ލޯތްބަށްޓަކައި ފަރުބަދައެއް ގުޑުވާލި މީހާ

 10252027_1490496401174115_3055688429210368054_n

އިންޑިޔާގެ އެންމެ ފަގީރު އެއް ސަރަހައްދު ކަމަށްވާ ބިހާރު ސްޓޭޓްގައި ދަނޑުވެރިއެއްގެ މަސައްކަތް ކުރަމުން އައި ދަޝްރަތު މަންޖްހީގެ އަންހެނުން ފަގޫނީ ދޭވީ 1967 ގައި އެކްސިޑެންޓެއްވެ ޒަހަމްވިއެވެ. ނަމަވެސް ވަރަށް އެކަހެރި ވިލެޖެއްގައި ދިރިއުޅުނު ދަޝްރަތަށް އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް ދެވެން އޮތީ ފަރުބަދައެއްގެ ވަށައިގެން “ޑިޓުއާ”އެއް ނަގާފައި، 20 ގަޑިއިރުގެ ރާސްތާއެއް ކަޑައްތު ކޮށްފައެވެ. އެހެންކަމުން، އެ ހިސާބަށް ދެވުނުއިރު ވާނެ ގޮތް އޮތީވެފައެވެ؛ ޒަހަމްތަކަށް ފަރުވާ ލިބުން ލަސްވުމުން ފަގޫނީ މި ދުނިޔެ ދޫކޮށްދިޔައީ އެވެ.

އެކަން ވެގެން ދިޔައީ ދަޝްރަތަށް ބަރުދާސްތު ނުކުރެވުނު ނަފުސާނީ ކެކުޅުމަކަށެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދާން 8 ކިލޯމީޓަރު (ގާތްގަނޑަކަށް 4 މާލެ ވަރުގެ ދުރު ސަރަހައްދަކަށް) ސްކޫލް ކުދިން ހިނގާފައި ދާން ޖެހޭތީ އާއި، ވިލެޖްގެ ވިޔަފާރިވެރިން އެ މީހުންގެ މާކެޓްތަކަށް މުދާ ފޯރުކޮށްދިނުމަށް ދަތިވާތީ، އެ ފަރުބަދައިން މަގެއް ކަނޑައިދިނުމަށް ދަޝްރަތު ބިހާރު ސްޓޭޓްގެ ސަރުކާރުގައި އެދުނެވެ. ނަމަވެސް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. މި ފަދަ މުހިންމު ޕްރޮޖެކްޓެއް ފަށައިދޭނެ ކަމަށް އެއްބަސްވި ނަމަވެސް، ސަރުކާރުން އެ ޕްރޮޖެކްޓް ކުރިއަކަށް ނުގެންދިޔައެވެ.

1613927_1490496377840784_6585556047011619498_n

އެހެންކަމުން ދަޝްރަތު ދެން ކަންތައް ކުރީ ފަރުދީ ގޮތުން އިންސާނަކަށް ގިނިކަންޏާ އެކަން ކުރެވޭނެ ގޮތަށެވެ: މަރުތޭލަކާއި އުދައްޔެއް ހިފައިގެން މަޑުމަޑުން އެކަނިމާއެކަނި އެ ފަރުބަދަ ތަޅަމުން ގޮސް އޭގެ 22 އަހަރު ފަހުން އެއްކަލަ އޭނާ ބޭނުންވި މަގު “ކޮށާލައިފި”އެވެ. ގާތްގަނޑަކަށް 360 ފޫޓު ދިގު، 30 ފޫޓު ފުޅާ އަދި 30 ފޫޓު އުސް މަގުގައި މިއަދު ބައިސްކަލާއި ސައިކަލުގައި ސްކޫލް ކުދިންނަށް ފަސޭހައިން ދަތުރު ކުރެވެއެވެ. ވިލެޖްގައި ދިރިއުޅޭ ވިޔަފާރިވެރިންނާއި އާއްމުންނަށް ސިއްހީ އަދި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ފަސޭހަ ވެފައިވެއެވެ. ދަތުރު ކުރަން ޖެހޭ ރާސްތާ ވަނީ ގާތްގަނޑަކަށް 3 ކިލޯމީޓަރަށް ކުރު ކުރެވިފައެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ފުރާނަ ސަލާމަތް ކުރެވި، ބާއްޖަވެރި ދިރިއުޅުމެއް ލިބިފައެވެ.

“މައުންޓަން މޭން” ނުވަތަ “ފަރުބަދަ މީހާ”ގެ ވަނަން ލިބުނު ދަޝްރަތު އެއިރު މި މަސައްކަތް ފެށުމުން ވިލެޖްގެ ހުރިހާ އެންމެން ހަޖޫ ކިޔެވެ. އަންހެނުން އެހާ ހިތާމަވެރި ގޮތަކަށް މަރުވުމުން ދަޝްރަތު ދުނިޔެއިން މޮޔަވީ ކަމަށް އެ މީހުން ބުނަމުން ދިޔައެވެ. ނަމަވެސް މަގުގެ މަސައްކަތުގެ ދެބައި ކުޅަ އެއް ބައި އޭނާ ނިންމާލިި ފަހުން އެ އެންމެން ސީރިއަސް ވިއެވެ. އަދި އާ އާލާތްތައް ގަންދީ، ކޮންމެވެސް ވަރަކަށް މަސައްކަތުގައި އެހީވާން ފެށިއެވެ.

ދަޝްރަތު މަރުވީ 2007 ގައި ކެންސަރު ބަލީގައެވެ. އުމުރުން 80 އަހަރުގައެވެ. އޭނާގެ މި ބުރަ މަސައްކަތް އިންޑިޔާ ސަރުކާރުން ފާހަގައެއް ނުކުރެއެވެ. ނަމަވެސް ބިހާރުގެ ސަރުކާރުން އޭނާއަށް ދައުލަތުގެ އިއްޒަތުގައި ޖަނާޒާ ބާއްވައިދިނެވެ.

“އަހަރެން މިކަންތައް ފެށީ އަހަރެންގެ އަންހެނުން ދެކެ ވި ލޯބީގެ ސަބަބުން. ނަމަވެސް ފަހުން އަހަރެން އެކަންތައް ކުރިއަށް ގެންދިޔައީ އިންސާނިއްޔަތަށްޓަކައި މުޅި ވިލެޖްގެ ހުރިހާ އެންމެންގެ ރައްކަލަކަށްޓަކައި. އަހަރެން މި ކަމަށް އެއްވެސް މެޑެއްޔެއް ނުވަތަ މަޝްހޫރު ކަމެއް ބޭނުމެއް ނޫން،” މަރުވުމުގެ ކުރިން ދީފައިވާ އިންޓަވިޔުއެއްގައި ދަޝްރަތު ބުނެފައިވެއެވެ.

ދަޝްރަތުގެ ހަޔާތް ފުރަތަމަ އެނގިގެން ދިޔައީ އިންޑިޔާގެ ނޫސްވެރިއެއް ކަމަށްވާ އަރުން ސިންގަށެވެ. އެއީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ.

“ދަޝްރަތުގެ ހަޔާތަކީ ހިތާމައިން ފުރިފައިވާ ވާހަކައެއް. މިނިސްޓަރުންގެ ގެކޮޅުތައް ޒީނަތްތެރި ކުރުމަށް ސަރުކާރުން އެތައް މިލިއަނެއް ހަރަދެއް ކުރާއިރު، އާއްމުންގެ ޒަރޫރީ ބޭނުންތަކަށްޓަކައި ފަރުބަދައިން މަގެއް ކަނޑައި ނުދެވުނު ސަރުކާރެއްގެ ވާހަކަ މިއީ،” އަރުން އެއިރު ލިޔެފައިވެއެވެ.

“ދަޝްރަތު މަރުވީ ހިތްދަތި މީހެއްގެ ގޮތުގައި ހުރެ. އޭނާގެ ބުރަ މަަސައްކަތް ސަރުކާރުން ބަލައެއް ނުގަނޭ. އަދި ގައުމީ އެވޯޑެއް ވެސް ނުދޭ. ނަމަވެސް އާއްމުންގެ ހަނދާންތަކުން އޭނާ ފުހެވިގެނެއް ނުދާނެ. އަދި އޭނާގެ ހަޔާތަކީ އަންނަން އޮތް ޖީލުތަކަށް އުއްމީދު ގެނުވައިދޭނެ ހަޔާތެއް،” އަރުން އިތުރަށް ލިޔެފައިވެއެވެ.

10154414_1490513584505730_8099310194506866292_n

އިންޑިޔާގެ އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލައި ބޮލީވުޑްގެ މަޝްހޫރު ބަތަލު އާމިރް ޚާން ގެނެސްދޭ “ސަތްޔަމޭވް ޖަޔަތޭ”ގައި ވެސް މިިދިޔަ ހަފުތާގައި ވަނީ ދަޝްރަތުގެ ކެތްތެރިކަމާއި މިންނެތްތެރިކަން ފާހަގަ ކޮށްފައެވެ. އަދި މިހާރު ސްކޫލެއްގައި ކައްކާއިންގެ ގޮތުގައި މަސައްކަތް ކުރާ ދަޝްރަތުގެ ފަގީރު ފިރިހެންދަރިފުޅު ބަގްހީރާތު މަންޖްހީ އާއި އޭނާގެ އަންހެނުން ބަސަންތީ ދޭވީ އަށް ކޮންމެ މަހަކު ވެސް ފައިސާގެ އެހީއެއް ދޭނެ ކަމަށް އާމިރް ވަނީ އެ މީހުންނަށް ޒިޔާރަތްކޮށް، ވައުދުވެފައެވެ. ސަބަބަކީ އެ ދެމަފިރިންނަށް މިހާރު މަހު މުސާރައެއްގެ ގޮތުގައި ލިބެނީ އިންޑިޔާގެ އެންމެ 1000 ރުޕީސް ނުވަތަ 25 އެމެރިކާ ޑޮލަރު ކަމަށްވާތީއެވެ.

މީގެ އިތުރުން “މައުންޓަން މޭން”ގެ ނަމުގައި ދަޝްރަތުގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމަށް ވެސް ވަނީ ނިންމައިފައެވެ. ފިލްމްގެ ބަތަލެއްގެ ގޮތަށް ހަމަޖައްސާފައިވަނީ މުޅިން އާ މޫނެއް ކަމަށްވާ ސްރިކާންތް އެވެ.

އިންޑިޔާގެ އާގަރާގައި ހުންނަ މަޝްހޫރު ތާޖް މަހަލް އަކީ ވެސް ލޯބީގެ ވަރުގަދަ ނިޝާނެކެވެ. ނަމަވެސް ޝާހް ޖަހާން އެކަންތައް ކުރުމުގައި އެތައް ބައެއްގެ އެހީތެރިކަމާއި ވަސީލަތްތައް ލިބުނެވެ. ދަޝްރަތުގެ ހަގީގީ ލޯބީގެ ވާހަކަ ތަފާތު ވެފައި އާދަޔާ ޚިލާފު ވަނީ މިހެންވެއެވެ. އެކަނިމާއެކަނި އޭނާ ހުރިހާ އިންސާނުންނަށް ސާބިތުކޮށްދިނީ ލޯތްބަކީ ކާއިނާތުގައިވާ އެންމެ ނުފޫޒު ގަދަ ރޫހީ ބާރު ކަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Sharafullah Shareef

    ވަރަށް ހިތްވަރު ލިބޭ ކަހަލަ ވާހަކައެއް….. ޝުކުރިއްޔާ…. މީހެއްގެ ދިރިއުޅުން ވެސް ބަދަލުކޮށްފާނެ….. ގައިމުވެސް އަޅުގަނޑަށް ކޮށްފި…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.