އިގްތިސާދީ ހާއްސަ ސަރަހައްދުތައް

ކޯސްޓު ގާޑުގެ ލޯންޗެއް މާލެ ކައިރީގައި ދުއްވަނީ:
ކޯސްޓު ގާޑުގެ ލޯންޗެއް މާލެ ކައިރީގައި ދުއްވަނީ:

 

ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ރައްޔިތުން މުއްސަނދި ކުރުވައި، ވަޒީފާ އުފައްދައި ރާއްޖެތެރެ ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ ބިލެއް ހުށަހަޅާފަ އެވެ.

އިގްތިސާދީ ހާއްސަ ސަރަހައްދުތަކަކީ، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި، ރާއްޖޭގެ އެހެނިހެން ޤާނޫނުތައް ނުހިނގާގޮތަށް، ޚާއްސަ އިނާޔަތްތަކެއްގެ ދަށުން ބޭރުގެ ވިޔަފާރިވެރިންނަށް، ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. ސަރުކާރުންވަނީ މިފަދަ ނުވަ ސަރަހައްދެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހެދުމަށް ނިންމާފަ އެވެ. މި ސަރަހައްދުތަށް ބެލެހެއްޓުމުގެ އިސްފަރާތަކަށްވާނީ، ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެކުލަވާލާ 17 މެންބަރުންގެ މައްޗަށް ހިމެނޭ ބޯޑަކުންނެވެ.

އިގްތިސާދީ ހާއްސަ ސަރަޙައްދުތަކުގައި ވިޔަފާރި ކުރާފަރާތްތަކަށް ދެވޭ އިނާޔަތްތަކުގެ ގޮތުގައި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދައްކަން ނުޖެހުމާއި، ޖީއެސްޓީ އާއި ޓީޖީއެސްޓީ ދައްކަން ނުޖެހުމާއި، ވިތްހޯލްޑިންގ ޓެކްސް އަދި ޓޫރިޒަމް ދާއިރާގެ އެހެނިހެން ޓެކްސްތަށް ދައްކަން ނުޖެހުން ހިމެނެ އެވެ. އަދި ބޭނުން އަދަދަކަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ފުރުސަތާއި، ބޭރުގެ ފަރާތްތައް ހިމެނޭ ކުންފުނިތަކުން ރާއްޖޭގެ ބިންތައް ޓެކްސް ދެއްކުމަކާނުލާ އަމިއްލަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އިގްތިސާދީ ހާއްސަ ސަރަޙައްދެއްގެ ގޮތުގައި ރަށެއް/ފަޅެއް ނުވަތަ ރަށްތަކެއް ކަނޑައެޅުމަށްފަހު، އެ ސަރަހައްދެއް ނިސްބަތްވާ ކައުންސިލްގެ އެއްވެސް ބާރެއް އެ ސަރަހައްދަށް ނުހިނގާނެ އެވެ. އަދި އެރަށްތަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބުމުގެ ބަދަލުގައި ލިބޭނީ އިންވެސްޓަރުންނަށާއި މައި ސަރުކާރަށެވެ. ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތް ބަންދުވުމުން، ކައުންސިލްތައް ބާރުވެރިވުމުގެ ބަދަލުގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން މިހާ ހިސާބުން ނިމުމަކަށް އައީކަމަށް ބެލެވިދާނެ އެވެ.

މިފަދަ ގިނަ އިނާޔަތްތަކަކާއެކު ފުރުސަތު ހުޅުވާލުމުން، ގިނަ އަދަދެއްގެ ރިސޯޓް އިންވެސްޓްމަންޓްސް ރާއްޖެއަށް ލިބިގެންދާނެއެވެ. ނަމަވެސް ސަރުކާރަށް ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ނުލިބި، މިކަމުން ރައްޔިތުންނަށް ކުރާނެ ފައިދާއާ މެދު ސުވާލު އުފެދެ އެވެ. އަދި މިފަދަ ތަންތަނުގައި ވަޒީފާއަދާކުރުމަށް ބޭރުގެ މީހުން ގެނައުމަށް ވަކި ހައްދެއް ނެތުމުން، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެތޯ މީކުރެވޭ ސުވާލެކެވެ.

ސަރުކާރަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ޖީއެސްޓީ އަދި ބީޕީޓީ އެވެ. އިގްތިސާދީ ހާއްސަ ސަރަހައްދުތަކަށް ދެވޭ އިނާޔަތްތަކުގެ ދަށުން، ޖީއެސްޓީ އަދި ބީޕީޓީ ދައްކަން ނުޖެހުމުން ސަރުކާރަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ. އަދި ސަރުކާރަށް ލިބޭ ޑޮލަރު އާމްދަނީވެސް މަދުވެ، ޑޮލަރު ބޮޑުއަގުގައި ގަންނަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ. ޖީއެމްއާރު އަށް އެއާޕޯޓް ދިނުމުން ސަރުކާރަށް ޑޮލަރު ލިބޭ މައިގަނޑު ވަސީލަތް ބަންދުވިގޮތަށް، ޓޫރިޒަމް އިން ނަގާ ޓެކްސްތައް މާފުކުރުމުން، ރިޒޯޓް ތަކުން ސަރުކާރަށް ލިބޭ ޑޮލަރުގެ ބޮޑުބައެއް ލިބުން ހުއްޓިގެން ދާނެއެވެ.

އިގްތިސާދީ ހާއްސަ ސަރަޙައްދުތަކަކީ ބިންގަނެގެން ބިން 99 އަހަރަށް އަމިއްލަކުރުމުގެ ފުރުސަތު އޮތްކަމަކަށް ވުމުން، ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް ހުންނާނީ މުއްސަނދި މަދު ބައެއްގެ އަށްދަށުގަ އެވެ. ރާއްޖެފަދަ ފަޤީރުންނާއި މުއްސަނދިންގެ ފަރަޤު ބޮޑު ޤައުމެއްގައި މިކަމުގެ ސަބަބުން ފަޤީރުން ފަޤީރުވެ، މުއްސަނދިން މުއްސަނދިވުން އިތުރުވެގެން ދާނެއެވެ. ބިމަކީ ރާއްޖޭގައި ތަދު އެއްޗަކަށް ވެފައި، ހުރިހާ ބިމެއް މަދު ބަޔެއްގެ އަމިއްލަ ތަރިކަ މުދަލަށް ވުމުން، މުސްތަޤްބަލްގައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮންނާނީ މަދު ބައެއް އަތްމަތީގަ އެވެ.

އިގްތިސާދީ ހާއްސަ ސަރަޙައްދުތަކުން ފައިސާ ބޭރުކުރުމާއި ގެނައުމުގައި ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ހުއްދަ ނަގަން ނުޖެހޭގޮތަށް އޮތުމަކީ މިފަދަ ތަންތަނަށް ޓެރަރިސްޓުންނާއި ބައިނަލްޢަޤްވާމީ މުޖުރިމުން ކަޅިއަޅާނެ އަދި މިކަމުގެ ނާޖާއިޒު ފައިދާ ނަގާނެ ކަމެއްކަން ތާރީޚް ހެކިދެއެވެ. މިފަދަ އިގްތިސާދީ ހާއްސަ ސަރަޙައްދުތައް ހަދާފައިވާ ޝީޝަލްސް، ބްރިޓިސް ވަރޖިން އައިލެންޑްސް ފަދަ ޖަޒީރާ ގިނަ ޤައުމުތަކަކީ ވަގު ވިޔަފާރި އާއި، ކަޅު ފައިސާ އަދި މުޖުރިމުން ފައިސާ ރައްކާކުރާ ހާލިތަކަށް ވަނީ ވެފައެވެ.

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

 1. Avatar
  މީނަ

  މި ލިޔުމަކީ އިލްމީ ނަޒަރަކުން ބަލާފައި ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމުގައި ނުބެލެވޭ. ލިޔުމުގައިވާ ހުރިހާ ބައިތަކެއް ވެސް ބިނާ ވެގެން ގޮސްފައިވަނީ ރަނގަޅު އޮށްޓަރެއް ނެތްގޮތަށް ޒާތީވެ، ރައްޔިތުންނަށް އޮޅުވާލުމުގެ މަޤްޞަދުގައި. ރަގަޅު އޮށްޓަރު ހުރި ލިޔުމެއްގައި ވިއްޔާ ހާމަކަން ބޮޑުގޮތެއްގައި ކަމުގެ ދެފަރާތް ގެނެސް ދެވެންޖެހޭނެ. ބިލުގައި ހުރި ރަނގަޅު ކަންތައްތަކާއި އުނިކަންތައް ތައް ރައްޔިތުންނަށް ބުނެދެވެންޖެހޭނެ. އަދި ކިއުންތެރިންނަށް ޖަޖް ކުރުމަށް ދޫކޮށްލުން ރަނގަޅުވާނެ. އަހްމީމް މެން ފަދަ ލިޔުންތެރިން މިފަދަ ފެންވަރު ދަށް ލިޔުންތައް މުސްތަޤްބަލުގައި އިތުރަށް ފުރިހަމަ ކަމާއެކު ލިޔާނެ ކަމަށް ހީކުރަން. އަދި ޒާތީ ތައައްސަބުން ދުރުވެ، ޤައުމުގެ ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ފުރިހަމަ އަށް ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން.

  ރައްދު
 2. Avatar
  އަހްމަދު ރަޝީދު (ސީޓޭ)

  ރާއްޖޭގައި ވަގުވިޔަފާރި ކުރުމާ، ނައިޓްކްލަބްތައް ހެދުމާއި، ކެސިނޯފަދަ ތަންތަން ހިންގުމަށް ކޮށަންބޭނުންވާ އެންމެހާ މަގުތައް ކޮށައި، އިސްލާމްދީނާ ޚިލާފު އެންމެހާ ޖަރީމާތަށް ހިންގާނެ. ރާއްޖޭގެ ކަނޑު އަދީގައި ހުރި ޚަޒާނާތައް ނަގައި ހުސްކުރާނެ. އެއްވެސް މީހަކަށް ބުނެވޭނެ އެއްޗެއް ނޯންނާނެ، އެހެނީ އެ ސަރަޙައްދުތަކަކީ، ރާއްޖޭގެ ޤާނޫނު އަސާސީ “ނުފޯރާ” ހިސާބު ކަމަށް ނިންމާތީ، ރާއްޖޭގެ މުއްސަނދިކަން، ޔާމިން ބޭނުންވާ 17 މީހަކަށް. ޤަބުލުކުރެވޭ ގޮތުގަ، މި 17 މީހުންވެސް ތިބޭނީ، ރާއްޖޭގެ ޤާނޫނު އަސާސީ “ނުފޯރާ” ހިސާބުގަ.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.