
ކޮވިޑް-19 ފެތުރޭތީ މި ސަރަހައްދުގެ އެކި ރަށްރަށުންނާއި ރިސޯޓްތަކުން ބިދޭސީންގެ ވޯކްޕާމިޓް ވިސާއަށް ބޭނުންވާ މެޑިކަލް ހެދުމަށް ބ. އަތޮޅު ހޮސްޕިޓަލަށް އަންނަ ފަރާތްތަކަށް ކަނޑައެޅި އުސޫލު ހަރުކަށިކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މެޑިކަލް ހަދަން އަންނަ ފަރާތްތަކުގެ އުސޫލު ހަރުކަށި ޖެހުނީ މެޑިކަލް ހަދަން އަންނަ ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ޝަކުވާ އާއި އާންމުން ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އެމީހުން އުފުލަމުންދާތީ އެކަމުގެ ޝަކުވާތައް ލިބޭ ކަމަށާއި އުސޫލް ހަރުކަށިކުރަން ޖެހުނީ އެހެންވެ ކަމަށެވެ.
މީގެ އިތުރު މިފަހަކަށް އައިސް ރިސޯޓްތަކުގައި ވެސް ކޮވިޑް-19 ފެތުރެމުން އަންނާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އާ އުސޫލުގެ ދަށުން، މެޑިކަލް ހައްދަން އަންނަ ބިދޭސީން ދަތުރު ކުރުމަށް އެންބިއުލާސް ހަމަޖައްސާ، ފޮޓޯ ނެގޭނެ އިންތިޒާމު ހޮސްޕިޓަލުގައި ވަނީ ހަމަޖައްސާފައެވެ. އަދި ރަށުގައި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތުތަކާ، ކެއުމުގެ ހުރިހާކަމެއް ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރާގޮތަށް ވަނީ ނިންމާފައެވެ. އަދި މިޚިދުމަތްތައް ފޯރުކޮށްދޭއިރުވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބ.އަތޮޅު ހޮސްޕިޓަލުން ލަފާދެއެވެ.
ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ވޯކްޕާމިޓް ދިނުމަށް ހަދާ މެޑިކަލް ޓެސްޓްހަދަން ދުވާލެއްގެ މައްޗަށް ރިސޯޓްތަކާ ގެސްޓްހައުސްތައް ހިންގާ ތަންތަނުން ގިނަ ބަޔަކު މީގެ ކުރިން ބ.އަތޮޅު ހޮސްޕިޓަލަށްދެއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މީހާރު މިޚިދުމަތް ފޯރުކޮށްދެނީ ދުވާލަކު 15 މީހުންނަށެވެ. އެގޮތުން ޚިދުމަތް މިދުވަސްވަރު ފޯރުކޮށްދެނީ މެންދުރުފަހު 14:00 ން ހަވީރު 17:00 އަށެވެ.
މި ވަގުތުތަކުގައި ހޮސްޕިޓަލަށް އިމަޖެންސީ ކަމެއްގައި ނޫނީ އާންމުން ޑޮކްޓަރަށް ދެއްކުމަށް ނުދިއުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.