ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖުލައި 16، 2015 ގެ ބަޔާ ގުޅޭ]

ނޫކުލައިގެ ގަމީސްކޮޅަކާއި ހުދު ޖީންސެއް ލައިގެން ޔާނީ ހުރިއިރު ތެތްވެފައިވާ އޭނާގެ އިސްތަށިގަނޑުގެ ސަބަބުން މޫނުމަތި އިތުރަށް ތާޒާކަމަށް ދައްކައެވެ. ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެރީތި ސޫރަ ދެކޭހިތްވާލެއް ބޮޑުކަމުންނެވެ. “ދެން ތިވަރަށް ނުބަލަބަލަ، އަލަށްތަ އަހަރެން ފެނުނީ” ޒައިދް މާވަރަކަށް ބަލަން ފެށުމުން ޔާނީ ރަކިވާގޮތްވިއެވެ. “ޔާނީ ހާދަ ރީއްޗޭ” ހިތުގައި އޮތް ޖުމްލަ ދުލާ ހަމައަށް އައި ގޮތެއް ޒައިދަކަށް ނޭގުނެވެ. ސިހުނީ ޔާނީ އައިސް ޒައިދްގެ ކޮނޑުގައި ޖަހާލުމުންނެވެ. ގޭތެރޭގައި ތިބި އެހެންމީހުން ފެނުނީވެސް އެހިސާބުންނެވެ. އެންމެންގެ ތެރެއިން ޝިވަމް ފެނުމުން ޒައިދް އަށް ފުރަތަމަވެސް ގޮސް ވާހަކަ ދައްކަން ފެށީ އޭނާއާއެވެ. އެއީ ކުޑައިރުއްސުރެ ރައްޓެހިން ކަމަށް ވުމުން ދެން ތިބި މީހުނަށް މިކަން އާކަމަކަށް ނުވިއެވެ.

ވިލިނގިލީގެ ހިތްގައިމު އަތިރިމަތީގައި އެންމެންވެސް ދަތުރުގެ ފޯރިއާއެކު މަޖާ ނެގުމުގައި އުޅެމުން ދިޔައިރު ގަހެއްގެ ހިޔަލުގައި އިނދެ ތާރާ މަންޒަރު ބަލަމުން ދިޔައެެވެ. “އަހަރެން މިތާ އިށީނަސް އެންމެ ރަނގަޅުތަ؟” ކައިރީގައި އޮތް ދަބަހުން ފޯނުގެ ހެޑްސެޓް ނަގާ ކަންފަތުގައި ޖަހަން އުޅެނިކޮށް ތާރާ އާއި ދާދި ގާތުން މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ. އާއެކޭ ބުނުމުގެ ގޮތުން ތާރާ ބޯޖަހާލުމުން އިށީނދެ ރަޔާން އަމިއްލަ އަށް ތައާރަފް ވިއެވެ. “އަހަންނަށް ކިޔަނީ ތާރާ” ތާރާވެސް އަމިއްލަ ތައާރަފެއް ދިނުމުން އަހަނަނަށް އިނގެއޭ ބުނެ ހީލިގޮތުން ހީވީ މާކުރިންވެސް ރަޔާން ތާރާ ދަންނަ ހެންނެވެ. ދެމީހުން އެއް ކޮލެޖެެއްގައި ކިޔެވި ނަމަވެސް ދެކުލާހެއް ކަމުން ކޮލެޖް ތެރެއިން މަދުމަދުން ފެނެއެވެ. އަދި ފާއިތުވި ހަފްތާގައި ދެމީހުން ދަސްވެނިވުމުގެ ހަފްލާގެ ފަރިތަކުރުމުގައި އެއްކޮށް އުޅުމުން އަބަދު ފެނިދެނިވެ އުޅުނު ނަމަވެސް ވާހަކައެއް ނުދައްކައެވެ. ރަޔާންއަކީ ރީތި ފިރިހެނަކަށް ވުމުން ކޮލެޖްގެ ގިނަ އަންހެންކުދިން ތިބެނީ އޭނާއާ ހެދި މޮޔަވެފައެވެ. އެކަކު އަނެކަކަށް މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. “ތާރާ ވަރަށް އެކަނިވެރިކަމަށް ލޯބިކުރަންތަ؟” މޫދުގައި ބޯޅަ އުކަމުން ދިޔަ ކުދިންތަކަށް ޝައުގުވެރިކަމާއެކު ތާރާ ބަލަން އިންދާ ރަޔާން އެހުމުން އޭނާ އެމޫނަށް ނަޒަރު ހުއްޓާލީ ތިވާހަކަ ދައްކަނީ އަހަންނާހޭ އަހާ ފަދަ ގޮތަކަށެވެ. “އަބަދުހެން އެކަނި އިންނަ ތަން ފެންނާތީވެ މިއަހާލީ” ރަޔާން އިތުރުކޮށްލިއެވެ.

“އެކަހަލަ އެއްވެސް ކަމެއް ނޫން. އެހެންނޫނަސް މާ ފަސޭހައެއްނު އެކަނި އުޅެން. އުނދަގޫ ކުރާނެ މީހަކު ނުހުންނާނެ އެއްނު” ތާރާ އެވަގުތު އެއްމިޔަކަނުން ހީލިގޮތް ފެނިފައި ހިތާ ހިތުން ރަޔާންއަށް ތައުރީފް ކޮށްލެވުނެވެ. ފަހަރުގައި މަޑުން ތިބޭ މީހުން ހިނިތުންވުން އެހާ ރީތީ އެމީހުން ހިނިތުންވެފައި ހުއްޓާ ފެންނަލެއް މަދުކަމުން ކަމަށް ވެސް ވެދާނެއެވެ. ރަޔާން އަމިއްލަ ހިޔާލަށް ގެއްލިފައި އިންދާ އެހެން ކުއްޖަކު ގޮވުމުން ތާރާ އެތަނުން ތެދުވެގެން ދިޔަ ވަގުތު ފައިގައި އަޅާފައި އޮތް ކެވެލިކޮޅު އެތަނަށް ވެއްޓުނެވެ. ރަޔާންއަށް ފެނުނު އިރު ތާރާ ގޮސް މޫދަށް އެެރިއްޖެއެވެ. އަދި އެއްފަހަރު ބައްދަލުވާން ބޭނުންވުމުން ރަޔާން ގަސްތުގައި އެކެވެލިކޮޅު ތާރާއަށް ނުދީ އޭނާގެ އަތުގައި ރައްކާކުރިއެވެ. އަލުން ބައްދަލުވާނެ ފުރުސަތެއް ލިބުނީތީ ރަޔާން ހުރީ ވަރަށް އުފަލުންނެވެ. ކެވެލިކޮޅު އަތުގެ މުށުތެރެއަށްލާ ފޮރުވާލުމަށްފަހު މޭގައި ޖައްސާލަމުން “މައިން” މިހެން ބުނެލިއެވެ. މާކުރިންވެސް ރަޔާންގެ ހިތުގެވެރިޔާއަކީ ތާރާކަން ކަނޑައެޅި ނިމިފައިވާކަން އެއިބާރާތުން ދޭހަވިއެވެ. ދަތުރު ނިމިގެން މާލެ ދިޔަ ދޯނި މަތީގައި އެންމެން މަޖާކޮށް ފޯރި ނެގިއިރުވެސް ރަޔާން އިނީ ތާރާއާ ދިމާލަށް ކަޅި ހުއްޓިފައެވެ. ދޭތެރެއަކުން މަޖަލާ ސަކަރާތުގެ ތެރެއިން ތާރާ ހިނިތުންވެލާތަން ފެނުމުން ރަޔާންގެ ހިތް ފުރިގެން ބަންޑުންވިއެވެ. ނޭނގިނަމަވެސް ތާރާގެ މާނަވި ފުން ނަޒަރުން ރަޔާންގެ ހިތް ދިޔައީ ކަތިލެވެމުންނެވެ. މިކަމަށް ވީހާ އަވަހަކަށް ޝިފާއެއް ހޯދުމަކީ މިހާރު ރަޔާންގެ އެންމެ ބޮޑު އެއް މަގްސަދެވެ.

ކާމޭޒު ކައިރީގައި ތިބިއިރު ޔާނީ އެންމެނަށް ޒައިދް ތައާރަފް ކޮށްދެމުން ދިޔައެވެ. އަދި ޒައިދަށްވެސް ފަހަރަކު މީހަކު ތައާރަފް ކޮށްދިނެވެ. ޔާނީއަށް ނޭނގޭކަމަކީ މިއެންމެނަކީ މާކުރިންވެސް އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަ ބައެއް ކަމެވެ. ޔާނީއަށް ހަމައެކަނި އެނގެނީ ޒައިދްއާއި ޝިވަމްއަކީ ވަރަށް ގާތް ދެރަހުމަތްތެރިންކަމެވެ. އެންމެން ކެއުމުގައި މަސްއޫލުވެ އުޅެމުން ކެއުމަށް ތައުރީފު ކުރަމުން ދިޔައިރު ޒައިދްގެ އިނީ ކުރިމަތީ އިން ޔާނީ އޭނާއާ ދިމާލަށް ބަލާލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޒައިދް މަޑުމަޑުން އޭނާގެ ފައިން ޔާނީގެ ފައިގައި ކޮށްޓާލިއެވެ. އޭނާ ހީކުރީ އެއީ ޔާނީގެ ފައި ކަމަށެވެ. އެކަމަކު އެއީ ޔާނީގެ ފައެއް ނޫނެވެ. ކައިރީގައި އިން ޝިވަމްގެ ފައެވެ. ޔާނީ ބަލާނުލުމުން ޒައިދް އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. ކަންދިމާކުރިގޮތުން އެވަގުތު ޔާނީއަށް ޒައިދްއާ ދިމާލަށް ބަލާލެވުނެވެ. ޔާނީ ހީލިގޮތުން ޒައިދް ހީކުރީ ޔާނީ ލަދުގަތީ ކަމަށެވެ. ޒައިދް ޔާނީއާ ދިމާލަށް ބަލަން އިންގޮތުން ޔާނީ ކުޑަކޮށް ހައިރާންވެ އަތުގެ އިޝާރާތުން ކިހިނެއް ވީހޭ އެހިއެވެ. އެވަގުތު މޭޒުގެ ދަށަށް ޒައިދް އިޝާރާތް ކުރިއެވެ. ވާވުވަ ނޭނގި އިނދެ ޔާނީ ތިރިއަށް ބަލައިލިއިރު ޒައިދް ގެ ފައި އޮތީ ޝިވަމްގެ ފައި މަތީގައެވެ. ޔާނީގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. “ސާބަސް، މަމީ ޔާނީއެއް ނޫނޭ ތިވަރަށް ފިރުމާކަށް” މިމަންޒަރު ވަރަށް ރަނގަޅަށް ބަލަން އިނދެފައި ޝިވަމް މަޑުމަޑުން ޒައިދްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެވާހަކަ އަޑުއަހާފައި ޒައިދް ވަގުތުން ކޮށިއެރިއެވެ. ހިނިގަނޑު މައިތިރި ކޮށްފައި ޔާނީ އަވަހަށް ޒައިދްއަށް ކައިރީގައި ހުރި ފެންތަށި ދިއްކޮށްލިއެވެ.

ވިލާ ރޮއްޖެއްވެސް ނެތް ސާފު އުޑުމަތި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބަނަވެ ވިއްސާރަ ވިލާތަކުން މުޅި ފަޒާ އަނދިރި ކޮށްލިއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގެން ދެއެވެ. ޔާނީގެ ކޮޓައިން ބޭރަށް ނުކުމެވެން ހުންނަ ބެލްކަނީގައި ޒައިދްގެ ކޮނޑުގައި ބޯއަޅާލައިގެން ޔާނީ އޮތެވެ. އަތުގައި ހިފާލައިގެން ތިބެ ދެމީހުން ވިސްނަމުން ދިޔައީ އެމީހުންގެ މުސްތަޤްބަލާ ދޭތެރެއެވެ. މިހާރު ދެމީހުންގެ އުއްމީދަކީ ވީހާ އަވަހަކަށް ކައިވެނީގެ ގޮށް ޖެހުމަށެވެ. ހިތާމައަކީ މިދެމީހުންގެ ކައިވެނި މާކުރިން ކުރެވިފައިވާކަމާއި މިހާރުވެސް އެދެމީހުންނަކީ ދެމަފިރިންކަން އެމީހުނަށް ނޭނގޭކަމެވެ. “ޒައިދް.. އަހަރުމެން ކައިވެނި ކުރާނީ ކޮން އިރަކުންތަ؟” ވަޔާއެކު ވިހުރެމުން ދިޔަ އިސްތަށިގަނޑު އަތުތެރޭ ހައްޔަރު ކޮށްލަމުން ޔާނީ ޒައިދް އާ ދިމާލަށް ބަލާލިއެވެ. “އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޔާނީ އަހަރެންގެ މީހަކަށް ހަދާނަން، މިހާރު އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކުވެސް ޔާނީ އަހަންނާ ދުރުގަ ބަހައްޓާކަށް. ޔާނީ ބޭނުން ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ފުރިހަމަ ކޮށްދޭނަން. އަހަރެންގެ އެންމެ ފަހު ނޭވާވެސް ދޫކޮށްލާނީ ޔާނީގެ ހައްޤުގަ. އަހަރެން ޔާނީދެކެ ވަރަށް ލޯބިވޭ!” ޒައިދްގެ ދެއަތުން ޔާނީގެ މޫނުގައި ހިފަހައްޓާލާއި ނިތުގައި ބޮސްދިނެވެ. ޔާނީ ދެލޯމަރާލުމާއެކު ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. އުފަލުން ހިތް ފުރިގެން ދިޔައެވެ. ޖަވާބުގައި ޔާނީވެސް ޒައިދްދެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނުމުން ޔާނީ ގެނެސް ޒައިދް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

ދެމީހުން އެކުގައި އުފާވެރި ވަގުތުތަކެއް ހިއްސާކުރުމަށް ފަހު ޒައިދް އެގެއިން ދިޔައީ ހަވީރުވީ ފަހުންނެވެ. ޒައިދް ދިއުމުން ޔާނީ އެނދުގައި އޮށޯވެ ފޯނު ބަލާލިއެވެ. އެތަށް ބައިވަރު މިސްކޯލްތަކާއި މެސެޖްތައް އައިސްފައި އޮތުމުން އެއީ ކާކު ކުރި ކޯލްތަކަކާއި މެސްޖްތަކެއްތޯ ބެލުމަށްޓަކައި ޔާނީ ފޯނު އަންލޮކް ކޮށްލިއެވެ. އެއީ ކުރިންވެސް ޔާނީއަށް ގުޅާ ނުދަންނަ ނަންބަރަށް ވުމުން ޑައިރެކްޓަރީ މެދުވެރިކޮށް އެއީ ކާކުގެ ނަންބަރެއްތޯ ޗެކްކޮށްލިއެވެ. ނަމަވެސް އެއީ އަންލިސްޓެޑް ނަންބަރަކަން ވުމުން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މެސެޖްތައް ކިޔާލުމަށްޓަކައި ޔާނީ އިންބޮކްސް ހުޅުވާލިއެވެ. އޭގައިވާ މެސެޖްތައް ކިޔަމުން ދިޔަވަރަކަށް ޔާނީގެ ނޭވާ އަވަސްވެ މުޅި މީހާ ދާހިއްލަން ފެށިއެވެ. ނުރޮވެ އިނީވެސް ހަމަ ކިރިޔާއެވެ. ޔާނީއަށް ހުރިތަނަށް ކޮޅަށް ތެދުވެ ވުނެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހީވީ ދެންމެ ދެންމެހެން މުޅި ކޯތާފަތް ތެންމާލަފާނެ ހެންނެވެ. “ނޫން ނޫން.. ތިއީ ކާކު؟ ކީއްވެ އަހަރެންގެ އުފާތައް ފޭރިގަންނަން ތިއުޅެނީ؟” މިފަހަރު ޔާނީއަށް ކެތެއް ނުކުރެވުނެވެ. އެއްވެސް އިހްތިޔާރަކާނުލާ ހިފެހެއްޓުުމެއް ނެތި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިިބަން ފެށިއެވެ. ޔާނީއަށް ގިސްލެވެން ފެށިއެވެ. މެސެޖްގައިވަނީ އިންޒާރުތަކެވެ. ޒައިދް އާއި ވަކިވުމަށެވެ. އެހެންނޫނީ ޒައިދްގެ ފުރާނަ ދުއްވާލާނެ ކަމަށެވެ. ޔާނީ ހަދާނެ ގޮތް ހުސްވިއެވެ. އެއީ ކާކުތޯ ހޯދުމަށް އެނަންބަރަށް ގުޅަން ހިތަށް އެރުމުން ވަރަށް ހިތްވަރު ކޮށްފައި ނަންބަރަށް ޑައިލް ކޮށްލިއެވެ. ރިންގްވެސް ވިއެވެ. އެކަމަކު ޖަވާބެއް ނުލިބުނެވެ.

ޔާނީ ހުރިތަނަށް ތިރިވިއެވެ. ދެފައި މެއާ ކައިރިކޮށްލާފައި ކަކޫމަތީ ބޯއަޅާލައިގެން އޮވެ ގިސްލަ ގިސްލާފައި ޔާނީއަށް ރޮވެނީއެވެ. ހިތް ފަޅައިގެން ދާވަރުވުމުން މަޑުމަޑުން ރުއިމުގެ އަޑުބޭރުވާން ފެށިއެވެ. ހިމާޔަތަށް އެދެން ބޭނުމެވެ. އެކަމަކު މަދަދުވެރިވާނީ ކާކު ހެއްޔެވެ. އިތުރު މީހަކަށް މިކަން އެނގިގެން ޒައިދަށް އެއްވެސް ގެއްލުމެއް ލިބޭކަށް ޔާނީ ބޭނުމެއް ނޫނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.