުގެ ހުއްޓާލައި ކުނި މެނޭޖް ކުރުމުގައި ނަމޫނާ ދައްކާ ރަށަކަށް ހަދާނެ ކަމަށެވެ.
އޯޕަން ޑޭ ގައި މިއަދު ވަނީ އިކޯ ސެންޓްރޯ ގައި ކުނި މެނޭޖް ކުރެވިގެންދާނެ ގޮތް ރައްޔިތުންނަށް ދައްކާލައި ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުދީފަ އެވެ.

މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ސޮނޭވާފުށިން ކުރިއަށް ގެންދާ “ނަމޫނާ ބ. އަތޮޅު” މަޝްރޫއުގެ ދަށުން މި ޕްރޮޖެކްޓަށް މިވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެން ފަށައިފަ އެވެ. ސޮނޭވާފުށިން “އީކޯ- ސެންޓްރޯ” ގާއިމްކޮށްދޭން ނިންމި ދަރަވަންދު އާއި ކިހާދޫގެ އިތުރުން މާޅޮހުގެ ތެރެއިން އެންމެ ބާރަށް އެ ޕްރޮޖެކްޓް ކުރިއަށް ދަނީ 730 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގަ އެވެ.
އެ ރިސޯޓުގެ ވިސްނުމަކީ އެ ކާމިޔާބު ކޮންސެޕްޓް މިފެށޭ އަހަރު މިއަތޮޅު މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމެވެ.