ހާފް އައިލެންޑް ކަޕްގެ ގުރުނެގުން ބާއްވައިފި

ހާފް އައިލެންޑް ކަޕްގެ ގުރުނެގުމަށް އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން
ހާފް އައިލެންޑް ކަޕްގެ ގުރުނެގުމަށް އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން

 

ރައިޒިންގ ފޯ ވިލުފުށި ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި ބާއްވަމުން އަންނަ ހާފް އައިލެންޑް ކަޕްގެ ގުރުނެގުމުގެ ހަފްލާ މިރޭ ބާއްވައިފިއެވެ.

އެފް.އޭ.އެމް ހައުސްގައި ބޭއްވި މި ހަފްލާގައި، މުބާރާތުގައި ބައިވެރިވާ 32 ޓީމް ވަނީ 8 ގްރޫޕަކަށް ބަހާލާފައެވެ.

މިދިޔަ އަހަރުގެ ތަށި ކާމިޔާބުކުރި އޭދަފުށި ލައްވާލީ ގްރޫޕް “ޑީ” ގައެވެ. މި ގްރޫޕްގައި ދެންހިމެނެނީ ރ. އުނގޫފާރާއި، ހދ. ނޭކުރެންދޫގެ އިތުރުން ރ. އިނގުރައިދޫއެވެ. އޭދަފުށި ކުޅޭ ފުރަތަމަ މެޗްގައި ޖޫން 1 ވަނަ ދުވަހުގެރޭ 10:00 ގައި ނިކުންނާނީ ރ. އުނގޫފާރާ ދެކޮޅަށެވެ. އެއަށްފަހު ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗްގައި ޖޫން 3 ގައި ވަނަ ދުވަހުގެރޭ 8:00 ގައި ބައްދަލުކުރާނީ ހދ. ނޭކުރަންދޫއާ އެވެ. އަދި ޖޫން 5 ވަނަ ދުވަހުގެރޭ 10:00 ގައި ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އޭދަފުށި ޓީމް ބައްދަލުކުރާނީ ރ. އިނގުރައިދުއާއެވެ.

މި މުބާރާތުގައި މިދިޔަ އަހަރުގެ ރަނަރއަޕް، ހދ. ނާވައިދޫ ޓީމް ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ފުޓްބޯޅައިގައި ނަން މަޝްހޫރު މަހިބަދޫ އާއި ތިމަރަފުށީ ޓީމް މިފަހަރުގެ މުބާރާތުންވެސް ފެނިގެންދާނެއެވެ. އޭދަފުށީގެ އިތުރުން މި މުބާރާތުގައި ބ. އަތޮޅުން ބައިވެރިވަނީ ކިހާދޫއެވެ.

އޭދަފުށީ ޓީމްގެ ކޯޗެއްގެ ގޮތުގައި މިފަހަރުވެސް ހުންނާނީ ޤައުމީ ޓީމާއި ނިއުރޭޑިއެންޓްގެ މުހިއްމު ކުޅުންތެރިޔާ އަޙްމަދު ނިޔާޒް (ނިޔާ) އެވެ. މި މުބާރާތް ކުރިއަށް ދާނީ އަންނަމަހުގެ 1 އިން 13 އަށް މާލޭ މިނީ ފުޓްސަލް ގްރައުންޑްގައެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 13 ވަނަ ދުވަހުއެވެ. އަތޮޅުތެރޭގެ 32 ރަށަކުން ބައިވެރިވި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށީ ޓީމް ހޯދީ ފައިނަލްގައި 6-3 އިން ހދ. ނާވައިދޫ ޓީމް ބަލިކުރުމަށްފަހުއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.