ވާހަކަ: މަސްތު

masthu

ލިޔުނީ: ރޯޒީ ޝަރީފް

[ޖޫން 17، 2015 ގެ ބަޔާ ގުޅޭ]

ހެމުން ހެމުން އައިސް އަހަރެން ތެދުކުރީ ދައްތަ އެވެ.

“ކޮބާ ތަދުވި ދޯ. ،މަ ބުނަމެއްނު ތިހާ ފުންނާބު އުސް ފައިވާނަށް ތަރުތީބު ކުރާށޭ. ނޫނީ ލަނޑެއް ލިބޭނެޔޭ. ނަސީބެއްނު ޅިޔަނު އަރާހަމަވިކަން.”

ދައްތައާއި އިނދެގެން ޅިޔަންބެ އުޅުނަސް ދައްތަޔަށް ވުރެ ޅިޔަންބެ 10 އަހަރު ހަނގެވެ.

ޅިޔަންބެ ގައިގަ ހިތްކިޔާ ގޮތެއް ހުރެއެވެ. ޅިޔަންބެ ވެސް އުޅެނީ ރިސޯޓުގައެވެ. އެކަމަކު އަހަރަކު ދެ ތިން ފަހަރު ޅިޔަންބެ ރަށަށް އަންނާނެއެވެ. ވަރަށް މަޖާކުރާނެއެވެ. ދަތުރު ދާނެއެވެ. ރެސްޓޯރެންޓުން އަހަރެމެން ދެބެއިންނަށް ކާންދޭނެއެވެ.

ޅިޔަންބެ އަހަރެން ގެ ގައިގާ ހިފަހައްޓާލި ގޮތުން އަހަރެންގެ ހިތުގައި ފޮނި ވިންދެއްޖެހިއެވެ. އެ އިހްސާސަކީ މީގެ ކުރިން އަހަރެން ތަޖުރިބާ ކުރި އިހްސާސެއް ނޫނެވެ.  އެގޮތަށް އޮންނަން އަހަރެން ބޭނުން ވިއެވެ.

ކުއްލިޔަކަށް ބޯއަނބުރައިގަނެފަ ވަރަށް ގަދަޔަށް އަހަރެންނަށް ހޮޑުލެވުނެވެ. ދައްތަ އަކީ ފޫޅުމައެއްކަމުން އަހަރެންނަށް ވީގޮތް ވަރަށް އަވަހަށް އެނގިއްޖެއެވެ. އަހަރެން ބަނޑު ބޮޑީއެވެ. އަހަރެންގެ ބަނޑަށް ދެ މަހެވެ. އެކަމަކު ބަނޑުބޮޑު ވައްތަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެއަށްވުރެ އަހަރެން މާލޫޅާފަތިވެފައި ތުނިއެވެ. ކާހިތްވާ އެއްވެސް އެއްޗެއް ނެތެވެ.

ޅިޔަންބެ ރަށައް ބަދަލު ވިއެވެ. އަބަދުވެސް ކުރުނބާ ގެނެސް އަހަރެންނަށް ދޭން އުޅެއެވެ. ކުރުނބާ ޅިޔަންބެ ގެންނަނީ ކަނޑައިގެން ބޯން ރެޑީ ކޮށްގެންނެވެ. ޅިޔަންބެ ކާރީ އިނދެގެން އަހަރެން ކުރުނބާ ބޯލާފަ ކޮންމެ ފަހަރަކުވެސް ނިދަމެވެ. ނިދިން ހޭލާއިރު އަރާމުގޮތެއް އިހްސާސް ކުރެވެއެވެ.

އަހަރެންގެ ފިރިމީހާ ފައިރޫޝް ރަށަށް ނާދެއެވެ. ޗުއްޓީ ނުލިބެޔޭ ކިޔާފައެވެ. އެއީ ނަސީބެއްބާއޭ ވެސްފަހުން ހިތަށްއެރިއެވެ. ޅިޔަންބެގެ ހެޔޮކަމާހެދި ފައިރޫޝް މަތިން އަހަރެން ހުންނަނީ ހަނދާންވެސް ނެތިފައެވެ.

ޅިޔަންބެ އަހަރެންނަށް ހެޔޮ ކަމުގެ ވާހަކަ ދެއްކޭކަށް ނެތެވެ. މީރު ހުރިހާ ކާއެއްޗެއް ގެނެސް ދެއެވެ.

ޅިޔަންބެ ގެންނަ ކޮންމެ އެއްޗެއް ކާލުމާއެކު އަހަރެންނަށް ނިދެނީ ކީއްވެ ބާވައޭ ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް އެރިއެވެ. އެހެނަސް ޅިޔަންބެ ގެންނަ އެއްޗެތި އެއްވެސް ނުރުހުމެއް ނެތި ކައި ބޮއި އަހަރެން ހަދަމެވެ.

އާދައިގެ މަތިން ޅިޔަންބެ ގެނައި ކުރުނބާ މަދުމަދުން އަހަރެން ބޮމުން ދިޔައީމެވެ. މިއަދު މާރަހަ ގަދަހެންވެސް އަހަރެންނަށް ހީވިއެވެ. އެކަމަކުވެސް ވަރަށް މީރެވެ. ހުސްކޮށްލުމަށްފަހު މޭޒުގައި ތަށި ބަހައްޓާލީމެވެ.

“ދައްތަ ކޮބާ…؟” އާފުރެމުން އަހަރެން އަހާލީމެވެ.

“ދައްތަ ދެ ދުވަހަށް ކާރި ރަށަކަށް މާބަނޑު މީހަކު ބަލަން ގޮއްސަވީ،” ޅިޔަންބެ ބުނެލިއެވެ.

އެވަގުތު އަހަރެންގެ ހަތަރެސް ފައި ފިނިވެގެންދިޔައެވެ.

ޅިޔަންބެ ކޮޓަރީގެ އަލި ފަނޑުކުރިއެވެ. (ނުނިމޭ)

ނޯޓް: މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެބުދަ އަދި ހޮނިހިރު ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Shana

    ވާހަކައިގެ މިބައިވެސް ވަރަށް ފައްކާ ދެންވާނީ ކިހިނެތްތޯ ސުވާލު އުފެދުނު. ރޯޒީގެ ރީތި ވާހަކަ ލިބުމުން އުފާވޭ
    ޝަނޫ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.