އައިދޫ – ގޮތްނޭގޭ ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ ފަޅުރަށެއް

ލިޔުނީ: އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

ޒިޔާރަތްތަކަށް ކަމޭހިތުމާއި، ނަދުރުބުނުމުގެ ހަމަތައް މާތްވެގެންވާ އިސްލާމްދީނުގައި ހުރި ނެތް ގޮތް މިޒަމާނުގެ ވަރަށް ގިނަ މީހުން ދަންނާނެއެވެ. ޞައްޙަ އިސްލާމީ ޢަޤީދާއެއް އޮތްމީހެއްގެ ގަބޫލުކުރުން އޮންނަންވި ގޮތާއި، މި ރޮނގުން ހުއްދަ ނުހުއްދަ ކަންކަން މި އަދު އޮޅިފައެއް ނެތެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަދުރު ބުނަމަކީ ހުއްދަކަމެކެވެ. އެކަމަކު އަހަރުމެންގެ ވެރި އިލާހަށް އެކަންޏެވެ. މިސާލަކަށް ނަމާދެއްކުރުމަށް، ރޯދައެއް ހިފުމަށް ނުވަތަ ޞަދަޤާތެއް ކުރުމަށް ނަދުރުބުނެވިދާނެއެވެ. އެކަމަކު އެހެން އެއްވެސް ފަރާތަކަށް ނަދުރެއް ނުބުނެވޭނެއެވެ. ވަކި ޒިޔާރަތެއްގައި ޞަލަވާތް ކިޔަވާން ވަކި ރަށެއްގައިއޮޑި ބީއްސަން ނުވަތަ މިފަދަ އެނޫންވެސް ކަމަކަށް ނަދުރު ބުނުން ހުއްދައެއް ނޫނެވެ.

އަޅުގަނޑު މިލިޔުން މިލިޔެލަނީ ހަމައެކަނި ދިވެހި ތާރީޚީ ސަގާފަތަށްޓަކައެވެ. ދިވެހިންގެ ދިރިއުޅުގައި ބައެއް ކަންކަމާމެދު ވިސްނުން ހުރި ނެތް ގޮތާއި ކަންކަން ކޮށް އުޅުނު ގޮތްތައް ސިފަކޮށްދިނުމުގެ މާތްމަޤުޞަދުގައެވެ.

ބ.އަތޮޅު އައިދޫ އަކީ ހަނިފަރާ ދިމާ ބޭރުން އޮންނަ ފަޅު ރަށެކެވެ. އައިދުއޭ ބުނުމުން މިރަށް ދަންނަ މީހަކު ނަމަ ބިރުގަނެއެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި ވަރަށް ކުރީ ޒަމާނުއް ސުރެންފެށިގެން ވެސް މިރަށަކީ ބަރަކާތްތެރި ރަށެއްގެ ގޮތުގައި ބ. އަތޮޅު މީހުން ދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް މިހާރުގެ ކުދިންނަށް މިކަން ނޭގި ހިނގައިދާނެއެވެ.

ބުނެވޭގޮތުގައި މިރަށުގައި ހަބްޝީގެފާނުގެ ޒިޔާރަތެއް ހުރެ އެވެ. ނަމަވެސް މިޒިޔާރަތް މިރަށުން ވަނީ މުޅިންހެން ނެތިގެން ގޮސްފައެވެ. އަދި މިޒިޔާރަތުގައި ކުރިން ވަރަށް ދިގު ދިދަ ދަޑިއެއް ހުންނަކަމަށްވެއެވެ. ނަމަވެސް މިހާރު އެދަޑި ފެންނަން ނެތަސް ވަރަށް ފަހަކާ ޖެހެންދެންވެސް އެދަނޑި އެރަށުގައި ހުރިކަމަށް ބުނާ މީހުން މިއަދު ބ.އަތޮޅުގައި އެބައުޅެއެވެ. އެހެންނަމަވެސް މި ދަނޑި ބ. އަތޮޅުގައި ވެރިކަންކުރާރަށް އޭދަފުށްޓަށް ގެންގޮސްފައިވާކަމަށްވެސް ބައެއް މީހުން ބުނެއެވެ. އޭދަފުށްޓަކީ އެރަށުގެ ރައްޔިތުންގެ އިތުރުން 1960ގެ އަހަރުތަކުގެތެރޭގައި ބ.އަތޮޅު މާއްޑޫ، އުނޑޫދޫ ، ފުނަދޫ މި ތިންރަށުން މީހުންވެސް ވަޒަންވެރިވެފައިވާ 4 ރަށުގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ރަށެކެވެ. ނަމަވެސް އަޅުގަނޑު އޭދަފުށްޓަށް ކުރުކޮށް އިޝާރާތް މިކޮށްލީ އެރަށަކީ ބ.އަތޮޅުގެ ވެރިރަށް ކަމަށްވާތީއެވެ. އެހެންކަމުން އަނެއްކާވެސް އައިދޫ އާއި ދިމާލަށް އޮޑީގެ މިޝްރާބް ބަދަލުކޮށްލާނަމެވެ.

އައިދޫއަކީ ގާމަތީ ރަށެކެވެ. މިކަން އަޅުގަނޑަށްވެސް ވަނީ ތަޙައްމަލް ކުރެވިފައެވެ. އަޅުގަނޑުވެސް މިރަށަށް އެތައް ފަހަރެއްގެ މަތިން ވާނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިރަށަށްގޮސް ރަށަށް ފޭބުމަށްފަހު އެންމެ ފުރަތަމަވެސް ކުރަންޖެހޭކަމަކީ އެޒިޔާރަތް ހުންނަކަމަށްބުނާ ތަނަށް ގޮސް ޞަލަވާތް ފާތިޙާ ކިޔެވުމެވެ. މިއީ ޒަމާނުއްސުރެން ފެށިގެން އެރަށަށް ޒިޔާރަތްކުރާ މީހުން ކުރަމުން ގެންދާ ކަމެކެވެ. އަދި މިހާރުވެސް ކަން އޮތީހަމަ މިގޮތަށެވެ. އަޅުގަނޑަށް މިރަށާ ބެހޭގޮތުން މާގިނަ ކަންތައްތަކެއް ނޭނގުނުނަމަވެސްް ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ވަރަށް މާތް ރަށެކެވެ. ބުނެވޭގޮތުގައި މިރަށަށް އަރައި ޞަަލަވާތް ފާތިޙާ ނުކިޔަވާ މިރަށުން އެއްޗެއްގައި އަތްލައިފިނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް ކޮންމެވެސް ކަމަކާއި ކުރިމަތިވާނެކަމަށް ވެއެވެ. ދޯނި އެއްގަމަށް އަރާ ވަޅުޖަހާގޮތް ވެފަވެސް އެބަހުއްޓެވެ. ގިނަ ފަހަރަށް މިފަދަ ކަންތައްތައް ދިމާވަނީ މިރަށުން ވައްކަންކުރަން އަންނަ މީހުންނަށްކަމަށް ބުނެއުޅެއެވެ.

އަޅުގަނޑު މި ލިޔެލަނީ އަޅުގަނޑު ކުޑައިރު، އެރަށަށް ދަރުހޮވަންގޮސް އުޅުނު ބަޔަކަށް ދިމާވި ހާދިޝާއެކެވެ. އެއްދުވަހަކު ހެނދުނު ފުރައިގެން އެރަށަށް ދަރުހޮވަން ގޮސް އުޅުނު ބައެކެވެ. އިރުއޮއްސުމުންވެސް ވީނުވީއެއް ނޭގި ރަށަށް ނައިސްް ލަސްވެގެން އެމީހުންގެ ޢާއިލާތަށް ރޮނީއެވެ. ހާސްކަމާއި ބިރުވެރިކަމާއެކު، މިކަމާ ކަންބޮޑުވެގެން ރަށުގެ ގިނަ އަދަދެއްގެ މީހުން ރަށުގެ އަތިރިމައްޗަށް ނުކުންނަން ފެށިއެވެ. އަޅުގަނޑުވެސް އެމީހުންނާއެކު ނިކުތީމެވެ. ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނުނީ އެރަށުގެ ކޮޅުގައި ޖަހާފައިހުރި ބޮޑު އަލިފާން ގަނޑެކެވެ. މިއަލިފާން ގަނޑު ފެނުމުން އެރަށުގައި ކޮންމެވެސް ކަމެއް ހިނގައިގެން އުޅޭކަން ރަށު މީހުންނަށް އެނގިއްޖެއެވެ. އެހެންވެ ވެގެންއުޅޭގޮތެއް ބަލަން ރަށު ދޯންޏެއް އެރަށަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. އެމީހުން ދިޔަ ދޯނި އޮތީ އެއްގަމަށް އަރާ ވަޅުޖަހާފައެވެ. އަދި ހާލުގައި ޖެހިފައިވާ އެމީހުންނާއި ސުވާލުކުރުމުން އެމީހުން ބުނިގޮތުގައި އެމީހުން ދަރުހޮވައި ނިމިގެން ރަށުގެ ގޮނޑުދޮށަށް އައިއިރު ދޯނި އޮތީ އެއްގަމަށްއަރާ ވަޅުޖަހާފައެވެ. ދޯނި އެއްކޮށް ކަހަލަ ގޮތަކަށް އޮތީ ވެލިގަނޑުގެ ތެރޭގައެވެ. ހީވަނީ ފުންވަޅުގަނޑަކަށް ދޯނި ލާ ފަސްއަޅާ ފޮރުވާލާފައި އޮތް ހެނެވެ. އެހެންކަމުން ހެދޭނެގޮތެއް ނެތިގެން ބަޔަކަށް އެންގުމުގެ ގޮތުން އަނދިރިވާން ފެށުމުން އަލިފާން ޖެހީކަމަށެވެ. އޭރަކީ މޯބައިލް ފޯނު ގެންގުޅޭ ޒަމާނެއް ނޫނެވެ.

އެހެންކަމުން މިމީހުން ރަށަށް އައިސް ދިނުމާއެކު ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ދޯނިފަހަރުތަކަށް އަރައިގެން އެރަށާއި ދިމާޔަށް މިސްރާބު ޖެހިއެވެ. އަދި އެމީހުން އެރަށަށްގޮސް އެދޯނި ފުންކޮށްގެން އެރޭ މެންދަމު އެދޯނި ރަށަށް ގެނައެވެ. އެއަށްފަހު ރަށުގެ މީހުން އެރަށަކީ ގޮތްނޭގޭ ރަށެއްކަމަށާއި، ރަށަށް އެރީ ޞަލަވާތް ފާތިޙާ ކިޔަވާފައިތޯ ސުވާލުކުރިއެވެ. އަދި އެކަން ނުކުރާކަމަށް އެމީހުން ބުންޏެވެ. މިހެން ބުނުމުން އެހާދިސާ ދިމާވި މީހުން ބިރުގަތެވެ. ދެން ދުވަހަކުވެސް އެރަށަށް ނާރާނެކަމަށް އެމީހުން ބުންޏެވެ.

އައިދޫގައި ހުންނަ ހަބްޝީގެ ފާނުގެ ޒިޔާރަތޭ ބުނުމުން ބައެއް މީހުންނަށް އެއީ ކޮންތަނެއްކަން ނޭނގި ހިނގައިދާނެއެވެ. ޅ.ކުރެންދޫގައިވެސް ހަބްޝީގެ ފާނުގެ މިފަދަ ޒިޔާރަތެއް ހުރެއެވެ. މިޒިޔާރަތަށް ނަދުރު ބުނުމަކީ ކުރީގެ ބައެއް މީހުންގެ އާދައެކެވެ. ދޮންކޭލާ އަޅާ ކިރައިގެންނާއި އަދި އެހެނިހެން ތަކެއްޗާ އަޅާ ކިރައިގެންވެސް ފަހަކާ ޖެހެންދެންވެސް ރާއްޖޭގައި ޒިޔާރަތަށް ނަދުރު ބުނެއުޅުނެވެ.

…………………………..

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Visney meeheh

    Raahjeyga kureega hingaifaivaa kamah bunaa vaahaka thakaky ginafaharah thandhoru olhun filaafa hunna visney meehaa konmeves jareemaa eh hingumuge niyathugaa kohfa hunna kankan ..meega bunefa oi vaahakaige hageegai bahlavaa ..alhugandah hama yegeen thi haadhisaa aky thi vidhaalhuvaa gothah nuhingaane kemeh noon .

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.