ބ. އަތޮޅުގެ ރިސޯތްތަކަށް ހުޅުވާލައިގެން އޭދަފުށީގައި އިއްޔެ ފެށި އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވައްކަރު މޯލްޑިވްސް އަތުން 3-0 އިން މޮޅުވެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސޮނެވާފުށި މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އޭދަފުށީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްވެސް ކުޅެމުން ދިޔައީ ހަމަހަމަ ކުޅުމެކެވެ.
ނަމަވެސް މެޗު ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ސޮނެވާފުށިން ގާތް ގާތުގައި ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ އަބްދުލްމަޖީދު (މަޖިއްޓޭ) އެވެ. ދެ ވަނަ ލަނޑު ޖެހީ އާދަމް ނިޒާމު (ކިތުނާ) އެވެ. ތިން ވަނަ ލަނޑު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މަޖިއްޓޭ އެވެ.
މި ފަހަރުގެ މުބާރާތުގައި ބ. އަތޮޅުގެ އަށް ރިސޯޓުން ވާދަކުރެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޯޔަލް އައިލެންޑް އާއި ފިނޮޅު އެވެ.