އުރީދޫން މަސްވެރިންނަށް ހިލޭ ގުޅާލެވޭނެ ޕެކޭޖެއް ތައާރަފުކޮށްފި

އުރީދޫ އިން މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންނަށް ހިލޭ ގުޅޭނެ ޕެކޭޖް ތައާރަފުކޮށްފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މި ޕެކޭޖު ތައާރަފް ކޮށްދީފައި ވަނީ މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޒަހާ ވަހީދު އާއި އުރީދޫގެ ރީޖަނަލް މެނޭޖަރު ސޭލްސް، އަބްދުއްލާ ސައީދު އެވެ.

މި ހާއްސަ ޕެކޭޖު ފަރުމާ ކުރެވިފައިވަނީ، އަދުގެ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށެވެ. އުރީދޫ މަސްވެރިންގެ ޕެކޭޖު މެދުވެރިކޮށް، މުޅި މަސްވެރިންގެ އާއިލާގެ ތެރޭގައި ހިލޭ ގުޅާލެވޭނެ އެވެ. އަދި މި ޕެކޭޖުތައް މެދުވެރިކޮށް ވަރަށް ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި، ހިލޭ ވައިބަ އަދި ޓްވިޓަ ލިބިގެންދާނެއެވެ.

އުރީދޫގެ ސީއީއޯ، ނަޖީބު ހާން ވިދާޅުވީ ފެށުނީއްސުރެ، އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެއް ކަމަށާ، މަސްވެރިންގެ މަސައްކަތް ހުންނަ ގޮތުން، އާއިލާ އާއި ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭނެ ކަމަށެވެ.

“އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ، ގާތް ތިމާގެ މީހުންނާއި ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ރައްކައުތެރި ކުރުމަށްޓަކާ އުރީދޫ އިން ދާނީ އަބަދު ވެސް އިންވެސްޓްމަންޓްތައް ކުރަމުން. ދިވެހިރާއްޖެއަށް އެހާމެ މުހިއްމު މި ދާއިރާ ކުރިއެރުމަށް ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ޝުކުރުވެރިވަން،” ނަޖީބު ވިދާޅުވި އެވެ.

އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގު ފަހިވެގެންދެ އެވެ. ހަމައެއާއި އެކު، ހަތަރު އަދަދުގެ ކުރު ނަމްބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

އުރީދޫ މަސްވެރިންގެ ޕެކޭޖު ބޭނުންކުރައްވާ ކަސްޓަމަރުންނަށް، މަސައްކަތުގެ މައިދާނުގެ އިތުރުން، އާއިލާ އާއި ގުޅާލުމަށް ވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކޮންމެ މަސްވެރިޔަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ މުޖުތަމައު އަށް ފައިދާކުރާނެ، އަދި ރައްޔިތުންގެ މަސައްކަތްތަކާއި އާންމު ދިރިއުޅުމަށް ކުރިއެރުން މަގުފަހިކޮށްދޭ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.