ބަޔޮސްފިއާ ރިޒާވުގެ ސަބަބުން ބ. އަތޮޅަށް އަންނަ ޓޫރިސްޓުން ދަނީ އިތުރުވަމުން

ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ

 

ބ. އަތޮޅު ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވަކަށް ހެދުމުގެ ސަބަބުން މި އަތޮޅަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދާއި އެކިއެކި ރިސާޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ އަދަދާއި ތިމާވެއްޓަށް ލޯބިކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިހެންބުނީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ބަޔޮސްފިއާ ރިޒާވަކަށް ރާއްޖެ ހެދުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން އެކުލަވައިލާފައިވާ އަމަލީ މަޝްރޫއު ތަންފީޒު ކުރުމާ ގުޅޭ ގޮތުން އެ މިނިސްޓްރީން އެކުލަވާލާފައިވާ ކަރުދާހެއްގެ މައްޗަށް ކެބިނެޓުގެ މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އިތުރު ތަރައްގީ ލިބެމުން އަންނަކަން ވެސް ކެބިނެޓް މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ބަޔޯސްފިއާ މަޝްރޫއެއް އެކުލަވާލީ، ޖޫން 2102 ގައި ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ބޭއްވި ރިއޯ ސަމިޓްގައި، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު ދެއްކެވި ވާހަކަފުޅުގައި، 2017ގެ ނިޔަލަށް، ދުނިޔޭގެ ފެންވަރުގެ ބަޔޮސްފިއާ ރިޒާވަކަށް ރާއްޖެ ހެދުމަށް ނިންމަވައި، އެކަން އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ. އަދި ރަސްމީ ގޮތުން އެ މަސައްކަތް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީއާ ރައީސް ވަހީދު ވަނީ ހަވާލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބ. އަތޮޅުގައި މި ހިންގުނު މަޝްރޫއުގެ ނަތީޖާއަށް ބައްލަވައިގެން އަދި އެ ތަޖްރިބާގެ އަލީގައި ރާއްޖޭގެ އެހެން އަތޮޅުތައް ވެސް ބަޔޮސްފިއާ ރިޒާވަކަށް ހެއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ވެސް އެ ޖަލްސާއިންވަނީ ނިންމަވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ތެރެއިން ބ. އަތޮޅުގައި ގާއިމް ކުރެވިފައިވާ ފަދަ ބަޔޮސް ރިޒާވް ފަންޑެއް، އެހެން އަތޮޅުތަކަށް ވެސް ހުޅުވި، އޭގެ ސަބަބުން އެ އަތޮޅުތަކުގެ އިޖްތިމާއީ އަދި އިގުތިސާދީ ކަންތައްތަކަށް އެއިން ހޭދަ ކުރެވި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ މަގު ތަނަވަސްކޮށްދެއްވުމަކީ ވެސް މި މަޝްރޫއުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދެއްވާ ވަރަށް މުހިންމު ކަމެއްކަން މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ

ބަޔޮސްފިއާ ރިޒާވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްގީގެ މަޝްރޫއުތައް ހިނގާ އަދި ދިރޭތަކެތީގެ ނަސްލާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް، އިގުތިސޯދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީ ވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަގީންވެފައިވާ، އިގުތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.

ބ. އަތޮޅުގެ ގުދުރަތީ ރީތިކާއި މި އަތޮޅުގައި ހުރި ހާއްސަ ކަންކަމުގެ ސަބަބުން، ހިމާޔަތުގެ ފިޔަވަޅެއްގެ ގޮތުން މުޅި އަތޮޅު ވަނީ ޔުނެސްކޯގެ ބަޔޮސްފެއާ ރިޒާވަކަށް ހަދައިފަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފެއާ ރިޒާވް އެވެ. ޔުނެސްކޯގެ ބަޔޮސްފެއާ ރިޒާވަކަށް މިދިޔަ އަހަރު ބ. އަތޮޅު ލިސްޓްކުރި ނަމަވެސް، އޭގެ މާ ކުރިން މިއަތޮޅުގެ ކަނޑުގެ ރީތިކަން ދެމެހެއްޓުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އެގޮތުން 2003 ވަނަ އަހަރުން ފެށިގެން އެޓޯލް އެކޯސިސްޓަމް ކޮންޒަވޭޝަން (އޭއީސީ) ޕްރޮޖެކްޓް ނަމުގައި މިއަތޮޅުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

 1. Avatar
  Hithaadho ހުދުފޮށާ

  އަސްލު ކަމަކީ ވަރަށް ރަނގަޅު ކަމެއް އެހެން ނަމަވެސް މަޑިތަކުގައި އެލާމް ސިސްޓަމް ހަރުކޮށްފައި ހުންނަ ކަމަށް ފީނާ ބައެއް މީހުން ބުނޭ.. މިކަން ކުރަނީ ފޯސީޒަނުން ކަމަށް އެހެން ބުނި މީހާ ( ރިސޯޓެއްގައި ޑައިވިންގ ދޯނީގައި މަސައްކަތް ކުރާ ) ބުންޏެވެ. މަސްވެރިންނަށް މަނާވެފައި ރިސޯޓުތަކަށް ހުއްދަވުމަކީ މީގޯހެއް. ރިސޯޓުތަކުން ކުރާކަންތަކަށެވެސް އަދަބު ލިބެންޖެހޭނެ ކަމަށް ފެނޭ…

  ރައްދު
 2. Avatar
  Kihaadhoo ބަތްޕޮޅި

  މިކަމުން އަތޮޅުގެ ރައްޔިތުންނަށް ސީދާގޮތުން ފައިދާ ކުރަންޖެހޭނެ ކަމަށް ދެކެން…
  އެކަމު މަސްވެރި ރައްޔިތުން ނަށް މިކަމުން ވީ އުނދަގުލާ ދަތި…
  ބ.އަތޮޅުރައްޔިތުންގެ އެކައުންޓަށް މިކަމުން އެއްވެސް ފައިސާއެއް ވަދޭބާ ؟؟؟

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.