ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމްގެ ދަރިވަރުންނާއެކު، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް (ކ-4) ފޮޓޯއަކަށް ހުއްޓިލައިގެން: އެއީ އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް.– ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ އަދި ދަސްވެނިވެފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭންްކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިންޓާންޝިޕްގައި، ތަފާތު އެކި ދާއިރާތަކުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި ދަސްވެނިވެފައިވާ ދަރިވަރުން ހިމެނެ އެވެ. ބީއެމްއެލްއިން ބުނީ މި ކުދިން އެ ބޭންކުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ކުދިންނަށް އެހީވުމަށް ކޮންމެ ކުއްޖަކަށް ބީއެމްއެލްގެ ތަޖުރިބާ ކާރު މުވައްޒަފަކު ހުންނާނެ ކަމަށެވެ.

އެ ބޭންކުން ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި އިންޓާންޝިޕް ޕްރޮގްރާމަށް 150 ދަރިވަރުން ކުރިމަތިލި އެވެ. އެ ޕްރޮގްރާމަށް ދަރިވަރުން ހޮވީ އިންޓަވިއު ކޮށްގެންނެވެ. ޖާގަ ދީފައިވަނީ 15 ދަރިވަރުންނަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އުފެއްދުންތެރި ޒުވާނުންތަކެއް ބޭންކަށް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމުން އެންމެ ރަނގަޅު ދަރިވަރުންނަށް ވަޒީފާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ބޭންކުގެ މަސައްކަތްތައް ދަސްވެ ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް ބޭންކުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިންޓާންޝިޕް ޕްރޮގްރާމްގެ ދަރިވަރުންނަށް އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ އަދި ރޯދަ ބޯނަސް ދޭނެ އެވެ. ޗުއްޓީގެ ގޮތުގައި 15 ދުވަހާއި އެމަޖެންސީ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 95 އޭޓީއެމް އާއި 5،000 ޕީއޯއެސް މާޗަންޓުން އަދި 277 ކޭޝް އޭޖެންޓުން އެ ބޭންކުން ގާއިމުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.