
ބ. ކެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ކެންދުއަށް އަރައި ފޭބުން މަނާކޮށް މޮނިޓާ ކުރަން ފެށީ ކޮވިޑް-19 އާ ގުޅިގެން، ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.
ކެންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިއުމުގައިވާ ގޮތުން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިއެއްޗެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން މިރޭ ކެންދޫ މޮނިޓަރިންއަށް ލި އިރު މިދިޔަ ހޮނިހިރު ދުވަހު ހޯމް ކަރަންޓީނުގައި ހުރި މީހަކު އެރަށުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރެއިން ވެސް މީހުން ޕޮޒިޓިވް ވަމުންދާއިރު، ބައެއް ރަށްރަށް މީގެކުރިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.