ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ

ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ، މިދިޔަ އަހަރު އެ ޕްރޮގްރާމް ފުރިހަމަކުރި 27 ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

ދަރިވަރުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މިއަދުގެ ހަފްލާގައި މި އަހަރު ކުރިއަށް ގެންދާ، އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ވަނަ ބުރުގައި ހޮވުނު 17 ކުދިންނަށް ރަސްމީކޮށް މަރުހަބާ ކިޔުންވެސް ކުރިއަށް ދިޔައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ތައާރަފުކުރީ 2009 ވަނަ އަހަރެވެ. މިހާތަނަށް އެ ޕްރޮގްރާމުގައި ޖުމްލަ 214 ކުދިން ބައިވެރިވެފައި ވާއިރު، ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންކަން ދިރާގުން ފާހަގަކުރެއެވެ.

ދިރާގުން ބުނީ އެއީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބު ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ހެކި ކަމަށެވެ.

އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމް މެދުވެރިކޮށް، ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

މިގޮތުން އޭލެވެލް ނިންމާފައިވާ ދަރިވަރުންނަށް، މި ޕްރޮގްރާމް މެދުވެރިކޮށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަންސް ސްކިލްސް، އަދި ވަޒީފާތަކަށް ކުރިމަތިލާން ފަސޭހަވާނޭ ގޮތަށް، ރަނގަޅު ސީވީއެއް ތައްޔާރުކުރުން، އިންޓަވިއު ސްކިލްސް ފަދަ ތަމްރީނިތައް ހިމެނެއެވެ.

ދިރާގުން ބުނީ މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދާކަމަށާއި އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހުރިހާ ޒުވާނުންނަށްވެސް ހިފޭނެ ކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ދިރާގުގެ ސޭލްސް، މާކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަންސް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

އަދި ބައިވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯއެއްވެސް ކަނޑައަޅައެވެ.

ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ މުސްތަގުބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.