ސާވިސް ޗާޖު ނަގާ ނަމަ މުވައްޒަފުންނަށް ދޭން މަޖުބޫރު ކުރަން ގާނޫނަށް އިސްލާހް

ވަޒީފާ އާދާކުރާ ފަރާތްތަކަށް ސާވިސް ޗާޖް ދިނުން މަޖުބޫރު ވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު އިސްލާހް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހްތަކެއް ހުށަހަޅުއްވާފަ އެވެ.

އީސަ ހުށަހެޅުއްވި އިސްލާހްތަކުގެ ތެރޭގައި، ސާވިސް ޗާޖާ ގުޅޭ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެއްވެސް ސާވިސް ޗާޖެއް ނަގާ ނަމަ، އެ ލިބޭ ފައިސާ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސާވިސް ޗާޖް ދިނުމުގައި މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ބެހުމާއި މަސް ނިމުމުގެ ފައިސާ ދިނުމަށް ވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން، ސާވިސް ޗާޖް ނެގޭ ގޮތުގެ ރެކޯޑް ބެލެހެއްޓުމާއި ކޮންމެ އަހަރަކު އެއްފަހަރު އެ މައުލޫމާތު ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ހުށަހެޅުމަށް ވެސް ބިލްގައި ކަނޑައަޅާފައިވެ އެވެ.

ސާވިސް ޗާޖް ދޭން މަޖުބޫރުވާ ގޮތަށް އިސްލާހް ހުށަހަޅާފައި މިވަނީ، ގިނަ ރިސޯޓުތަކުގައި ސާވިސް ޗާޖު ދެމުންދާ ގޮތް ރަނގަޅު ކަމަށް ދޭހަވާ ގޮތަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީޑިއާގައި ދެއްކެވި ވާހަކަ އަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓްތަކުން ސާވިސް ޗާޖު ނަގާ ގޮތާއި އެ ބަހާ ގޮތުގެ މައުލޫމާތު ރަސްމީކޮށް އެނގޭކަށް އަދި ނެތެވެ. އެހެން ނަމަވެސް، އަމިއްލަ ފަރާތްތަކުން އެ މައުލޫމާތު އެއްކުރުމަށް ފަހު އިންޓަނެޓްގައި އާންމުކުރެ އެވެ.

ޓޫރިޒަމް ދާއިރާގެ އިތުރުން، ގިނަ ރެސްޓޯރަންޓް/ކެފޭ ފަދަ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ވެސް ސާވިސް ޗާޖު ނަގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.