ބ. އެޓޯލް ފުޓްބޯލް ޗެލެންޖް – ދޮންފަން

ދޮންފަނު ޓީމު
ދޮންފަނު ޓީމު

 

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ބައިވެރިވާ ދޮންފަނަކީ އަތޮޅުގެ ނިސްބަތުން އާބާދީ ކުޑަރަށެކެވެ. ރަށުގައިތިބި މަދުކުޅުންތެރިންނާއި އެކު ޓީމު ހަމަކޮށް ފުޓްބޯލް ޗެލެންޖުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރުމަށް މިފަހަރު އެރަށުން ވަނީ ތައްޔާރުވެފައެވެ. ފުޓްބޯޅައިގެ ކާމިޔާބު މާޒީއެއް ނެތް ދޮންފަނު ޓީމުން ބައިވެރިވެފައިވާ ހަމައެކަނި ވާދަވެރި މުބާރާތަކީ މިދިޔަ އަހަރުގެ ފުޓްބޯލް ޗެލެންޖެވެ. އެއްވަނަ ޑިވިޝަން ފެންވަރުގެ ކުޅުންތެރިއަކު ރަށުގައި ނެތްނަމަވެސް ރަށު ފެންވަރުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް މިފަހަރު ދަނޑުމަތީން ފެންނާނެކަމަށް އެރަށުން ބުނެއެވެ. ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންގައި އެރަށު ކުޅުންތެރިއަކު ނެތަސް ފުޓްބޯޅައިގައި އެރަށަށް ހިނިތުންވުން ގެނެސްދޭ އެހެންކަމެއް އެބައޮތެވެ. އެއީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގައި ދޮންފަނަށް ނިސްބަތްވާ ދެކުޅުންތެރިން ތިބުމެވެ. މިއީ އަތޮޅުގެ އެހެން ރަށްރަށާއި ދޮންފަނާއި ތަފާތެއް ގެނެސްދޭކަމެކެވެ.

މިއަހަރުގެ މުބާރާތަށް އެ ޓީމުން ތައްޔާރުވަމުން އަންނަނީ މިދިޔަ އަހަރުގެ ނަތީޖާތަކުން ރަނގަޅު ފިލާވަޅެއް ލިބިގެންނެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރެއިން މިހާތަނަށް ޕޮއިންޓެއް ލިބިފައިނުވާ ހަމައެކަނި ޓީމަކީ ދޮންފަނެވެ. 2013 ވަނަ އަހަރުގެ މުބާރާތުގައި ދޮންފަނު ޓީމުން ހަތަރު ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަނީ ނުވަ ގޯލް ވަދެފަ އެވެ.

 ދޮންފަނު ޓީމު 2013 ވަނަ އަހަރު
ދޮންފަނު ޓީމު 2013 ވަނަ އަހަރު

90 އިންސައްތަ ރަށު ކުޅުންތެރިންނާއިއެކު މިފަހަރުގެ ޗެލެންޖަށް އެރަށުން ކުރިމަތިލަނީ މިދިޔަ އަހަރަށްވުރެ ވަރުގަދަކޮށެވެ. އެއްވަނަ ޑިވިޝަންގެ ތަޖުރިބާ މިފަހަރުވެސް އެރަށު ޓީމުން ފެނިގެންދާނެއެވެ. މިގޮތުން މިހާރު ބީޖީ ސްޕޯޓްސް އަށް ކުޅޭ އިބްރާހިމް ހަމްދާން އަކީ މިފަހަރުގެ މުބާރާތުގައި ދޮންފަނު ޓީމުން ފެންނާނެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އުމުރުން 23 އަހަރުގެ ހަމްދާން މިދިޔަ އަހަރު ފެނިގެން ދިޔައީ ކްލަބް ވެލެންސިޔާއިންނެވެ. ހަމްދާންގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ އަޙްމަދު ގިތުރީޒްވެސް ޓީމުގައި މިފަހަރު މުހިއްމު ކުޅުމެއް ދައްކާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުވެސް ދޮންފަނަށް ކުޅުނު ގިތުރީޒް އަކީ މީގެ ކުރިން އޭވައި.އެލް، އީގަލްސް އަދި ވިޔަންސާއަށް ނުވަ އަހަރު ކުޅެފައިވާ ކުޅުންތެރިއެކެވެ. ދޮންފަނު ޓީމުގެ ޑިފެންސް ބެލެހެއްޓުމުގެ އުނދަގޫ ޒިންމާ މިފަހަރުވެސް ނަގާނީ މިކުޅުންތެރިޔާއެވެ. ޓީމުގެ ކީޕަރަށް އަނިޔާވުމާއި ގުޅިގެން ގޯލް ބަލަހައްޓާނީ ރަށުން ބޭރަށް ނިސްބަތްވާ އަޙްމަދު ސިނާން އެވެ. ތ. ވޭމަންޑޫ އަށް އުފަން މި ކުޅުންތެރިޔާ ވަނީ މީގެ ކުރިން ބީޖީ، ޕޮލިސް ކްލަބް އަދި ތިންވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކަށްވެސް ކުޅެފައިވެއެވެ.

ގްރޫޕް ސްޓޭޖްގައި އޭދަފުއްޓާއި، ދަރަވަންދޫ އަދި ފެހެންދޫއާއި ކުޅެންޖެހޭއިރު ޓީމުގެ މިފަހަރުގެ އަމާޒަކީ ސެމީފައިނަލަށް ދިއުމެވެ. ޓީމުގެ މެނޭޖަރު ހަނީފް އިބްރާހިމް ބުނިގޮތުގައި ޓީމު އޮތީ އެފަދަ ރޫހެއްގައިކަމަށާއި، ގްރޫޕްގައި ބަލިކުރެވިދާނެ ޓީމުތަކެއް އެބަހުރިކަމަށެވެ.

“ގްރޫޕްގަ އޮތް ފެހެންދޫ ގޮތެއް ނޭނގޭ. އެމީހުން ކުޅުމެއް ނުދެކެން. ލިބޭ މަޢުލޫމާތަށް ބަލާފަ އެ ޓީމު ބަލިކުރެވިދާނެހެން ހީވެ. އެކުވެރިކަމުގެ މެޗްތަކުގައި ދަރަވަންދޫ ވަރަށް ގިނައިން ބަލިކުރަން. ދަރަވަންދޫ އަތުން އެންމެ ފަހުން ބަލިވި ހަނދާނަކަށް ވަނީ މިދިޔަ އަހަރުގެ މުބާރާތުގަ. އޭދަފުއްޓާ ކުޅެން ވަރަށް އުނދަގޫވާނެ. އެރަށާއި ކުޅުމަކީ ގައުމީ ޓީމާއި ކުޅުންކަހަލަ ކަމެއް.” ގްރޫޕްގެ ޓީމުތަކާއިމެދު ދެކޭގޮތް ހިއްސާކުރަމުން ހަނީފް ބުންޏެވެ.

ހަނީފް ބުނީ އޭދަފުއްޓާ ކުޅޭ މެޗް ބޮޑަށް ބަލާނީ އެއްވަރުކޮށްލެވޭތޯ ކަމަށެވެ. އެއީ ޓީމުން މިހާރު ވިސްނާގޮތްކަމަށާއި، އެ މެޗުން ޕޮއިންޓެއް ލިބިއްޖެނަމަ ސެމީގެ އުއްމީދު އާވެގެންދާނެކަމަށް އޭނާ ބުންޏެވެ.

މުބާރާތަށް ރަނގަޅަށް ތައްޔާރުވާން ފެށުނީ ވަރަށް ފަހުންކަމަށް ހަނީފްގެ ވާހަކައިގައި ފާހަގަކުރި އެވެ. އަދި އެކަމުގެ ސަބަބުން ޓީމު އެކުލަވާލުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުންޏެވެ.

“މުބާރާތަށް ރަނގަޅަށް ތައްޔާރުވާތާ މިވީ އަދި ދެހަފްތާ. އެންމެ ބޮޑު މައްސަލަ އަކީ ރިސޯޓްތަކުގައި އުޅޭ ކުޅުންތެރިންނަށް ޕްރެކްޓިހުގައި ބައިވެރި ނުވެވުން. އެކުޅުންތެރިންނަށް ރިލީޒް ނުލިބޭތީ އެމީހުން ނުލާ ޕްރެކްޓިސް ކުރަން ޖެހޭތީ ޓީމު ރަނގަޅަށް އެކުލަވާލަން އުނދަގޫވަނީ”

ޓީމަށް އިރުޝާދު ދިނުމަށް ކޯޗެއްގެ ގޮތުގައި ހުންނާނީ ކޯޗިންގ ދާއިރާގެ ތަޖުރިބާ ހުރި އަޙްމަދު ރަޝީދެވެ. ގިނައިން ދެވަނަ ޑިވިޝަންގެ ޓީމްތަކަށް ކޯޗުކަން ކޮށްދޭ ރަޝީދުވަނީ މީގެ ކުރިން ތިންވަނަ ޑިވިޝަން އާއި ޕޮލިސް ކްލަބަށްވެސް ކޯޗުކަން ކޮށްދީފައެވެ. މީގެ އިތުރުން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުގެ ބައެއް ޓީމުތަކަށްވެސް ރަޝީދު ވަނީ އިރުޝާދުދީފަ އެވެ.

މިފަހަރުގެ ޓާގެޓަށް ވާސިލްވެވިއްޖެނަމަ އެއީ ރަށުގެ ފުޓްބޯޅައަށް ދިރުމެއް ގެނެސްދޭނެކަމެއް ކަމަށް ބެލެވެ އެވެ. ސެމީ ފައިނަލާއި ހަމައަށް ޓީމަށް ދެވިއްޖެނަމަ އަންނަ އަހަރުގެ ޓީމު ތަށި ހޯދޭ ފެންވަރުގެ ޓީމަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް ހަނީފް ބުންޏެވެ.

“މިފަހަރުވެސް ފުރުޞަތު ލިބުނު ރާއްޖޭގައި އެންމެ މޮޅު އެއްކުޅުންތެރިޔާ ގެންނަން. އެކަމު ބޮޑު ޚަރަދެއް ކުރަންޖެހޭތީ ނުވީ، މިފަހަރު ސެމީއަށް ދަތުރުކުރެވިއްޖެނަމަ އަންނަ އަހަރުގެ ޓީމުގައި ފުރަތަމަ ޑިވިޝަންގެ ރަނގަޅު ކުޅުންތެރިން ހިމެނޭތޯ ބަލާނަން”

ދޮންފަނު ޓީމުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓާ އެވެ. މި މެޗް ކުޅޭނީ ނޮވެމްބަރ 30 ވަނަ ދުވަހު 15:50 ގައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އާދައިގެ ނަތީޖާތަކެއް ނެރުނަސް މިފަހަރު އެރަށުން ކުރާ އުއްމީދަށް ފަނޑުކަމެއް ނާދެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    Kihaadhoo ބަތްޕޮޅި

    ސަޕޯޓަރުންވެސް ބޭނުންވާނެދޯ ޓީމްގައި ހިމެނެނީ ކޮންކޮން ކުޅުންތެރިން ނެއްކަން އެނގެން… މަޖިއްޓޭމެން ސައްޓުމެން ތިހެން ދިޔަޔަސް އަދި އޭދަފުށި ހާހެއް ނުވާނެ… އެކަހަލަ ކިތަންމެ މަޖިއްޓޭމެނެއް އޭދަފުށީގައި ތިބިކަން މިފަހަރު ދަައްކާ ލާނަން..

    ރައްދު
  2. Avatar
    Kihaadhoo ބަތްޕޮޅި

    އީ. ޓީ. އިން އޭދަފުށީ ޓީމްގެ ޕްރޮފއިލެއް ގެނަސް ނުދެވިގެނ މިއުޅެނީ ކީއްވެކަމާމެދު ގިނަ ސުވާލުތަކެއް އެބަ އުފެދޭ؟؟؟؟ މީގެ ޖަވާބެއް މި ނޫހަށް ދެވެންނެތީތޯ؟؟؟؟ ނުވަތަ..
    އޭދަފުށި ޓީމް ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވަނީތޯ؟؟؟؟
    އޭދަފުށި ޓީމް އެކުލަވާ ނުލެވެނީތޯ؟؟؟
    އޭދަފުށި ޓީމްގައި މަޝްހޫރު ކުޅުންތެރިން ގިނަކަމުން ޕްރޮފައިލް ބޮޑުކަމުން ޢީ. ޓީ. އަށް ނުފެތެނީތޯ؟؟؟
    އޭދަފުށީ ޓީމް އެކުލަވާލުމުގައި ހުރި މައްސަލަތަށް ބޮޑީތޯ؟؟؟
    އޭދަފުށި ޓީމްގެ މެނޭޖްމަންޓް ހަމަ އެހާ ނާޤާބިލީތޯ؟؟؟
    ހައްތާވެސް ސުވާލު….!!…؟؟؟؟… ޖަވާބެއް ބޭނުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.