
ބ. ދޮންފަނު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީ ހޯގާޑުން މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮށްޓެއް ލުމާއި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ގާއެތުރުމުގެ މަސައްކަތެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓަރަކްޗާ އިން އެމްޓީ ހޯގާޑާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 31 މިލިއަން ރުފިޔާ އަށެވެ.
ދޮންފަނުގެ ބަނދަރާއެކު މިއަތޮޅު ކުޑަރިކިލާއި ކިހާދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް އެމްޓީ ހޯގާޑާ ވަނީ ހަވާލުކޮށްފައެވެ. އެ ދެ ރަށުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ވެސް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.
