ގޮއިފުޅަފެހެންދޫ ގުޅާލުމަކީ އަލުން ވިސްނަން ޖެހޭ ކަމެއް: ރައީސް

ބ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަކީ އަލުން ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ތިން ރަށުގެ ރައްޔިތުންނާ ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި އޮންލައިންކޮށް ކުރިއަށް ގެންދާ “ރަށްވެހި ފަތިސް” ޖަލްސާތަކުގެ ސިލްސިލާގެ ތެރެއިން ބ. އަތޮޅަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާގައި ރައީސްވިދާޅުވީ ސަރުކާރުގެ ފުރަތަމަ ވިސްނުމަކަށް އޮތީ ވެސް ތިން ރަށް ކޯޒްވޭއަކުން ގުޅުވާލުމަށް ފަހު ކޮންމެ ވެސް އެއް ރަށެއްގައި ބޮޑު އެއް ބަނދަރު ބޭއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ކޯޒުވޭ ހެދުމާ ބެހޭ ގޮތުން އެ މަނިކުފާނު ވެސް ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށާއި ނަމަވެސް އެކަމާ ދޭތެރޭ ސަރުކާރުން އަލުން ވިސްނަން ޖެހޭ ކަމަށެވެ. އެއީ ތިން ރަށުގައި ވެސް މިހާރު ތިން ބަނދަރު ހެދިފައި ވާތީ އެވެ.

“މި ކަމާ ދޭތެރޭ އިތުރަށް ވިސްނަން އެބަ ޖެހޭ، ދެ ރަށުގައި ވެސް ބަނދަރު މިހާރު މި ހެދުނީ. ތިން ރަށުގައި އެ އޮތީ ތިން ބަނދަރު. އޭރު އަޅުގަނޑުމެންގެ ވިސްނުން އޮތީ ތިން ރަށް ގުޅާލާފައި އެއް ބަނދަރު އަޅަން. އެކަމަކު، މިއާ ދޭތެރޭގެ ރައްޔިތުންނާ މަޝްވަރާކޮށްފައި ގޮތެއް ނިންމަން ޖެހޭނީ،” ރައީސް ވިދާޅުވިއެވެ.

ގޮއިދޫއާއި ފެހެންދޫއާ ދެމެދު ކޯޒްވޭއެއް އަޅަން މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް ހިމެނިއެވެ. އެއް ފަޅެއްގައި އޮންނަ މި ދެ ރަށުގެ ދެމެދު ކޯޒްވޭއެއް އެޅުމަށް 210,000 ރުފިޔާއެއް މިދިޔަ އަހަރުގެ ބަޖެޓްގައި ހިމެނިއެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމާ ގުޅިގެން ކޮންޓްރެކްޓް ކުރެވިފައިނުވާ މަޝްރޫއުތައް މަޑުޖައްސާލުމުން މިފަދަ ބައެއް މަޝްރޫއުތައް އޮތީ މަޑުޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.