މަޖިލީހުގައި މައިނޯރިޓީ ލީޑަރަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ސަލީމް ކަމަށް ކަނޑައެޅީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމަށް ބަދަލުވެއްޖެކަން މަޖިލީހުގެ ސެކްރެޓޭރިއަޓަށް ބަލައިގަނެ، އެކަން މިއަދުގެ ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމުންނެވެ.

ނަޝީދު ވިދާޅުވީ، ހުސައިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވިޔަސް، ރައްޔިތުން އެދޭ ގޮތެއް ނުބަލައި އެހެން ޕާޓީއަކަށް ބަދަލުވުމުގެ ފުރުސަތު މަޖިލީހުގެ ގަވައިދުގައި ދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ސަލީމް ކަމަށް ކަނޑައެޅުމަށް ފަހު، އެކަމާ ބެހޭ ގޮތުން އެކި ޕާޓީތަކުގެ މެމްބަރުން ވާހަކަ ދައްކަވަން ނަޝީދު އެދިވަޑައިގަތެވެ.

އެ ފުރުސަތުގައި، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު އުތުރު ދާއިރާގެ މެމަބަރު ހަސަން ލަތީފް ވިދާޅުވީ، ވަކި ފިކުރެއްގައި ހޮވުމަށް ފަހު އެހެން ގޮތަކަށް ބަދަލުވޭ ނަމަ އެކަމަށް އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި މައިނޯރިޓީ އަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.