ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރެޑްވޭވް ސަލީމް ދައުވާކުރަނީ

ރެޑްވޭވް ސަލީމް ރައްޔިތުންގެ މަޖިލިހުގައި:

 

ސިފައިން 2010 ގައި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ފަޔާ ޕަވާ ޑެމޮންސްޓްރޭޝަނެއްގައި، ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ގުދަނެއްގައި ވިހަ ކެމިކަލެއް ރައްކާކޮށްފައިވާ ކަމަށް އޭރު ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާ މަޖިލީހަށް މައުލޫމާތު ދެއްވައި އަދި އެ ވާހަކަތައް އާންމުކޮށްފައިވާތީ އެކި ފަރާތްތަކުގެ މައްޗަށް ދައުވާކުރަން ސަލީމް ނިންމަވައިފި އެވެ.

ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާ މުހަންމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައި ވަނީ މަޖިލީހުގެ މެމްބަރެއްގެ ގުދަނެއްގެ ތެރޭގައި ހުރި “ކެމިކަލްގެ ޒަރީއާ އިން ކޮންމެވެސް ކަހަލަ އެސެސިނޭޝަން ޕްލޮޓެއް އޮތް ވާހަކަ” 2011 ގައި ފެންމަތިވި ކަމަށެވެ. އަދި އެއީ ކޮން މެމްބަރެއްތޯ ދެންނެވުމުން އޭނާ ވިދާޅުވެފައި ވަނީ އެއީ އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ކަމަށެވެ.

މިކަމާ ގުޅިގެން ސަލީމް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިއަކަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެފައިވާ ކަމަށެވެ. އެހެންވެ އެކަންކަމުގެ ބަދަލު ހޯދަން ރައްޔިތުންގެ މަޖިލީހާއި އިދިކޮޅު އެމްޑީޕީ އާއި އެކަމުގައި ބައިވެރިވި ވަކިވަކި “އަނިޔާވެރީންގެ” މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ރެޑްވޭވް ފިހާރަތަކުގެ ވެރިޔާ ސަލީމް ވިދާޅުވީ އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިއެއް ފުނޑުފުނޑުކޮށްލުމަށް “ޣައިރު ގާނޫނީ އަމަލުތަކެއް” ހިންގި މައްސަލާގައި ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންނަށް ވެސް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

“އިންސާނެއްގެ ފުރާނަ ހައްގު ނޫން ގޮތެއްގައި ދުއްވާލުމަށް، ނުވަތަ މީހަކާ ދޭތެރޭ އަނިޔާވެރި އަމަލުތަކެއް ހިންގުމަށް ވާގިދޭ އެއްވެސް އަމަލެއް އެއްވެސް ދުވަސްވަރެއްގައި އަޅުގަނޑު ހިންގާފައެއް ނުވާނެ އެވެ. އަދި އަޅުގަނޑުގެ ހިއްސާވާ ރެޑްވޭވް ކުންފުނީގައި ކުރަމުން ގެންދާ ވިޔަފާރީގެ ތެރޭގައި ދައުރުކުރާ އެކި ބާވަތުގެ މުދާ ފިޔަވައި އެހެން ބާވަތުގެ ތަކެތި އެ ކުންފުނީގެ ގުދަންތަކުގައި ފޮރުވައިގެން ގެންގުޅުމަކީ ދުވަހަކު ވެސް އަޅުގަނޑު ކޮށްފައިވާ ކަމެއް ނޫނެވެ. ރެޑްވޭވް ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނާ މި ކުންފުނީގެ ވިޔަފާރި މުދަލާ، ފިހާރަތަކާ ގުދަންތައް ބަލަހައްޓަން ހަވާލުވެ ތިބޭ ފަރާތްތަކުން މި ދެންނެވި ބަހުގެ ތެދު ކަމަށް ހެކިވާނެ އެވެ،” ޕީޕީއެމްގެ މެމްބަރު ސަލީމް ވިދާޅުވި އެވެ.

އޭނާގެ ބަޔާނުގައި ވަނީ ނަޝީދުގެ އިތުރުން ހަމީދަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. (ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.