ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[މެއި 17، 2015 ގެ ބަޔާ ގުޅޭ]

ކޮޓަރިތެރޭގައި ހިފާލާފައިވަނީ ފަރުދާގައި ހަރުކޮށްފައި ހުރި ވިންޑް ޗެއިން ކުޅެމުންދާ ލުއި މިއުޒިކެކެވެ. މާސްޓަރ ބެޑްރޫމްގައި ހުރެ ޒައިދް ވަރަށް ޝައުޤުވެރިކަމާއެކު ކުރަހަމުން ދިޔައެވެ. ޒައިދަކީ ކުޑައިރުއްސުރެ ކުރެހުމަށް ވަރަށް ފޯރި ހުންނަ މީހެކެވެ. އޭނާގެ މި ފަންނުވެރިކަން ރާއްޖޭގެ ކިތަންމެ ބަޔަކުވަނީ ހެޔޮހިތުން ޤަބޫލުކޮށްފަ އެވެ. އޭނާގެ ކުރެހުންތަކަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އަދި އެކުރެހުންތަކަށް އެތަށް ބަޔަކު އިންތިޒާރު ކުރަމުންދާ ކުރެހުން ތަކެކެވެ. ޒައިދްގެ ކުރެހުން ނިމުމަކާ ހަމައަށް އައިސްފައި ވަނިކޮށް ޝިވަމްއަށް އެތަނަށް އައިސް ވަދެވުނެވެ. އޭރު އޭނައާއި އެކުގައި ޑރ އަކްޔަލްވެސް އައިސް ހުއްޓެވެ. ޝިވަމް ޒައިދަށް ގޮވާލުމުން އޭނާ އެނބުރުނު ވަގުތު ކުރިމަތިން ފެނިގެން ދިޔަ ތަސްވީރުން އެދެމީހުނަށްވެސް ލިބުނީ ޝޮކެކެވެ. ޤަބޫލުކުރަންވެސް ދަތިވިއެވެ. ޒައިދް ކުރަހާފައިވާ ތަސްވީރުގައިވަނީ ޔާނީ އެވެ. ޒައިދްގެ ހިޔާލަށް ޔާނީއައީ ކިހިނެއްބާއޭ އަކްޔަލްގެ ހިތަށްވެސް އެރިއެވެ. ޝިވަމް ޒައިދަށް ގޮވާލުމުން ކުރެހުން ހުއްޓާލާފައި އައިސް އެދެމީހުންގާތުގައި އިށީނުމަށް އެދުނެވެ.

“ކޮބާ މިހާރު ކިހިނެއް ހާލު؟ ރަނގަޅުހެން ހީވޭތަ؟” އަކްޔަލް ބޭނުންވީ ޒައިދަށް ކުރަމުންދާ ފަރުވާއިން އެއްވެސް ކުރިއެރުމެއް ލިބުނުތޯ ޔަޤީންކުރާށެވެ. “މިހާރު ކުޑަކޮށް ރަނގަޅު، އެކަމަކު…” ޒައިދް ވާހަކަ މެދުކަނޑާލުމުން އަކްޔަލްއާއި ޝިވަމް އޭނާ ބުނަން އެ އުޅެނީ ކީކޭކަން އިތުރަށް އޮޅުންފިލުވަން ބޭނުންވި އެވެ. ޒައިދްގެ ސިކުނޑީތެރޭ ކޮންމެވެސް ކަންތައްގަނޑެއް އުޅޭކަން އެމީހުނަށް ޔަޤީންވިއެވެ. ޒައިދްގެ ހިތާއި ސިކުނޑިއާ ކުޅެމުންދަނީ ދެންމެ ކުރަހާލި ތަސްވީރުގައި އިން އަންހެންކުއްޖާއެވެ. ހިތާމައަކީ އެއަންހެން ކުއްޖާއަކީ ކާކުކަން ޒައިދަށް ދެނެނުގަނެވުމެވެ. ނަމަވެސް އެއަންހެން ކުއްޖާއާއި ޒައިދްއާއި ގުޅުމެއްވާހެން އޭނާއަށް ހީވަނީ ކީއްވެހެއްޔެވެ؟ މީގެކުރިން އެއަންހެން ކުއްޖާއާ ދިމާވެފައިވާ ކަމަށް ހިތް ބުނަނީ ކީއްވެހެއްޔެވެ؟ އޭނާގެ ހަޔާތުގައި އެއަންހެން ކުއްޖާއަށް ހާއްސަ މަޤާމެއް ދެވިފައިވާކަމަށް ސިކުނޑި ޤަބޫލުކުރަނީ ކީއްވެހެއްޔެވެ؟ ހައްތާވެސް ޖަވާބު ނުލިބިފައިވާ ސުވާލުތަކެވެ. ސިކުނޑިއަށް އުނދަގޫ ކުރަމުންދާ ޚިޔާލުތަކެވެ.

“ނޭނގެ ބުނާކަށް، އަހަންނަށް ހީވަނީ މިއަންހެންކުއްޖާއާ އަހަންނާ ކޮންމެވެސް ގުޅުމެއް ވާހެން” އެންމެފަހުން ކުރެހުމަށް އިޝާރާތް ކުރަމުން ޒައިދް ބުނަން އުޅުނު ވާހަކަ ފުރިހަމަކޮށްލި އެވެ.

ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި ތިއްބާ އިސްނަގާ ވާހަކަ ދައްކަންފެށި ޝިވަމްއެވެ. ޒައިދް އެދެއްކި ހުރިހާ ވާހަކައަކީ ހަޤީޤަތްކަން އެނގިހުރެވެސް ޝިވަމްއަށް ޖެހުނީ އޭގެމައްޗަށް ފަސްއަޅާ ފޮރުވާށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޒައިދްގެ ހާލާ މެދު ވިސްނާފައެވެ. އޭނާ ކުރިމަތީ ހާމަކުރަން އަދި އަވަހެވެ. އަމިއްލަ އުފަލަށްޓަކައި އަނެކާގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް އެއްލާލަން ޝިވަމް ބޭނުން ނުވީއެވެ. ޑޮކްޓަރުގެވެސް އެދުމުގެ މަތިންނެވެ. ޒައިދް ބެލުމަށްފަހު އަކްޔަލް ބޭރަށް ނުކުމެ ދިނީ ވަރަށް އުފާވެރި ހަބަރެކެވެ. އަކްޔަލް ބުނާގޮތުން ޒައިދްގެ ސިކުނޑިދަނީ އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުންނެވެ. އެހެންކަމުން އޭނާގެ ހަނދާންތައް ކައިރި މުސްތަޤުބަލެއްގައި އެނބުރިއައުމަކީ ވަރަށް ގާތުގައިވާ ކަމެއްކަމަށް އަކްޔަލް ބުންޏެވެ. އަދި މިއަދު ފެނިގެން މިދިޔައީ އެކަމުގެ ފެހި ސިގްނަލެކެވެ. އެންމެންގެ ލޯތައް ކަރުނުން ފުރުނެވެ. ނަމަވެސް މިފަހަރު އެއީ އުފަލުން އައި ކަރުނައެވެ. ނާޒްއާއި ޝިޔާޒް ކުރަމުންއައި ދުއާތައް ﷲ ތައާލާ އައްސަވައިފިއެވެ. އެއްވެސް މީހެއްގެ ހަޔާތުގައި ހިތާމައިގެ ސާލު ތާއަބަދު ދެމިއެއް ނޯންނާނެއެވެ. ކޮންމެވެސް ދުވަހަކުން އަނދިރިކަން ފިލައިގޮސް ދިރިއުޅުން ބާއްޖަވެރިވެގެން ދާނެއެވެ.  ޒައިދެކޭ އެއްފަދައިން ޔާނީ ބެލުމަށްވެސް ޑރ އަކްޔަލް ޒިޔާރަތް ކުރިއެވެ. ނަމަވެސް ޔާނީއަށް ކުރަމުންދާ ފަރުވާއިން މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އަބަދު ގޭގައި ހުހައް ހުންނަންވުމުން ޔާނީއަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންވެ ޔާނީ ނިންމީ ގޭގައި އިނުމުގެ ބަދަލުގައި ބޭރަށް ނުކުމެ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ތާރާ އާއި މިޝްކާއާ މަޝްވަރާ ކުރުމަށްފަހު ލިބުނު ނަތީޖާއަކީ ޔާނީ ކުރިން މަސައްކަތް ކުރަމުންއައި ޓެއިލަރ ޝޮޕްގެ މަސައްކަތް އަލުން ފެށުމެވެ. އެކަމަކު އެއީ ޔާނި ކުރިން ކުރި މަސައްކަތްކުރި ޓެއިލަރ ޝޮޕް ކަމެއް ތާރާމެން ނުބުނެ އެވެ. އެމީހުން ބުނީ އޭނާއަށް އާތަނެއް ހުޅުވަދޭ ވާހަކަ އެވެ. ޔާނީވެސް އެކަމާ އެއްބަސްވެ މަސައްކަތައިގެން ކުރިއަށް ދިއުމަށް އަވަސްވެގަތެވެ. އެހެންވެ ހަމައެދުވަހު ތާރާ އާއި މިޝްކާ އާއެކު ޔާނީ ޓެއިލަރ ޝޮޕަށް ދިޔައެވެ. އެތަނުގައި ހުރި ނަންބޯޑު ފެނިފައި ކުރީގެ ހަނދާންތައް އާލާނުވިނަމަވެސް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އަމިއްލަ ނަމުން އެތަނަށް ނަން ދެވިފައިވުމުން ޔާނީ ތާރާއާއި މިޝްކާއަށް ޝުކުރު އަދާކުރިއެވެ. ދޮރު ހުޅުވާލުމަށް ޔާނީ އެތެރެއަށް ވަނެވެ. އެތަނަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ހަމަ ޔާނީ އެތަން ދޫކޮށްފައި ދިޔަގޮތަށެވެ. ނަމަވެސް ހިތާމައަކީ އޭނައަށް އެއިން އެއްވެސް ކަމެއް ހަނދާން ނެތް ކަމެވެ. ތަނުގެ ފުރިހަމަކަން ފެނިފައި ޔާނީ އުފަލުން ނަށަންފެށިއެވެ. އަދި އެހާ އަވަހަށް މިހުރިހާ އިންތިޒާމެއް ކުރިގޮތާ ދޭތެރޭ ސުވާލު އުފެދުނެވެ. ތާރާ ބުނީ އެމީހުން މާ ކުރިންވެސް ޔާނިއަށްޓަކައި މިކަންތައް ކޮށް ނިންމާފައިވާ ކަމަށާއި މިވާހަކަ ނުބުނެ ލަސްކޮށްލީ ޔާނީގެ ބަލިހާލަތު ހުރިގޮތުން އެއްކޮށް ރަނގަޅުވަންދެން ކަމަށެވެ. ބޭނުންނުވިޔަސް ދޮގުހަދަން ތާރާއާއި މިޝްކާއަށް މަޖުބޫރުވިއެވެ.

ވިކާޝްގެ ރޭވުން ކާމިޔާބުވުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ބޭނުންވީ ގޮތަށް ހުރިހާ ކަމެއް ވުމުން އޭނާ ހުރީ އަމިއްލަ ނަފްސާ މެދު ފަހުރުވެރިވެފަ އެވެ. އެހެނަސް އޭނާއަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން މާގިނައިރަކު ދެމިއޮންނަ ގޮތެއް ނުވިއެވެ. ލިބިފައިވާ ހިތްހަމަޖެހުން ކަފުންކޮށްލީ ބޭރުން އައި އޭނާގެ އެކުވެރިޔާ ދިން ހިތި ހަބަރެވެ.

“ވިކީ! ވަރަށް ކަޑައޭ، ކަލޭގެ ޕްލޭން ފްލޮޕް. އެދެމީހުން މަރުނުވެ ސަލާމަތް ވެއްޖެ! އަނެއްކާ އެކްސިޑެންޓް ކޮށްލަން ހަވާލުކުރި މީހާވެސް ހުރީ މިހާރު ޕޮލިހުންގެ ބެލުމުގެ ދަށުން ގޭބަންދުގަ. މިފަހަރު ކަލޭ ޖަލަށް ދިއުން ނޫން ގޮތެއް ނެތް” އައި ރުޅިން ދެބުމަ ގޮށްޖަހާލައި އަތް މުއްކަވާލުމަށްފަހު ހުރާލި އެތިފަހަރު ގޮސް އެރީ އެކުވެރިޔާގެ މޫނަށެވެ. އެވަގުތު ހީވީ އޭނާގެ އަނގައާއި ނޭފަތުން ލޭގެ ކޯރެއް ބަންޑުންވިހެނެވެ. “ތިހެނެއް ނުވާނެ! އަހަރެންގެ ޕްލޭން ފްލޮޕެއް ނުވާނެ، އެދެމީހުނަށް ޖެހޭނީ މަރުވާން! އަދި އެޕިކަޕް ދުއްވަންއިން މީހާވެސް މަރާލާ!” ކުރިމަތީ ހުރި އޭނާގެ އެކުވެރިޔާގެ ގަމީހުގެ ގިރުވާނުގައި ހިފާ ވިކާޝް އަމުރުކޮށްލި އެވެ. ހަވާލު ކުރާ މަސައްކަތް ފުރިހަމަ ނުކުރާމީހުންނަށް އޭނާ އިންތިހާއަށް ނަފްރަތު ކުރެއެވެ. އެހެންވެ މިފަހަރު އެމީހާގެ އަދަބަކަށްވީ މަރެވެ. ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ވިކާޝްގެ ހިތަކު ނުވެއެވެ. އިންސާނެއްގެ ހިތް ހަމައެހާ ހިލަވެދާނެ ބާވައެވެ. ވިކާޝްއަކީ މުއްސަނދި ބައްޕައެއްގެ ހުރި މަގު އޮޅިފައިވާ ދަރިއެކެވެ. މިހެން ކަންތައްވީ އޭނާގެ މައިންބަފައިން ވަކިވުމުންނެވެ.

ޔާނީ އުޅޭ ގޭގައި ހުންނަ ދުވަހަކުވެސް ނުހުޅުވާ ކޮޓަރިއެއްގެ ވާހަކަ އޭނާ އަބަދުވެސް ދައްކައެވެ. އެކޮޓަރި އަބަދުވެސް ހުންނަނީ ތަޅުލާފައެވެ. އެތަނަށް ވަނުމުގެ ހުއްދައެއް އޭގެތެރެއިން އެކަކަށްވެސް ނޯވެއެވެ. ސަބަބެއް ވެސް ނޭނގެއެވެ. ތާރާ އާއި މިޝްކާއާވެސް އެތަށް ފަހަރެއްގެ މަތިން ޔާނީ ސުވާލު ކޮށްފައިވެއެވެ. އެހެނަސް ޖަވާބުގައި އެދެމީހުންގެ ހަމަހިމޭންކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުލިބެއެވެ. ޔާނީއަށް ކޮންމެވެސް ކަމެއް މިޝްކާއާއި ތާރާ ފޮރުވާހެން އޭނާއަށް ހީވަނީއެވެ. އެރޭ ނިދަން އުޅެއުޅެ ޔާނީގެ ލޮލަކަށް ނިންޖެއް ނައެވެ. އެކޮޓަރީގައި ވަނީ ކޮންއެއްޗެއް ބާވައެވެ. އޭނާގެ މާގީއާ ގުޅުންހުރި އެއްޗެއް ބާވައެވެ. ނޫނީ ޖިންނި ޝައިތާނުންގެ ކަމެއް ބާވައެވެ. ތަފާތު އެކި ހިޔާލުތައް ޔާނީއަށް އުނދަގޫ ކުރަމުން ދިޔައެވެ. ކޮންމެގޮތަކުންވެސް ހަޤީޤަތް ހޯދަން ޔާނީ އިންތިހާއަށް ބޭނުންވިއެވެ. ޖަވާބު ހޯދުމަށް އޮތް ހަމައެކަނި މަގަކީ އަމިއްލައަށް އެކޮޓަރީގެ ސިއްރު ހޯދުން ކަމަށް ޔާނީގެ ސިކުނޑިއަށް ވިސްނުނެވެ. އެއީ ތާރާމެންގެ ފަރާތުން އެއްވެސް އެހީއެއް ނުލިބޭނެކަން އޭނައަށް ޔާނީއަށް ޔަޤީންވާތީއެވެ. އެހެންވެ ޔާނީ ބޭނުންވީ މީހަކަށް ފެނުނަސް ހެޔޮކަމަށް ނިންމައި ސިއްރުން އެކޮޓަރިއަށް ވަނުމަށެވެ.

ގައިމަތީ އަޅާފައި އޮތް ބޮލޭންކެޓް ނަގައި އެއްފަރާތް ކޮށްލުމަށްފަހު ޔާނީ ތެދުވީ ކޮޓަރިން ނުކުތުމަށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު މިސްރާބުޖެހީ ސިޓިންރޫމާ ދިމާލަށެވެ. މިޝްކާ އާއްމުކޮށް ތަޅުދަނޑިތައް ބާއްވާ ތަން ހަނދާންވުމުން ޓީވީ ރެކްމަތީ އަތްހިންގާލިއެވެ. ނަސީބު ރަނގަޅުކަމުން އެކޮޓަރީގެ ތަޅުދަނޑި އަތުޖެހުނެވެ. އަވަހަށް ތަޅުދަނޑި ނަގައި އަތަށް ލައިގެން ހިނގައިގަތީ ގޮތްނޭނގޭ ކޮޓަރީގެ ހަޤީޤަތް ހޯދުމަށެވެ. ގެއަކަށް ވަގެއް ވަދެ އުޅޭހާ ސިއްރުން ފިޔަވަޅުތައް އަޅަމުން ގޮސް ކުރިމަތީ ހުރި ކޮޓަރީގެ ތަޅަށް ތަޅުދަނޑި ލައްވާލުމަށްފަހު ތަޅުގައި ހިފައި ހުޅުވާލިއެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އެއްވެސް އެއްޗެއް ފެންނަ ވަރެއް ނުވިއެވެ. އެކަމަކު މީހަކު ހޭލަފާނެތީ ބޮކި ދިއްލާކަށް ޔާނީ ބޭނުމެއް ނުވިއެވެ. އެހެންވެ ފޯން ނަގާ ފްލެޝް ލައިޓް ދިއްލާލިއެވެ. ފެންނަން ހުރި ތަސްވީރުތަކުން ޔާނީއަށް ހިތާ ހިތުން ތައުރީފް ކޮށްލެވުނެވެ. ކުރެހުންތަކުގެ ފުރިހަމަކަމުންނެވެ. މިއީ ކާކުގެ ކުރެހުންތަކެއް ބާއޭ ޔާނީގެ ހިތައް އެރިއެވެ. އަދި މިކަންތައް ތާރާމެން ޔާނީއަށް ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ ބާވައެވެ.

ތަސްވީރަކަށްފަހު ތަސްވީރެއްބަލަމުން ތައުރީފުކުރަމުން ޔާނީ ދިޔައިރު ހީވަނީ ކުރެހުމުގެ މައުރިޒަކަށް ދެވިގެން އުޅޭހެންނެވެ. ތައުރީފުކުރުން ހައްޤު ކުރެހުންތެކެވެ. ޖަވާބު ނުލިބިފައިވާ ސުވާލުތައް ހިތުތެރޭ އުތުރި އަރަމުން ދަނިކޮށް ދެން ފެނުނީ އެއަށް ވުރެ މާ ހައިރާން ކުރުވަނިވި މަންޒަރެކެވެ. ކުރިމަތިން ފެންނަންހުރި ކުރެހުމުގައި ވަނީ ޔާނީ ޔާނިގެ ސޫރައެވެ. ޔާނީގެ ފައިގައި ތަގުޑި އެޅުވުނު ކަހަލައެވެ. މިއީ ކޮންފަދަ އަޖައިބެއް ހެއްޔެވެ. އޭނާގެ ތަސްވީރު މިތަނުގައި ހުރުމުގެ މާނައަކީ ކޮބާ ހެއްޔެވެ. އަޖައިބު ކުރުވަނިވި އަނެއްކަމަކީ އެހެން ކުރެހުންތަކާއި ހިލާފަށް ހަމައެކަނި އެކުރެހުން ފޮރޭމްކޮށްފައި ހުރުމެވެ. ހަމަޔަޤީނުންވެސް މިއީ ޔާނީއަށް އެނގިގެން ކުރަހާފައިވާ ކުރެހުމެއް ނޫނެވެ. މިހާ ހިސާބުން ކުރެހުންތަކުގެ ފަހަތުގައިވަނީ ކާކުތޯ ހޯދުމަށް ޔާނީގެ ހިތުގައި އިތުރަށް ޝައުޤުވެރިކަން އުފެދުނެވެ. ފްރޭމްކޮށްފައި ހުރި ކުރެހުން ނަގައިގެން ޔާނީ އެތަނުން ނުކުތެވެ. އަދި އޭނާގެ ކޮޓަރިއަށް ވަދެ އެނދުގެ ބޯލާކޮޅުގެ ފާރުގައި ފޮރޭމް ހަރުކޮށްލިއެވެ. އޭގެ ސަބަބުން ކޮޓަރިތެރެއަށް ގެނެސްދިނީ އިތުރު ފުރިހަމަ ކަމެކެވެ. ހައިރާންވެފައި ހުރިނަމަވެސް އެކޮޓަރިއަށް ވަދެވި މިލިބުނު ހަދިޔާއިން ޔާނީ ހުރީ ހިތްހަމަޖެހިފައެވެ. މުޅި މެންދަން ހޭދަވެގެންދިޔައީ އެތަސްވީރަށް ތައުރީފު ކުރުމުގައެވެ. ނިންޖަކީ ބޭނުންވާ އެއްޗެއްކަން ޔާނީ ހަނދާންނެތިފައިވާ ކަހަލައެވެ.

އަރައިގެންއައި އިރާއެކު ދުނިޔެމަތި ބަނަކުރަމުން ދިޔައީ ވިއްސާރައިގެ ކަޅުވިލާ ތަކެވެ. ގަޑިން ހެނދުނު ހަތެއް ޖަހައިފިއެވެ. ވިކާޝް އިއްޔެ ހަވީރު ބޭރަށް ދިޔަގޮތަށް ރޭގަ ނިދަންވެސް ގެއަކަށް ނާދެއެވެ. މިކަމާ ކަންބޮޑުވެ ހުރެ އޭނާގެ މަންމަ މޫނިސާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފިރިމީހާއާއި ވަކިވެ އޭނާގެ މުޅި ދިރިއުޅުން ވަނީ ބަރުބާދު ވެފައެވެ. ދަރިން ތިއްބެއް ކަމަކު އޭނާއާ އަޅާލާނެ ހަމަ އެކަކުވެސް ނެތެވެ. ކޮންމެ ދަރިއަކުވެސް އަމިއްލަ ދިރިއުޅުމެއް ފަށައިގެން އޭނާއާ ދުރަށް ދަނީއެވެ. ގާތުގައި ހުރި ހަމައެކަނި ދަރިއަކީ ވިކާޝްއެވެ. ނަމަވެސް އޭނާއަކީ ނެތް މީހެއް ފަދައެވެ. ވިޔާނުދާ ގްރޫޕްތަކާއި ގުޅިގެން މިހާ އޭނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ. މިކަމާހުރެ މޫނިސާ ކޮންމެ ދުވަހަކު ވިކާޝްއަށް ނަސޭހަތްދީ ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެއެވެ. އެހެނަސް މިހުރިހާ ނަސޭހަތަކަށް ވިކާޝްދެނީ ބީރު ކަންފަތެކެވެ. އޭނާގެ ނަޒަރުގައި މަންމައަކީ އެއްވެސް އަގެއްހުރި މީހެއް ނޫނެވެ. އެހެންހުއްޓައި ފެނުނީ ވިކާޝް ގެއަށް ވަދެގެން އައިތަނެވެ. ފެންނަ ފެނުމަށް އޭނާހުރީ މަސްތުގެ ހާލަތުގައެވެ. އޭނާއަށް ހަމައަށް ކޮޅަށްވެސް ނުހުރެވެއެވެ. މޫނިސާ ދުވެފައިގޮސް އޭނާގެ ދަރިފުޅުގެ ގައިގައި ހިފެހެއްޓިއެވެ. ނަމަވެސް ވިކާޝް އޭނާގެ މަންމަގެ އަތް ފޮޅާލީ ގައިގައި އަތްނުލާށެ ބުނާފަދަ އުސޫލަކުންނެވެ.

މޫނިސާގެ ހިތަށް އެވަގުތު ވަރަށް އަސަރުކުރިއެވެ. އޭގެންވެސް އެނގިގެނަދިޔައީ ވިކާޝް އޭނާގެ މަންމައަށް ނަފްރަތު ކުރާ މިންވަރެވެ.

“ދަރިފުޅާ! ކޮންތާކު އުޅެފަ ތިއައީ؟ މަންމަ ކިތައް ދުވަހު ބުނާނީ ތިވިޔާނުދާ އުޅުން ދޫކޮށްލާށޭ! މޫނިސާ ރޮއެ އާދޭސް ކުރަމުން ދިޔައިރުވެސް މިކާޝްއަށް އެއްވެސް އަސަރެއް ނުކުރިއެވެ. “ކިތައް ދުވަހު ބުނާނީ ކަލޭ ކައިރި ބުނާނީ މަގޭ މަންމައެއް ބައްޕައެއް ނުހުންނާނޭ! މައުޅޭނެ ގޮތެއް އިނގޭނީ މަށަށް، ކަލޭ މިކަމާ ބެހެން ނުހަދާ. އެހެންނޫނީ ނަތީޖާ މާ ރީއްޗެއް ނުވާނެ!” ބަދަލުގައި މޫނިސާއަށް އަމާޒުވީ އޭނާގެ ދަރިފުޅުގެ ވިހަ ބަސްތަކެވެ. ހިތް ކުދިކުދިވެގެން ދިޔައެވެ. ނޭވާވެސް އަރުތެރޭ ތާށިވިއެވެ. މިއީ ކޮންމެ ދުވަހަކުވެސް މޫނިސާ ކުރާ ހިތާމައެވެ. ނަމަވެސް އެފަކީރުގެ ހިތުގެ ހާލު އަހާލާނެ މީހަކު މިއަދަކު ނެތެވެ. ހިތަށް ކެތްނުވެގެން ލޯމަރާލީ މާޒީ ހަނދާންވުމުން ދެލޮލަށް ޖަމާވި ހުރިކަރުނަތައް ބޭރުކޮށްލުމަށެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    aishaaa

    ވަރަށްވެސް ފުރިހަމަ މިވާހަކަ ކުރިއަށް ދާލެއް ލިޔުންތެރިޔާ ވަރަށްވެސް މޮޅު …..ދެންއޮތް އެޕިސޯޑު އަވަހަށް އަޕްކުރޭ!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.