ބ. އަތޮޅަށް އެމްޓީސީސީ ފެރީގެ ހިދުމަތް އެކަށިގެންވާ ގޮތެއްގައި ނުލިބޭތީ ކަންބޮޑުވުން

ބ. އަތޮޅުގެ ރަށްރަށަށް އެމްޓީސީސީން ފޯރުކޮށްދެމުންގެންދާ ފެރީގެ ޚިދުމަތް އެކަށިގެންވާ ގޮތެއްގައި ލިބެމުން ނުދާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބ. އަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނީ އަތޮޅު ތެރޭގައި ފެރީގެ ހިދުމަތަށް ބޭނުންކުރަމުންދާ ދެ އުޅަނދުންކުރެ އެއް އުޅަނޑު ނުވަތަ  އެއް އުޅަނދެއްގެ އިންޖީނަސް ތަކުރާރުކޮށް ތަފާތު މައްސަލަތައް ކުރިމަތިވެ، ދަތުރު ނުކުރެވޭ ހާލަތްތައް އިތުރުވަމުންދިއުމާއެކު އެކަމުގެ ޝަކުވާތަށް އަތޮޅު ރައްޔިތުންގެ ފަރާތުން ކެންޑިނޭޅި ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

“ހަމަ އެހެންމެ އުޅަނދުތަކަށް މައްސަލަތަކެއް ކުރިމަތިވެ ދަތުރު ނުކުރެވޭކަން ކައުންސިލުތަކާ ހިއްސާ ނުކުރުމުގެ ސަބަބުން އަތޮޅުގެ ބައެއް ރަށްރަށުން އެ ޚިދުމަތް ލިބިގަންނަންއެދޭ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުންނަ ފަހުން ވެސް ދަތުރު ކެންސަލް ކުރެވިފައިވާ ކަމުގެ މައުލޫމާތު ހިއްސާ ނުކުރާކަން ވެސް މިފުރުސަތުގައި ފާހަގަ ކުރަމެވެ.”

ކައުންސިލުން ބުނީ މިގޮތަށް ދަތުރު ކެންސަލުކުރާ ބައެއް ހާލަތްތަކުގައި އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ފެންނަ ގޮތަށް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުގެ ވެރިފަރާތުން އަމިއްލަ ދަތުރުތައް ވެސް ކޮށްފައިވާ ކަމުގެ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށެވެ.  

“ހަމަ އެހެންމެ ފެރީއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ދަތުރު ނުކުރެވި، އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ދެ ހަފްތާއެއްހާ ދުވަހަށް އެ ޚިދުމަތުން މަހުރޫމްވާންޖެހޭ ހާލަތްތައް ވެސް އަތޮޅުގެ ރައްޔިތުން ވަނީ ތަޖުރިބާކޮށްފަ އެވެ. މިކަންކަން ތަކުރާރުވަމުންދާތީ، ހައްލެއް ހޯދުމަށްއެދި އެމްޓީސީސީއާއެކު ތަފާތު ފޯރަމު ތަކުގައި މަޝްވަރާކުރެވި މިއަދާ ހަމައަށް އައިއިރުވެސް ވަނީ ހައްލެއް ލިބޭގޮތް ނުވެފަ އެވެ،”

ބ އަތޮޅު ކައުންސިލުން ބުނި ގޮތުގައި ފެރީގެ ޚިދުމަތުގެ ލުއި ފަސޭހަކަން ރައްޔިތުންއެދޭ މިންވަރަށް ފޯރުކޮށްނުދޭކަމީ ކައުންސިލުގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. އަދި ހަމައެހެންމެ ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ކުންފުނީގެ ފަރާތުން މި ޚިދުމަތް ފުރިހަމަކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުން އަޅަމުން ނުދާކަން ފާހަގަކޮށް އެކަންވެސް ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

ކައުންސިލުގެ ބަޔާނުގައި ވަނީ އަތޮޅުތެރޭގެ ރައްޔިތުނަނަށް ސަރުކާރުން ފޯރުކޮށްދެއްވަމުންގެންދަވާ ފެރީގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ބ. އަތޮޅުގެ ރައްޔިތުންނަށް ލިބިގަނެވޭނެ މަގުފަހިކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.