ދިރާގު ރޯޑްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓް ކަމުގައިވާ “ދިރާގު މޯލްޑިވްސް ރޯޑް 2019” ގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަންސް ހުޅުވާލައިފި އެވެ. www.dmrr.mv އިން މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.

2007 ވަނަ އަހަރުން ފެށިގެން ވިދިވިދި ގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ރޭސް މިއަހަރު ބާއްވަން ދިރާގުން ނިންމާފައި ވަނީ 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ހުޅުމާލޭގައި އެވެ. މި ފަހަރުގެ ރޯޑް ރޭސް ގައި އެހެން އަހަރުތަކާ ހިލާފު ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މި އަހަރުގެ ރޭހުގައި ދުވުންތެރިންނަށް 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގައި ދުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

މިއަހަރު ގެ ރޭހުގައި 10 ކިލޯމިޓަރުގެ ދުވުންތެރިންގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގައިއެވެ. އަދި ހަމަ އެހެންމެ، މިފަހަރު ރަޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނީ ހަމައެކަނި އޮންލައިން ކޮށް ރަޖިސްޓާ ކުރާ ވަގުތުގައި އެކަނި ކަމަށްވެސް ދިރާގުން ބުނެއެވެ.

ރަޖިސްޓާ ވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއާއި ޑެނޭޝަން، ފަސޭހަ ކަމާއެކު ދެއްކުމަށް ދިރާގު ޕޭ ނުވަތަ ބީއެމްއެލް ގޭޓްވޭ ބޭނުން ކުރެވިދާނެ އެވެ. ދިރާގު ޕޭ އިން ފީ ދައްކާ ފުރަތަމަ 100 ފަރާތައް 50 ޕަސެންޓް ޑިސްކައުންޓު ދިރާގުން ދެއެވެ. މިއަހަރުގެ ރަޖިސްޓްރޭޝަން ފީ އަކީ 100 ރުފިޔާއެވެ. އެހެންނަމަވެސް، ދުވުންތެރިންނަށް 100 ރުފިޔާއަށް ވުރެ އިތުރު ކޮންމެ އަދަދެއްވެސް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި އަހަރުގެ ރޭހުގައި ރަޖިސްޓާ ކުރާ އިރު ދުވުންތެރިންނަށް ބޭނުންވާ ބިބް ނަންބަރުވެސް ހިޔާރު ކުރުމުގެ ފުރުސަތު ލިބެއެވެ. ބޭނުންވާ ބިބް ނަންބަރު ނަގާނަމަ ރަޖިސްޓްރޭޝަން ފީ އަކީ 500 ރުފިޔާއެވެ.

ފާއިތުވެދިޔަ 13 އަހަރުގެ މާޒީގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް އަދި އިޖުތިމާއީ ހަރަކާތްވެސް މެއެވެ. އެގޮތުން، މި ވޭތުވެދިޔަ 7 އަހަރު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ކުރިއެރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ނުވަތަ އެންޖީއޯ ތަކަށް ފައިސާ ހޯދޭނެ ގޮތަކަށްވެސް ވެފައިއެވެ.

މި ރޭސް މެދުވެރިކޮށް 2018 ވަނަ އަހަރު ވަނީ 10 އެންޖީއޯ އަކަށް ޖުމްލަ 600،000 ރުފިޔާ ދިރާގުން ހަދިޔާ ކޮށްފައި އެވެ. އެއީ ދުވުން ތެރިން ރަޖިސްޓްރޭޝަންގައި ދައްކާ ފީ ނުވަތަ ޑޮނޭޝަންގެ 100 ޕަސެންޓުގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރަޖިސްޓްރޭޝަންގައި ހިޔާރުކުރި 5 ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.