158 ގޯއްޗަށް އެދި 800 މީހުން ފޯމު ނަގައިފި

ބ. އޭދަފުށީ ހިއްކި ބިމުން ފުރަތަމަ ބުރުގައި ދޫކުރަން ހުޅުވާލި 158 ގޯއްޗަށް ކުރިމަތިލުމަށް އެދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 800 މީހުން ފޯމު ނަގާފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފޯމު ދޫކުރަން ފެށި މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިހާތަނަށް، 800 ފޯމު ނަގާފައިވާ ކަން ކައުންސިލުގެ ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯއްޗަށްއެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13ގެ ނިޔަލަށް އޮންނާނެ އެވެ.

“އެންމެ ފަހު ވަގުތަށް މަޑުކޮށްގެން ނުތިއްބަވާ. އެންމެ ފަހު ދުވަސްކޮޅަށް މަޑުކޮށްގެން ތިބި ނަމަ، ދަތިތަކެއް ދިމާވެދާނެ. އެހެންވީމާ މިހާރުއްސުރެ ފެށިގެން އެ މީހަކަށް ފަސޭހަ ގަޑިއެއްގައި ވީހާ އެންމެ އަވަހަކަށް ފޯމު ހުށަހެޅުމަކީ މުހިންމު ކަމެއް. އެންމެ ފަހު ހަފުތާގައި މިކަން ކުރަން އުޅެފި ނަމަ، ބާރު ބޮޑުވެ، ތަކުލީފްތަކެއް ދިމާވެދާނެ،” ތޮލާލު ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލުން ބުނެފައިވާ ގޮތުގައި ގޯއްޗަށް އެދި ފޯމު ހުށަހެޅޭނީ 600 ފޫޓަށްވުރެ ބޮޑު ގޯއްޗެއްވިޔަސް އަދި ގޯއްޗަކުން ބައެއްވިޔަސް އެމީހެއްގެ މައްޗަށް ރަޖިސްޓްރީ ވެފައި ނެތް، އަދި ސަރުކާރުން ހަދާފައިވާ ރޯ ހައުސް އެއް ނުވަތަ ފްލެޓެއްވެސް އެމީހެއްގެ މައްޗައް ރަޖިސްޓްރީ ވެފައި ނެތް ފަރާތްތަކަށެވެ.

އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރަން ފަށާފައި މި ވަނީ މިރަށުން ދިރިއުޅެން ގޯތި ދޫކުނުރާތާ 30 އަހަރަށް ފަހުންނެވެ. އޭދަފުށިން ދޫކުރުމަށް ނިންމާފައިވަނީ 1400 އަކަފޫޓްގެ 158 ގޯއްޗެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.