އޭދަފުށިން ވެސް ކުޑަހުވަދުއަށް ބައެއް މީހުން ދަތުރުކުރި

މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ދ. ކުޑަހުވަދޫއަށް އޭދަފުށިން ވެސް ބައެއް މީހުން ދަތުރުކޮށްފައިވާތީ، ދަތުރުކުރި ފަރާތްތަކުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ބ. އަތޮޅު ހޮސްޕިޓަލުން އަންގައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ބ. އޭދަފުށީ އެޓޮލް ކިއުޓް ލޯންޗް މާރޗު 10 އިން 13 އަށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރި ދަތުރުގައި ދ. ކުޑަހުޥަދޫއަށް ދަތުރުކުރި ފަރާތްތަކުން އެރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ފަރާތްތަކުން އޭދަފުއްޓަށް އައުމަށްފަހު އެކި ގޮތްގޮތުން ގިނަ ބަޔަކާއި ކޮންޓެކްޓް ވެފައިވުމާއެކު، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އަތޮޅު ހޮސްޕިޓަލުން ވަނީ އަންގައިފަ އެވެ.

ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު ފުރި ނަމަ، އެ މީހަކު އުޅޭ ރަށެއްގެ ސިއްހީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށާއި ކަރަންޓީންގެ މުއްދަތު ހަމަވުމުން، ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބުންޏެވެ. އެ މީހަކު ހުރި ރަށެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކުން މި ކަން ހަމަޖައްސަދޭން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.