
ބ. ގޮއިދޫގެ ޒުވާނުން 72 ގަޑިއިރު ވަންދެން ކައިޓް ސާފްކޮށް ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ވަގުތު ކައިޓް ސާފުކުރުމުގެ ރެކޯޑް ހަދައިފި އެވެ.

ކައިޓް ސާފިން އަށް ލޯބިކުރާ ގޮއިދޫގެ ޒުވާނުން މި ރެކޯޑް ހެދީ އެ ރަށުގައި ކައިޓް ސާފްކުރާ ކުދިން މި ކުޅިވަރަށް ލޯބި ޖެއްސުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތުގަ އެވެ.
ގޮއިދޫގެ ދެކުނު ފަރާތުގެ ފަޅުތެރޭގައި ކުރިއަށް ގެންދިޔަ ކައިޓް ސާފިންގެ މި ހަރަކާތުގައި 22 ކައިޓް ސާފަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ގޮއިދޫ ސްކޫލުގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުން ވެސް ހިމެނެއެވެ.

މި ރެކޯޑް ހެދުމަށް އެކުދިން ވަނީ ތިން ދުވަސް ވަންދެން ކައިޓް ސާފުކޮށްފަ އެވެ. އެގޮތުން މި ހަރަކާތް ކުރިއަށް ދިޔައިރު އަބަދުވެސް މަދުވެގެން ކޮންމެވެސް އެއް ކުއްޖަކު ކައިޓް ހިފައިގެން މޫދުގައި ހަރަކާތްތެރިވެ އެވެ. މިދިޔަ ތިން ދުވަހުގެ ތެރޭގައި ކައިޓް ދުއްވުން މެދުކަނޑާލައިފައި އޮތީ ހަމައެކަނި ނަމާދު ވަގުތަށާއި ވައިގެ ބާރުމިން ނެތުމުގެ ސަބަބުން ހުއްޓާލި ވަގުތުތަކަށް އެކަންޏެވެ.
މިހަރަކާތުގެ ބައެއް މަންޒަރުތަކާއި ލައިވް ވީޑިއޯތައް ވަނީ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ފޭސްބުކް ޕޭޖުން ލައިވްކޮށް ގެނެސްދީފައެވެ.
ކައިޓް ސާފިންގެ މި ހާއްސަ އިވެންޓް އިންތިޒާމްކުރި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ބުނި ގޮތުގައި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނީ ސާފަރުން ކުރި ހިތްވަރުން ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްގެންދިއުމުގައި ގޮއިދޫ ކައުންސިލާއި ރައްޔިތުންނާއި ކުދިންގެ ބެލެނިވެރިންގެ އިތުރުން ޔޫތު މިނިސްޓްރީއާ ރެޑް ބުލް މޯލްޑިވެސް ގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރި އެވެ.
ރާއްޖޭގައި މެދުކެނޑުމެއްނެތި ކައިޓް ސާފުކުރުމުގެ ހަރަކާތެއް މިދިޔަ އަހަރުގެ އޯގަސްޓްމަހު ހދ. ކުޅުދުއްފުށިގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ކައިޓް ދުއްވާފައިވަނީ 24 ގަޑި އިރު ވަންދެންނެވެ.