
އިއްޔެ ބ. ދަރަވަންދޫއަށް ރިކޯޑް އަދަދަކަށް ވާރޭވެހުނު ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އިއްޔެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ދަރަވަންދޫއަށް މުޅިއަކު 135.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އެ އޮފީހުން ބުންޏެވެ. އެތަނުން ބުނީ މިއީ މިހާތަނަށް އެރަށަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް ކަމަށެވެ.
އިއްޔެ އެރަށަށް ކުރި ވިއްސާރައިގެ ސަބަބުން ބައެއްގެތަކަށް ފެންވަދެފައިވާކަމަށާ، އަދި ބައެއް މަގުތަކުގައި ފޫޓަކަށްވުރެ އުސްކޮށް ފެން ހެދިފައިވެއެވެ. އެރަށުގެ މަގުތަކުގައި ހެދުނު ފެން ހިންދާފައިވަނީ ދަރަވްންދޫ އެއާޕޯޓްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަމްޕް ބޭނުންކޮށްގެން، މޫދަށް ކޯރުކަނޑައިގެން ރައްޔިތުންނާ ފުލުހުންނާ އެރަށު އެއަރޕޯޓް މުވައްޒަފުންނާއި ކައުންސިލް ގުޅިގެންނެވެ.
އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ބ.އަތޮޅަށެވެ. އެގޮތުން މާޅޮހުގައި ވެސް ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުންތަކެއްވަނީ ލިބިފައެވެ. ވާރޭ ވެހުމުގެ ސަބަބުން އެރަށު މަގުތަކުގައި ހެދިފައިއޮތް ފެންގަނޑުތައް ހިނދާލެވުނީ ރޭ މެންދަމުއެވެ.