ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ މިންވަރު ދޭހަވެއްޖެ: އަލީ ހުސެއިން

އާޓިފިޝަލް ބީޗުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާ: މި ގައުމުގައި ހިނގަނީ ޑިމޮކްރަސީއެއް ނޫން ކަމަށް އަލީ ހުސެން (ކ) ވިދާޅުވި. --ފޮޓޯ: ނަސްރުﷲ ސޯލިހް
އާޓިފިޝަލް ބީޗުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާ: މި ގައުމުގައި ހިނގަނީ ޑިމޮކްރަސީއެއް ނޫން ކަމަށް އަލީ ހުސެން (ކ) ވިދާޅުވި. –ފޮޓޯ: ނަސްރުﷲ ސޯލިހް

 

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު ދޭހަވެއްޖެ ކަމަށް ގާނޫނީ ވަކީލް އަދި މިއަތޮޅު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ރ. އިފުރު އެއާޕޯޓް ހުޅުވަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިއްޔެ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ އިލްޒާމް އެ މަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ، އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމަށެވެ.

އެކަމަކު ސިވިލް ކޯޓަށް ހުށަހަޅައިގެން ވަކިވަކި ފަރުދުންނަށް އަބުރުގެ ދައުވާ ކުރެވުނަސް، ޖިނާއީ ދައުވާ ކުރުމުގެ ބާރު އޮންނަނީ ޕީޖީ އަށް އެކަންޏެވެ.

އިދިކޮޅު ޕާޓީތަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅާ އެކު ރާއްޖޭގެ ޕީޖީ އަކީ ކޮން ބޭފުޅެއްކަން އޮޅިވަޑައިގެންފައިވާ ކަމަށެވެ. އެ ވާހަކަފުޅުން ދޭހަވަނީ ޝަރުއީ ދާއިރާގެ ކަންކަމާ ސަރުކާރުން ބެހޭ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ދިވެހި ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލް ހަމަ ކުއްލިއަކަށް އޮޅިގެން މިދިޔައީ. އަޅުގަނޑު ދަންނަ ގޮތުގައި ޕްރޮސިކިއުޓަ ޖެނެރަލަކަށް ހުންނަވަނީ މުހްތާޒް ކިޔާ ބޭފުޅެއް. އެކަމަކު ރައީސް ޔާމީން މި ވިދާޅުވަނީ މިވެނި މީހަަކަށް، ޝޭހް އިމްރާނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރައްވާނަމޭ. އެހެންވީމަ ޕްރޮސިކިއުޓަ ޖެނެރަލް މިހާރު އަޅުގަނޑަށް އޮޅިއްޖެ،” އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކުރާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ބަދަލުކުރުމުގެ އިހްތިޔާރު ސަރުކާރަށް އޮތް ކަމަށް ދޭހަވާ ގޮތަށް ވެސް ބައެއް ކަންކަން ކުރެ އެވެ.

އޭނާ ވިދާޅުވީ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ދަމަހައްޓަން އެހެން ގައުމުތަކުގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި އެ ނޫން މައްސަލަަތައް ބަލައި ފިޔަވަޅު އަޅާ ކަމަށެވެ. ދެ ވަނަ ހަލީފާ އުމަރުގެފާނު ދުވަސްވަރު ވެސް ފަނޑިޔާރުންގެ މައްސަލަތައް ބަަލައި އަދުލުވެރިކަން ގާއިމްކޮށްފައިވާއިރު މިއީ މި ގައުމުން ވެސް ކަންކުރަން ޖެހޭ އުސޫލް ކަމަށް އޭނާ ވިދާޅުވި އެެވެ.

އަލީ ހުސެއިން ވިދާޅުވީ ކުށްކުރިއަސް އެ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ނުބެލޭ ވަރުގެ ބާރުގަދަ ބަޔަކު މި ގައުމުގައި އެބަ ތިބި ކަމަށެވެ. އެ މީހުންގެ މައްސަލަ ނުބެލޭނެކަމަށް އިދާރާތަކުން ވެސް ޖަވާބު ދެމުން އަންނަ ކަަމަށް އޭނާ ވިދޅާުވި އެވެ.

“އޭގެ މާނައަކީ އަޅުގަނޑުމެން މިއުޅެނީ ޑިމޮކްރަސީއެއްގައެއް ނޫނޭ،” އޭނާ ވިދާޅުވި އެވެ.

ފުލުހުންނަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ނުގެންދެވެނީ ކޮން ބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ޑިމޮކަރްސީއެއްގައި ހަތަރު ރުކުނެއް ފުރިހަމަވާން ޖެހޭއިރު އެކަން ރާއްޖެއަކުންނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ އިތުރުން ރައްޔިތުންގެ ބަހެއް ނުހޯދައި ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރާ މަންޒަރު ކަަމަށް ވިދާޅުވި އެވެ.

“މި ގައުމުގައި ހިނގަނީ ގާނޫނީ ވެރިކަމެއް ނޫން، މި ގައުމުގައި ހިނގަނީ އަނިޔާވެރިކަން. އެއީކީ ޑިމޮކްރަސީއެއް ނޫން،” އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށެއްގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަން ސުޕްރީމް ކޯޓުގެ ހުކުމަކުން އެނގެ އެެވެ. އެހެން ކަމަށްވާއިރު، އެ އަނިޔާ އެތައް ބަޔަކަށް މި ސަރުކާރުން ދެމުންދާ ކަަމަށް ވިދާޅުވި އެވެ.

އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއްވެ އުޅުމަކީ ރައްޔިތުންނަށް ލިބިދީފައިވާ ހައްގަކަށް ވާއިރު، އެކަން ކުރަން ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އެެކަމަކު އެ ހައްގަށް ވެސް ސަރުކާރުން ހުރަސްއަަޅަމުންދާ ކަމަށާއި އެއީ ވެސް އަނިޔާއެއް ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަތުން ހުއްޓުވޭނީ ރައްޔިތުން ނުކުމެ އަޑުއުފުލައިގެން ކަމަށް ވިދާޅުވެ އެ ހައްގު ހޯދަން ނުކުތުމަށް އަލީ ހުސެއިން ގޮވާލެއްވި އެެވެ.

[ނޯޓް: މިއީ ހަވީރު އޮންލައިނުން ނަގާފައިވާ ލިޔުމެކެވެ.]

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.