ވެލާ ކަހަނބަށް ފަރުވާދީ ބަލަހައްޓަން ޝައުގުވެރިވޭތަ؟ މިއޮތީ ރަނުގެ ފުރުސަތެއް!

ބ. އަތޮޅުގެ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ހުންނަ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ)ގެ ވެޓް ޑރ. މިނީ އާއިއެކު ވެލާކަހަނބު ރައްކާތެރިކޮށް، އަނިޔާ ވެފައިވާ ވެލައަށް ފަރުވާދީ، މި ދިރުންތައް އަނބުރާ އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ދިވެހިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އޯއާރުޕީ އިން ބުނީ ފުލްޓައިމް އިންޓާންޝިޕަށް ހޮވޭ ފަރާތަކަށް ހަ މަސްދުވަހުގެ މުސާރަލިބޭ ކަމަށެވެ. އަދި ބުނީ މިއީ ގަޔާވާ ކަމެއްނަމަ، ލަސްނުކޮށް އަންނަ ބުދަ ދުވަހުގެ ކުރިން އެ ޕްރޮޖެކްޓުގެ އިންޓާންޝިޕަށް ކުރިމަތިލުމަށް އޯއާރުޕީން އެދެއެވެ.

އިންޓާންޝިޕަށް ކުރިމަތިލާ މީހަކީ ކަނޑުފަޅުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އުނގެނެން ބޭނުންވާ، އަދި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތަކަށްވާން ޖެހެނެއެވެ. އަދި ދިވެހި ބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ލިޔަންކިޔަން އެނގުމާއެކު ވާހަކަދައްކަން އެނގޭ މީހަކަށްވެސް ވާންޖެހޭނެ އެވެ.

މި އިންޓާންޝިޕްގައި ވެލާކަހަނބަށް ކާންދީ، ސާފުކޮށް، އެތަކެތި ފީނުމަށް ހިތްވަރު ދިނުމުގެ ގޮތުން މޫދަށް ގެންގޮސް، ސާޖަރީ ކުރުމުގައި ވެޓަށް އެހީވެދީ، ބޭސްދިނުމާއި ފިޒިއޯ ހަދައިދިނުން ފަދަ ހަރަކާތްތެރި މަސައްކަތްތަކެއް އެކުލެވިގެންވާ، ތަފާތު ތަޖުރިބާ އަކަށްވެގެންދާނެ ފުރުސަތެއްކަމަށް އޯއާރުޕީން ބުނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ލިޔަންކިޔަން، އަދި ވާހަކަދައްކަން އެނގުން.
  • ކަނޑުފަޅުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އުނގެނެން ބޭނުންވާ، އަދި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތަކަށްވުން.
  • 35 ކިލޯ ހަމަވާވަރުގެ ވެލައެއް (އެހެން ފަރާތެއްގެ އެހީއާއިއެކު) އުފުލުމާއި އަދި ޓޭންކު ސާފުކުރުން ފަދަ ހިންގުންތެރި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުން
  • ފަރިތަކަމާއެކު ސްނޯކެލް ކުރުމާއި ރަނގަޅަށް ފަތަން ދަންނަ، ގަދަ ކަނޑުތަކަށްވެސް ކެރޭ ކުއްޖެއް ކަމުގައިވުން. (ދުވާލަކު 2 ފަހަރު ވެލާކަހަނބާއިއެކު މޫދަށް އެރެން ޖެހިދާނެ. ފްރީ ޑައިވް ކޮށްލަން އެނގުންވެސް މުހިއްމު!)
  • ރިސޯޓު ލައިފް ކަމުދާ ކުއްޖެއް ކަމުގައިވުން.
  • ރާއްޖޭގައި އޯ.އާރް.ޕީ އަދި ވެލާކަހަނބާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގައި ކޮންޓެންޓް އުފެއްދުމުގެ ތަޖުރިބާ ލިބިގެންވުން.

އޯ.އާރް.ޕީ ރެސްކިއު ސެންޓަރަކީ ވީހާވެސް ގިނަ ވެލާކަހަނބަށް ފަރުވާދިނުމަށްފަހު އަނބުރާ މޫދަށް ދޫކޮށްލުމުގެ އުއްމީދުގައި އެކަކު އަނެކަކާއި ގުޅިގެން، އެއް މަގުސަދެއްގައި މަސައްކަތްކުރާ ޓީމެއް އެކުލެވިގެންވާ ސެންޓަރެކެވެ.

ބުރަ މަސައްކަތެއް ކަމުގައިވިޔަސް، އިންޓާންޝިޕް ނިމިގެންދާއިރު ވެލާކަހަނބަށް އޮންނަ ލޯބި އިތުރުވެ، މައުލޫމާތު މުއްސަނދިވެގެންގޮސް، ރަނގަޅު މަސައްކަތެއް ކުރެވުމުގެ ހުނަރު ލިބިގެންދާނެ ކަމަށް އޯއާރުޕީން ބުންޏެވެ.

މި ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ އަދި ސީވީ އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.