
ބ. ތުޅާދޫ ސްކޫލަށް ބައި ގަރުނެއްހާ ދުވަހު ހިދުމަތްކުރެއްވި އެ ރަށުގެ މަޝްހޫރު ގުރުއާން މުދައްރިސް އިބްރާހިމް ހުސެއިންފުޅު ހަނދާނުގައި ބާއްވާ ތައުބީން ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

ތުޅާދޫ ސްކޫލްއާއި ތުޅާދޫގެ ދެ ޕްރީސްކޫލާއި ދެކްލަބް ގުޅިގެން ބާއްވާ މި ޖަލްސާ އޮންނާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މިރޭ 9:00 ގައި ތުޅާދޫ ސްކޫލުގައެވެ. މިޖަލްސާގައި ޒޫމް މެދުވެރިކޮށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ޖަލްސާ ވީޓީވީއިން ލައިވް ވެސް ކުރާނެ އެވެ.
އުމުރުން 75 އަހަރުގައި އިބްރާހިމްފުޅު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ.
އިބްރާހިމްފުޅަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ ބައްޕަ އެވެ. އިބްރާހިމްފުޅުގެ ނުވަ ބޭފުޅުންގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ ދިވެހި އަދަބިއްޔާތުގެ ތަރި އަންވަރު އިބްރާހީމެވެ. އަމީނާއި އަންވަރު ވެސް ވަނީ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ޒުވާނުންގެ ގައުމީ އިނާމް ހާސިލްކުރައްވައިފަ އެވެ. އަދި އިބްރާހިމްފުޅުގެ ހަގު ދަރިފުޅު އަންސަރު އިބްރާހިމް ވަނީ 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ.
ރ. މީދޫ އަށް އުފަން އިބްރާހިމްފުޅު ތުޅާދޫ ވަރަށް ޒުވާން އުމުރެއްގައި ތުޅާދޫގައި ވަޒަންވެރިވެވަޑައިގެން އެ ރަށުގެ ކުޑަކަތީބުކަމާއި ކާޑުގުދަނުގެ ވެރިކަމާއި މުދިމުކަން ވެސް ކުރެއްވި އެވެ. އެންމެ ގިނަ ދުވަހު، އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރެއްވީ ސްކޫލަށެވެ.
އެންމެ ފުރަތަމަ ހުރިހާ މާއްދާއެއް ކިޔަވައިދެއްވި ނަމަވެސް ފަހުން ހާއްސަވެވަޑައިގަތީ ގުރުއާން މުދައްރިސަކަށެވެ. އަދި އަމިއްލަ ގޭގައި ގުރުއާން ކިލާހަކާއި ގުރުއާން ކްލާސް ހިތު ދަސްކުރާ ކިލާހެއް ހިންގަވައި އެއްވެސް އަގެއް ނުގަންނަވައި ކުދިންނަށް ކިޔަވައިދެއްވި އެވެ.