
ބ. ކެންދޫގެ އަގުހުރި ޚިދުމަތްތެރިޔާ، އަދި އެރަށުގެ ރައްޔިތުންނަށް ނަމޫނާއެއް ކަމަށްވާ އެއްގަމުގޭ އަލީ ހުސެން (އައްޔަބެ) މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 84 އަހަރުގައި އައްޔަބެ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ މަޣްރިބް ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން އައްޔަބެ ފާހަގަކޮށްލެވެނީ ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ. އައްޔަބެ އަކީ ރަށުގައި ކުރާ ބޮޑެތި ހުރިހާ މަސައްކަތުގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ އަދި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވި އެރަށު ރައްޔިތުންނަށް ނަމޫނާއެކެވެ.
އައްޔަބޭގެ ބޭފުޅުންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި މެޑިކަލް ޑޮކްޓަރުންނާއި ލޯޔަރުންނާއި ޕީއެޗްޑީއާ ހަމައަށް ކިޔަވާ ވިދާޅުވެފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ.
މިސްރާއި މެލޭޝިޔާއިން ކިޔަވާ ވިދާޅުވުމަށް ފަހު، މިހާރު އިސްލާމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެކަޑަމިކް އެފެއާޒުގެ މަގާމުގައި ހުންނެވި ޑރ. ސައުދުﷲ އަލީ އަކީ އެ އާއިލާގެ އެއް ބޭފުޅެވެ. ސައުދުﷲ އަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން މަޝްހޫރު ބޭފުޅެކެވެ.
އައްޔަބޭގެ އެހެން ބޭފުޅެއް ކަމަށްވާ މިހާރު އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމުގައި ހުންނެވި ނަސްރުﷲ އަލީ އަކީ ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިއެކެވެ. އަދި ކެންދޫ ސްކޫލުގެ މަތީ މަގާމުތަކުގައި އަންހެން ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކެންދޫ މީހުން ގަބޫލުކުރާ ގޮތުގައި އައްޔަބެއަކީ އެ ރަށުގެ ތައުލީމީ މުހިއްމު ތަނބެކެވެ. އެ ރަށަށް އޭނާ ކޮށްދެއްވާފައިވަނީ އަގުނުކުރެވޭނެ ފަދަ ހިދުމަތްތަކެކެވެ.
އެގޮތުން ގިނަ އަހަރުތަކެއް ވަންދެން ރަށުގެ ނައިބުކަން ކުރެއްވުމަށް ފަހު، އެ ރަށުގައި އެޅި ތިން ސްކޫލުގައި ވެސް ނާޒިރުކަން ކުރެއްވި އެވެ. މީގެ އިތުރުން ކެންދޫގައި އޭނާ ގުރުއާން ކްލާސް ހިންގަވާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރަޖިސްޓްރީކޮށްގެން އެހާ ގިނަ ދުވަހު ހިންގި ގުރުއާން ކްލާހެއް ރާއްޖެއަކު ނެތެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް އޭނާ ކައިރިން ވަނީ އުނގެނިފަ އެވެ.
ކެންދޫ ކަލޭފާނަށް ބައްޕަ ވިދާޅުވާ އައްޔަބެ އެ ރަށުގައި ގުރުއާން ކިޔަވައިދެއްވަން ފެއްޓެވީ އުމުރުން ވިއްސަކަށް އަހަރުގަ އެވެ. ރަށުގައި ގުރުއާން ކިޔަވައިދޭ ތަނެއް ނެތުމާ އެކު އޭނާ އުފެއްދެވި ކްލާހަށް އޭރު ދިޔައީ 12 ވަރަކަށް ކުދިންނެވެ. އެކަމަކު ގޭގެ ބޮޑުއަށި މަތީގައި ފެށި އެ މަސައްކަތުގައި، މިއަދާ ހަމައަށް އައި އިރު ގިނަ ބަޔަކަށް އޭނާ ވަނީ ގުރުއާން ކިޔަވަން ދަސްކޮށްދެއްވާފަ އެވެ.