
ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިއަދު ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖޫބުރުކޮށް އެކަން ތަންފީޒު ކުރަން ކަމާއި ބެހޭ އިދާރާތަކަށް އަންގާފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށް އެޗްޕީއޭ އިން އާންމުކުރި އެންގުމުގައި ބުނީ މާސްކު އެޅުމުން އިސްތިސްނާވާނީ އުމުރުން ދެ އަހަރު ނުވާ ކުދިންނާއި ކަސްރަތު ކުރަން އުޅޭމީހުން، އަދި އެހެން މީހުންގެ އެހީ އާއި ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކުގައި ކާބޯތަކެތީގެ ހިދުމަތް ހޯދާ ފަރާތްތައް ކަމަށެވެ.
މި އަހަރު ފެށުނީއްސުރެ ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާއިރު، އިއްޔެ އެކަނިވެސް ވަނީ 215 ކޭސް ފެނިފައެވެ.
ކޮވިޑް19 ގެ ކޭސްތައް އިތުރުވާނަމަ، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ނުތަކާ ވަރުވެދާނެތީ، އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ބަލިފެތުރުން ކޮންޓްރޯލު ކުރުމަށް މާދަމާރެއިން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާވެސް ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާ ކުރަން ވަނީ ނިންމައިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 ގެ 16،056 ގެ ކޭސް ފެނިފައިވާއިރު 1،07 އެކްޓިވް ކޭސް އެބައޮތެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 184 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.