ސެޓާން އާއި ޖުޕިޓަރަށް އަލިމަހުގެ ވާރޭ ވެހެނީ!

 Jupter-Saturn

އަހަރެމެންގެ މި ދުނިޔެ ހިމެނޭ ‘ސޯލާ ސިސްޓަމް’ގައި ހިމެނޭ އެންމެ ބޮޑު ދެ ބިން ނުވަތަ ‘ޕްލެނެޓް’ ކަމަށްވާ ޖުޕިޓާ އަދި ސެޓާން އަށް އަލިމަހުގެ ވާރޭ ވެހޭ ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސައިންސްވެރިން ހާމަކޮށްފި އެވެ.

 “މީގެ ތެރެއިން ބައެއް ޑައިމަންޑް (އަލިމަސް)ގެ ބޮޑު މިނަކީ 1 ސެންޓިމީޓަރު. އަނގޮޓިއެއްގެ އެހެއްގެ ގޮތުގައި ބޭނުން ކުރެވޭހާ ބޮޑު،” ނާސާގެ ސައިންސްވެރިޔާ ޑރ. ކެވިން ބެއިންސް ވިދާޅުވި އެވެ.

 ނާސާގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ސެޓާން އަދި ޖުޕިޓާ އަކީ ހަގީގަތުގައި “ވެލި” ހިމެނޭ “ބިމެއް” ނޫނެވެ. ނަމަވެސް ގޭހުން އުފެދިފައިވާ ދެ “ގޭސް ބޯޅަ”އެވެ. އަދި މި ދެ ޕްލެނެޓްގެ ވައިގެ ފަށަލާގައި ގިނަ އަދަދަކަށް “ކާބަން” މާއްދާ ހިމެނޭ ކަމަށެވެ.

 ސެޓާން އަދި ޖުޕިޓާގެ ޖައްވުގައި ހުރި “މީތޭން” މާއްދާގެ ސަބަބުން، މި ކާބަން އެ ދެ ޕްލެނެޓްގެ އެތެރެއަށް “ވެހޭ”އިރު، ކާބަން ފުރަތަމަ ބަދަލުވަނީ “ގްރެފައިޓް” މާއްދާއަށެވެ. އެއީ ފަންސުރުގެ ތުނޑު ހަދާފައި ހުންނަ މާއްދާއެވެ. އަދި އެއަށް ފަހު ބަދަލުވެގެންދަނީ އަލިމަހަށެވެ.

 “ދެން މި އަލިމަސްތައް ދެ ޕްލެނެޓްގެ ހޫނުކަން ގަދަ މެދުތެރެއަށް ‘ވެހިގެން’ ދިޔައިމަ، އަނެއްކާ ވެސް އެ ތަކެތީގެ ‘ހަރުކަން’ ނެތިގޮސް، ‘ދިޔާ މާއްދާތަކަށް’ ބަދަލުވެގެންދަނީ،” ޑރ. ބެއިންސް ބުނެފައި ވެ އެވެ.

 ނާސާއިން ބުނާ ގޮތުގައި ސެޓާންގެ ޖައްވުގައި އެކަނި ވެސް އަހަރަކު 1000 ޓަނުގެ ޑައިމަންޑް އުފައްދަ އެވެ. އެގޮތުން ދެ ޕްލެނެޓްގެ މެދާ 6000 ކިލޯމީޓަރު ކައިރިވުމުން، ގްރެފައިޓްތައް އަލިމަހަށް ބަދަލުވެއެވެ. އަދި 30000 ކިލޯމީޓަރާ ގާތްވުމުން، ދެ ޕްލެނެޓްގެ މެދުތެރެ ހޫނުކަމުން، އެ ޑައިމަންޑްތައް އަނެއްކާ ވެސް އޭގެ “ދިޔާ” ގޮތަށް ބަދަލުވަނީ އެވެ.

 އެއާ ޚިލާފަށް، ސެޓާން އަދި ޖުޕިޓާ އާ ކައިރީގައިވާ އެހެން ދެ ޕްލެނެޓް ކަމަށްވާ ޔުރެނަސް އަދި ނެޕްޓިއުން ފިނިކަމުން، އަލިމަސް އޭގެ ހަރު ގޮތުގައި އަބަދުވެސް ދެމިހުންނަ ކަމަށް ނާސާއިން ބުނެ އެވެ. އަދި އެމެރިކާގެ ބާކްލޭ ޔުނިވާސިޓީން ބުނީ އަހަރެމެންގެ އިރު ފަދަ، ނަމަވެސް ބައެއް ސައިޒު ކުޑަ އިރުތަކުގެ މެދުގައި ވެސް، އަލިމަސް މި ގޮތަށް އުފެދެން ދިމާވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Raushaam

    މިކަހަލަ މައުލޫމާތުހުރި ލިޔުންތައް ކުރިޔަށް އޮތްތާގައި ފެންނާނެކަމަށް އުންމީދު ކުރަން 🙂

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.