ވާހަކަ: މީވީގޮތޭ…..!

fish-1 (1)

ލިޔުނީ؛ ރޯޒީ ޝަރީފް

[މެއި 26، 2015 ގެ ބަޔާ ގުޅޭ]

ފިރިމީހާ، ހަމައެކަނި ނަމަކަށް ބަދަލު ވެއްޖެއެވެ. ލޯބި، ކުލުނަށް ބަދަލު ވެއްޖެއެވެ. ދެމަފިރިކަމުގެ ގުޅުން، ވަޒީފާއަކަށް ބަދަލު ވެއްޖެއެވެ. ގަޔާވުމެއް ނެތް، ހިތްހަމަޖެހުމެއް ނެތް، ފޫހި ދިރިއުޅުމަކަށެވެ. ހަޔާތަކީ ވަޒީފާއަކަށް ބަދަލުވީ ނުވެސް އެނގޭ ހާލުގައެވެ. ޒަވާޖީ ހަޔާތަށް އައި ހީނަރުކަމެއް ވެސް ނުވިސްނެއެވެ. ފިރިއެއްގެ މަޤާމުން ވިޔަފާރީގަ ވާނުވާ އަހާ މީހަކަށް ނަވީން ބަދަލު ވީއެވެ. ދުރުގަ ރިސޯޓުގައި ހުރެގެން ހަމައެކަނި އޭނާ އަހާ ވާހަކަޔަކީ ވިޔަފާރީގެ ވާހަކައެވެ. މިއަދު ސެލޫނަށް ކިހާވަރެއް ލިބުނުތޯ ކިތައް މީހުން ވަންތޯ ސުވާލުކޮށް އަހާލައެވެ. ކުރިން ދިން ލޯބި ހަނދާން ނެތުނީއެވެ. އަހަރެން އެ ޝަކުވާއެއް ނުކުރަމެވެ. އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. އެ ކަން އޮންނާނީ އެހެން ކަމުގައި ގަބޫލު ކޮށްލީއެވެ. އަރުތެރޭގައި އުފެދޭ ކަރުހިއްކުން ފިލައިގެން ދަނީ ފެންފޮދެއް ނުލިބިއެވެ. ސެލޫންގެ މަސްޢޫލިއްޔަތު ކޮނޑުގައި އަޅައިގެން އަހަރެން ހިންދެމިލީ އުއްފު ވެސް ނުބުނެއެވެ. ދެ ފައި ތުރުތުރުއަޅާ ހާލުގައެވެ. ޝަކުވާ ކުރަންވީ ދަނޑިވަޅު ހަނުހުރުމަކީ، ލޯބީގެ ހުޅުކޮޅަށް ޖެހިލާ ފުރަތަމަ ރޯޅިއެވެ. ފިރިހެންދަރިފުޅު މާލެއަށް ބަދަލު ވިއެވެ. އަންހެންދަރިފުޅު ދަރިފުޅު މަންމަޔާ ހަވާލުކޮށްފަ ކޮންމެ ރެޔަކު ނިދަން ވަކިން ކޮޓަރިއެއް ހިފައިގެން ދިޔައީމެވެ. އެވެސް ރައްޓެއްސެއްގެ އެހީގައެވެ. އަހަރެން އެރޭ އެކޮޓަރިޔަށް ދިޔައީ އެންމެ ބޭނުމަކުއެވެ. ނަވީން އާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޓަކައެވެ. އެހެންނަމަވެސް، ކަމަކަށް ނުވާ ކަމެއްގަ ޒުވާބު ކުރުމަށް ފަހު އޭނާ ނިދީއެވެ. ވަރަށް ދެރަވިއެވެ. ސުކޫލް ޗުއްޓީވީމާ ގޭގަ ޢާއިލާގެ އެންމެން ތިބޭތީ އެކަހެރި ވަގުތު ކޮޅެއް ނުލިބެއެވެ. އެފަދަ ވަގުތުކޮޅަކަށް އަހަރެން ބޭނުން ވެފައިވާ މިންވަރު ނަވީން ނުވިސްނައެވެ. ގެޔަށް އައިސް އަހަރެންގެ ކޮއްކޮމެންނާ އަންހެން ދަރިފުޅާއެކު ނަވީން މަޖާކުރެއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެން ވާންވީ އުފާ ހެއްޔެވެ؟ އާއިލީ އުފަލަކީ އަހަރެންގެ ވެސް އުފަލަށް ވާން ޖެހޭނެއެވެ. ނޫން ނަމަ، އަހަރެން އަމިއްލަ އެދުން ބޮޑީ ހެއްޔެވެ؟ ހަމައެކަނި އަހަންނާ ދޭތެރޭގައި ވިސްނަނީ ހެއްޔެވެ؟

އަހަރެންގެ ހިތަށް ވެރިވެފައިވާ ފަޅުކަން ދެނެހުރީ ކާކު ހެއްޔެވެ؟ ކައިވެންޏަކީ އުޅަނދެކެވެ. އޭގެ ހުންގާނު، ގިނަ ވަގުތު އޮންނަނީ ފިރިމީހާގެ އަތުގައެވެ. އެ ހުންގާނަށް އިތުރަށް ސަމާލު ވާން ޖެހެއެވެ. އަހަރެންގެ ސިފައަށް ތަޢުރީފު ނުކުރިޔަސް ހެވެވެ. އަހަރެންގެ ހެދުމުގެ ރީތިކަމަށާއި، ކެއްކުމުގެ ކުޅަދާނަކަމުގެ ވާހަކަ ނުދެއްކިޔަސް ހެވެވެ. އެހެން ކިތަންމެ ބަޔަކު ވެސް އެ ކަން ކޮށްދެއެވެ. ނަވީންއަށް ވުރެ މާ ކުޅަދާނަކޮށް އެ ކަން ކުރާ މީހުންނާ ދިމާވެއެވެ. އެހެންވުމުން، އަހަންނަށް އިހުސާސް ކުރެވެނީ ތަޢުރީފު ކުރަން ވެސް ނަވީން އަށް ކިހާ ނޭނގޭ ކަމެވެ. ފިރިޔަކީ ހަމައެކަނި އޭނައަށް ކޮށްދެވޭ ކަންތައްތަކެއްގެ ސަބަބުން ޚާއްސަވާ ބައިވެރިއެކެވެ. ހަމައެކަނި އޭނައަށް ނޫނީ ނުބުނެވޭ ލަފުޒުތަކެއްގެ ސަބަބުން މަތީ ހަރުފަތެއްގައި ބެހެއްޓިފައި ހުންނަ ޖާދޫގަރެކެވެ. އަހަރެންގެ ހިތުގައި ޖަހާ ވިންދުގެ އަޑު އަހަރެންގެ ފިރިމީހާއަށް އިވެން ޖެހޭނެއެވެ. ވަރުބަލިކަން ފިލުވައިލަދޭން އޭނައަށް އެނގެން ޖެހޭނެއެވެ. އެސްފިޔަތަކަށް ލޮޑުކަން ގެނެސްދިނުމުގެ ހުނަރު އޭނަގެ ކިބައިގައި ހުންނަން ޖެހެއެވެ. ކަމަށް އެކަށޭނަ ހާލަތާއި ދަނޑިވަޅު ވިސްނެން ޖެހެއެވެ.

ޝުއައިބުއާ އަހަންނާ ދެމެދުގައި އޮންނަ ގުޅުން ބަދަހިވަމުންދިޔައެވެ. ވަރަށް ގިނަ ވަގުތު އޭނާ އަހަރެންނަށް ގުޅާފަ ހާލު އަހައެވެ. ވަރަށް ގިނަ ފަހަރު ކައިފިންތޯ ސުވާލު ކުރެއެވެ. އެއީ ރަސްމީ ކަމެއް ކަހަލައެވެ. އެހެނަސް އަހަރެންނަށް އެކަމުން ފޮނިކަމެއް ލިބެއެވެ. ގައިމު ވެސް އަހަރެންގެ ހިތުގައި ކިލަނބުކަމެއް ނެތެވެ. ޑޮކްޓަރެއްގެ މަޝްވަރާ އަހަރެން ހޯދީ އަހަރެންގެ ކައިވެނިން ކެނޑެމުންދިޔަ ފޮނި ރަހަ އަލުން ގެނައުމަށް ޓަކައެވެ. އަހަންނާއި ނަވީންއަށް ނޫނީ ނޭނގޭނެ ކަހަލަ ޒާތީ ވާހަކަތައް ވެސް ދެއްކީމެވެ. އަމިއްލަ އަޑުން އެ ފަދަ ވާހަކަތައް ދައްކަން ނުކެރިގެން އަހަރުމެން ވާހަކަދެއްކީ ފޭސްބުކް މެދުވެރި ކޮށްގެންނެވެ..

“ނަވީން ކައިރިން ބޭނުމެއް ނޫން ވަރިވާކަށް،” ފެންކަޅި ވެފައި އިނދެގެން އަހަރެން ލިޔުނީމެވެ. “އަސްލު އޭނައަކީ ވަރަށް ކެއަރިން މީހެއް. ވަރަށް ޒިންމާދާރު ވަރަށް ނައިސް މީހެއް. އެކަމަކު، މަ ހެޕީއެއް ނޫން. ހުރިހާ ވަގުތެއްގަ ވެސް އެކްޓު ކޮށްގެން މި އުޅެނީ. ވަރަށް ވަރަށް އުނދަގޫ ލައިފެއް މި އުޅެނީ”.

ޝުއައިބު ބޭނުންވީ ނަވީން އާ ވެސް ވާހަކަދައްކާށެވެ. އަހަރެން އިންކާރު ކުރީމެވެ. އެނގިއްޖެއްޔާ ނަވީން ލަދުގެންފާނެ ކިތަންމެ ވާހަކައެއް ޝުއައިބު ގާތުގައި ދެއްކިއްޖެއެވެ. އެ ނޫން އެހެން ގޮތެއް ނެތީއެވެ. ބައްޔެއްގެ ޝިފާ ހޯދޭނީ ޑޮކްޓަރު ގާތުގައި ތެދަށް ވާހަކަދައްކައިގެންނެވެ. އަހަރެންގެ މަޤްޞަދަކީ، ރައްޓެހިވެގެން އުޅުނުއިރު ބައްދަލުވި ނަވީން އަލުން އަނބުރާ އަހަންނަށް ލިބުމެވެ. ޝުއައިބުގެ އެހީގައެވެ. ހެދިދާނެ ވަރަށް ގިނަ ގޮތް ޝުއައިބު ކިޔައިދިނެވެ.

“ތި ނޫން އެހެން ގޮތެއް.” ކޮންމެ ފަހަރަކު ވެސް އަހަންނަށް ބުނެވެނީ އެހެންނެވެ.

“ރައްޓެހިވެގެން އުޅުނުއިރު ނަވީން އަބަދު ފޭސްބުކް އިން އަހަރެންނާ ވާހަކަ ދައްކާ. ސުކައިޕުން އަހަރެން ނުފެނިއްޖެއްޔާ ނުނިދާ. އެކަމަކު މިހާރު އެއީ މުޅިން އެހެން މީހެއް. އަހަރެންކައިރީ ހުންނައިރު ރައްޓެހިންނާ ވާހަކަ ދެއްކުމަށް އަބަދު ފޭސްބުކް އަށް ވަދެފަ އިންނަ މީހާ، ރިސޯޓަށް ދިޔުމާ އެކު ނުވެސް ފެނޭ ޗެޓަކުން ވެސް”. ޝުއައިބު ކާރީ ޗެޓުން އަހަރެން ބުނީމެވެ. އެންމެ ކުޑަ މިންވަރުން މިހާރު ނަވީން އަހަރެންނަށް ގުޅާލުން ވެސް އޮންނަނީ ބޮޑުކަމަކަށް ވެފައެވެ. އަހަރެން ދެތިން ފަހަރު ގުޅާފީއްޔާ ނަވީން ގުޅަނީ އެއްފަހަރު އެވެ. މިއީ މިހާރުގެ އާދައެވެ. ގުޅޭ ފަހަރުވެސް ކޮންމެސް ޒުވާބެކެވެ. ހިތްހަމަ ނުޖެހިގެން ފޯނުބާއްވަމެވެ. ރޮއިރޮއި ނިދާލަނީއެވެ. މިއީ ހާލަތެވެ. އަހަރެންގެ އުފަންދުވަހެވެ. އާގޮތަކަށް އުފަންދުވަސް ފާހަގަ ކޮށްލަން ބޭނުންވެގެން މުޅި ސެލޫން ތަފާތު މާތަކުން ފުރާލީމެވެ. ކުޑަ މޭޒެއް ސޯފާ ކައިރީގަ ބަހައްޓާލީމެވެ. އަދި އޭގެ މަތީގަ ޕިއްޒާއަކާއި ދެ ތަށި ކޯކް ބަހައްޓާލީމެވެ. އަދި އުފަންދުވަހުގެ ކޭކް ބަހައްޓާލީމެވެ. މާބޮޑު އުންމީދުތަކެއް އޮތީއެއް ނޫނެެވެ. ބޭނުންވި ކަމަކީ ނަވީން އާއި އެކު އަހަރެންގެ އުފަންދުވަސް އާގޮތަކަށް ފާހަގަ ކޮށްލުމެވެ .ދެމީހުން އެކަނި އެވެ.

ތަނުގެ އަލި ފަނޑުކޮށްލާފަ ނަވީން އައިސް ޖެހިގެން ހުރި ގޮޑީގައި އިށީނެވެ. ކޭކް ފެޅީ ދެމީހުންނެވެ. އެއްވެސް ހަދިޔާއެއް އަހަރެންނަށް ނުލިބެއެވެ. އެންމެ ކުޑަމިނުން ކިސްއެއް ނުލިބުނުތާ ވިޝްވެސް ކޮށްނުލައެވެ. .ލިބުނު މާޔޫސްކަމެއްގެ ސަބަބުން ހިތަށް ވަރަށް ތަދުވިއެވެ. އަހަރެން ހައިރާންވީ، ތަނަށް ވެރިވެފައިވާ ލެމަން ގުރާސް ވަހާއި، ދިމާއަށް ފެންނަން އޮތް މާބޮނޑި އާއި، ލެޕްޓޮޕުން އިވެމުންދިޔަ މިޔުޒިކަށް ނަވީންގެ ސަމާލުކަން އެއްވެސް ވަރަކަށް އަތުނުލެވުމުންނެވެ.

އާދައިގެ ރޭތަކާ އެއްގޮތަށް އަހަރެން ރީތިވެލައިގެން އައިސް އެނދުގައި އޮށޯވެލީމެވެ. ނަވީން އައިސް އަޅާވެސް ނުލާ އޮށޯތެވެ. ލޯބީގެ ހުޅުކޮޅު ނިވުނުތަން އަހަރެންގެ ލޮލަށް ފެނުނު ކަހަލައެވެ. ދެން އެ ހުޅުކޮޅު ރޯކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނަވީންގެ ދިރިއުޅުން ބަދަލުވެ، އެ ބަދަލަށް އަހަރެން އާދަވެ ނިމިއްޖެއެވެ. އަހަރެން އުންމީދު ކުރާ ގޮތަކަށް ދެނެއް ނަވީން އާއި އެކު ދުނިޔެއެއް ނުފެންނާނެއެވެ. އަނގައިން ނުބުނެވޭތޯ ކެއްކޮށްފަ އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އެހެނަސް ނަވީން އޮތީ ނިދާފައެވެ. (ނުނިމޭ)

ރޯޒީ ޝަރީފް
ރޯޒީ ޝަރީފް

[ނޯޓް: ރޯޒީ ޝަރީފްއަކީ ސިއްހީ ދާއިރާއާއި ރީތިވުން އަދި ބިއުޓީ ދާއިރާއިންވެސް ރާއްޖެއިން ބޭރުން ތަޢުލީމު ޙާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އައްޑު އަތޮޅަށް އުފަން ރޯޒީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އޭދަފުށީ މަގޫމާގެ އަހްމަދު ނަބީލުއާ އެވެ.

ރޯޒީ ވަނީ އައްޑޫ ލައިވްގައި އޭނާގެ ގިނަ ވާހަކަ ތަކާއި ސިއްޙީ އާޓިކަލްތައް ލިޔުއްވާފަ އެވެ. މީގެ އިތުރުން ރޯޒީ ޝަރީފް އަކީ ގިނަ ބޭފުޅުންތަކެއްގެ ހިތުގެ އުދާސް ޕޮރުގުރާމްގައިވެސް ލިޔުއްވާފައިވާ އެބޭފުޅުންނާ ދިމާވާ ދަތި އުނދަގޫ މައްސަލަތަކުގައި ނޫހުގެ ޒަރިއްޔާއިން އޭގެ ޙައްލު ހޯއްދަވައިދެއްވާ ފައިވާ ބޭކަނބަލެކެވެ.]

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

 1. Avatar
  ފިޔާ

  ޑެނިއަލް ސްޓީލް އަކީ ރޯޒީގެ ފެވަރިޓް ރައިޓަރ އޭ ދޯ ރޯޒީ ޝަރީފް……….އެންޑް ވެރީ ނައިސް ސްޓޯރީ

  ރައްދު
 2. Avatar
  އައިޝާ

  ވަަރަށް ރީތި ވާހަކައެއް. ހީވަނީ ޑެނިޔަރ ސުޓީލްގެ ވާހަކައެއްގެ ތަރުޖަމާ ހެން އެކަމަކު ދިވެހިބަހަށް ގެނެސްފަ ހުރިގޮތް ވަރަށް މޮޅު
  އައިޝް

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.