ކަސްޓަމަރުންގެ ޝަކުވާތައް އަހާ އިންޓަނެޓް ސްޕީޑް މަތިކޮށްފިން: ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ފޯރުކޮށްދޭ އިންޓަނެޓް ޕެކޭޖްތަކުގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ އިންޓަނެޓް ސްޕީޑް ދަށްކުރުމާއި ގުޅިގެން ކަސްޓަމަރުންގެ ޝަކުވާތައް ގިނަވުމުން، އިންޓަނެޓް ޕެކޭޖްތަކުގެ ސްޕީޑް ކުރިއެކޭ އެއްފަދައިން އިތުރުކޮށްފި އެވެ.

އެގޮތުން ދިރާގުގެ އެންމެ އަގުހެޔޮ ދެ ޕެކޭޖްގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ސްޕީޑް 256 ކޭޕީބީއެސް އަށް އަދި މަހަކު 1،090ރ. ދައްކައިގެން ލިބޭ ފައިބާ 10 އެމް ޕްރިމިއަމުން ފެށިގެން ފައިބާ 5އެމް ޕްލަސް ސްޕީޑް 512 ކޭޕީބީއެސްއަށް ދަށްވާ ގޮތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިރާގުން ވަނީ ބަދަލުގެނެސްފަ އެވެ.
މީގެ ކުރިން ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ކޮންމެ ޕެކޭޖެއް ވެސް 1 އެމްބީޕީއެސް ސްޕީޑްގައި ބޭނުންކުރެ އެވެ.

ދިރާގުން އިންޓަނެޓް ޕެކޭޖްތަކުގެ ސްޕީޑަށް މި މަހުގެ ގެނައި ބަދަލާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމާ ސޯޝަލް މީޑިއާ ޝަކުވާކޮށް، ދިރާގަށް ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން ދިރާގުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަސްޓަމަރުންގެ އަޑު އަހައިފި ކަމަށާއި ފިކްސްޑް ބްރޯޑް ޕެކޭޖްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

ދިރާގުން ބުނީ ޑޭޓާ އެލަވަންސް އިތުރުކޮށް، އަގު ހެޔޮ ޑޭޓާ ބޫސްޓާތައް ތައާރަފްކުރުމުން ކަސްޓަމަރުންގެ ފަރާތުން ޕޮޒިޓިވް ފީޑްބެކް ލިބުނުނަމަވެސް، ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ ސްޕީޑަށް ގެނައި ބަދަލާއި ގުޅިގެން ކަސްޓަމަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން އެއްވެސް ޕެކޭޖެއްގެ ސްޕީޑް 256 ކޭޕީބީއެސް އަށް ދަށްނުކުރުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މިއަދު ގެނައި މި ބަދަލާއި ގުޅިގެން ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން، ހުރިހާ ކަސްޓަމަރުންނަށް ވެސް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 1 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އަންނަ އޮގަސްޓް މަހުން ފެށިގެން ފައިބާ 5 އެމް ޕްރިމިއަމުން ފެށިގެން ދަށުގެ ޕެކޭޖްތަކުގެ މަހަކު ލިބޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭނީ 512 ކޭޕީބީއެސް ސްޕީޑް ކަމަށާޢި އެއަށްވުރެ ބޮޑެތި ޕެކޭޖްތަކަށް ކުރިއެކޭ އެއްގޮތަށް ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން 1 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.