އޯގާ ކޭމްޕްގެ ހަރަކާތްތައް ބ. އަތޮޅުގައި ފަށައިފި

ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި ދީނީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ “އޯގާ ކޭމްޕް”ގެ ހަރަކާތްތައް ބ. އަތޮޅުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

އެގޮތުން އޭދަފުށީގެ މަސްޖިދު މުއީނުންދީންގައާއި އާއި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ކޮށް ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން ބުނި ގޮތުގައި، މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ، ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމާއި، ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމެވެ.

އޯގާ ކޭމްޕްގައި ބ. އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ސްކޫލްތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން، ސްކޫލްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޖަމިއްޔާތަކުންނާއި، އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ދީނީ ކައުންސިލިން ބޭނުންވާ ފަރާތްތަކަށް، ކައުންސިލިން ދިނުމާއި، ދީނީ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މިކޭމްޕްގެ ހަރަކާތްތައް އޭދަފުއްޓާއި ހިތާދުއާއި ކަމަދޫގެ އިތުރުން ކެންދޫގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ބ.އަތޮޅުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޭމްޕްގައި މައުލޫމާތު ދެއްވަނީ އައްޝައިޚް އަޙްމަދު މަޢުމޫނާއި އައްޝައިޚް ޙަސަން ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.