ހިތާދޫ އިންޖީނުގެއަށް ދިން ބައިމިލިއަން ރުފިޔާ އަތޮޅު ކައުންސިލުގައި ފޮރުވާފައި

ބ. ހިތާދޫ އިންޖީނުގެ– ފޮޓޯ / ހިތާދޫ އޮންލައިން

 

ބ. ހިތާދޫ އިންޖީނުގެ ތަރައްގީ ކުރުމަށް 2008 ވަނަ އަހަރު އޭރުގެ ހައުސިންގ މިނިސްޓްރީން ދީފައިވާ ބައިމިލިއަން ރުފިޔާގެ އެހީގެ ފައިސާ އޭރުގެ ބ. އަތޮޅު އޮފީހުގެ އެކައުންޓަށް (ބަޖެޓާއި ނުބެހޭ) ޖަމާކޮށްފައިވާ ކަމުގެ މައުލޫމަތު ލިބުމާއި ގުޅިގެން ހިތާދޫ ކައުންސިލުން އެކަން ހިނގާފައިވާ ގޮތް ބަލަން ފަށައިފި އެވެ.

ހިތާދޫ ކައުންސިލުގެ ރައީސް ޔޫސުފު ޤާސިމް ހިތާދޫ އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ވަރަށް އިތުބާރު ހުރި ގޮތަކަށް ހިތާދޫ އިންޖީނުގެ ތަރައްގީ ކުރަން ސަރުކާރުން ދެއްވާފައިވާ ބައިމިލިއަން ރުފިޔާ ބ. އަތޮޅު އޮފީހުގެ ބަޖެޓާއި ނުބެހޭ އެކައުންޓަށް މިނިސްޓްރީން ޖަމާ ކޮށްދީފައިވާކަން އެގުމުން އެކަން ސާފުކުރުމަށް ބ. އަތޮޅު ކައުންސިލަށް ސީޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި، 23 ޖޫން 2008 ގައި އޭރުގެ ހައުސިންގ މިނިސްޓްރީން ބ. އަތޮޅު އޮފީހުންގެ އެކައުންޓަށް ފަސްލައްކަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށާއި އެފައިސާ ހަތަރު އަހަރުވީއިރުވެސް ހިތާދޫ ރައްޔިތުންނާ ޙަވާލު ކުރުމަށް އެއްވެސް މުޢާމަލާތެއް ކޮށްފައި ވާކަން އެނގިފައި ނުވާކަށްވެސް ހިތާދޫ ކައުންސިލުން ބުންޏެވެ.

” އަޅުގަނޑު ގަބޫލު ކުރާގޮތުގައި އަތޮޅުއޮފީހުގައި (މިހާރު ބ. އަތޮޅު ކައުންސިލް އިދާރާ) ހުރި ނުފޫޒު ގަދަ ބައެއްގެ ބާރުގައި އެ ފައިސާ ހިތާދޫ ރައްޔިތުންނަށް ނުދީ އެވަނީ. މި ފައިސާ ނުދީ ހިފަހައްޓާ ފައި އެވަނީ މިއީ އެމްޑީޕީ ސަރުކާރުން ދިން ފައިސާއެއްކަމަށް ރައްޔިތުންނަށް ހީވެދާނެތީ 2008 މެދު ތެރޭގައި ޖަމާވުމުން އެ ފައިސާ ހިތާދުއަށް ދެވޭވަރުވާނީ އެމްޑީޕީ ވެރިކަމާ ހަވާލު ވާހިސާބުން. ނޫނީ އެ ފައިސާ އޭދަފުއްޓަށް ޚަރަދު ކުރެވޭނެ ގޮތެއް ވޭތޯބަލަން ބެހެއްޓީކަމަށްވާނީ…. އަޅުގަނޑު މިދަނީ މިކަންކަން އިތުރަށް ސާފުކުރަމުން” ހިތާދޫ ކައުންސިލްގެ ރައީސް ހިތާދޫ އޮންލައިނަށް ދީފައިވާ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ ހަމަ އެ ދުވަސްވަރު ބ. އަތޮޅުގެ ޖަމިއްޔާޔާތަކަށް ސަރުކާރުން ދީފައިވާ އެހީގެ ފައިސާތަކެއް ހަމައެކަނި އޭދަފުށީ ޖަމމިއްޔާ އަކަށް ދީފައިވާކަންވެސް އެނގިވަޑައިގެން ފައިވާކަމަށެވެ. އަދި އެކަންވެސް ސާފު ކުރަމުންދާ ކަމަށެވެ.

މިކަމާގުޅޭ ގޮތުން ބ. އަތޮޅު ކައުންސިލުގެ ނާއިބުރައީސް އަބްދުއްރަޙްމާން ޢަބްދުއްﷲ ވިދާޅުވީ، 2008 ވަނަ އަހަރު އޭރުގެ ހައުސިންގ މިނިސްޓްރީން ބ. ހިތަދޫ އިންޖީނުގެ ތަރައްޤީ ކުރަން ފަސްލައްކަ ރުފިޔާ އަތޮޅު އޮފީހުގެ އެކައުންޓަށް ޖަމާކޮށް ދީފައިވާ ކަން އަތޮޅު އޮފީހުންގެ ލިޔުންތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެ ފައިސާއާ ބެހޭ އެއްވެސް މުއާމަލާތެއް ހިތާދޫ އޮފީހާ ކޮށްފައިވާ ކަން ލިޔެކިޔުންތަކުން އެނގެން ނެތްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިތާދޫ އޮންލައިނުގައި ބުނެފައިވާ ގޮތުގައި މިފައިސާ އަކީ 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕައިން ދުވަސްވަރު އޭރުގެ ހައުސިންގ މިނިސްޓަރު ބ. ހިތާދުއަށް ވަޑައިގެން ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުނަށް ދަތިވާ ކަންކަމުގެ މައުލޫމާތު އޮޅުން ފިލުވުމުން ރައްޔިތުން އެދުނު އެދުމަކަށް އިޖާބަ ދިނުމުގެ ގޮތުން ދެއްވި އެހީއެކެވެ. އަދި އެ ދުވަސްވަރު ބ. އަތޮޅުއޮފީސް ހިންގުމާ ޙަވާލުވެފައި ވަނީ އަތޮޅު އޮފީހުގެ ފައިސާ އާއިބެހޭ އިސްވެރިޔާ ޢަބްދުއްސައްތާރު އަލީއައި އޭރުގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ އަދި މިހާރުގެ ބ. އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ ބ. ހިތާދޫ ގުލޭނޫރަންމާގެ ޢަބްދުލް ބާޤިރު އަޙްމަދު ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Avatar
    kamana

    ތިވާނީ ހަމަ ތެދަކަށް!! ކޮންމެ ރަށަކުންވެސް ބަލަނީ ހަމައެކަނި އެމީހުންގެ ފައިދާއަށް…މުޅި ޤައުމަށް ޚާއްޞަކޮށް އޭދަފުއްޓަށް ޖެހިފަ އޮތް ރޯގާއެއްތީ!!

    ރައްދު
  2. Avatar
    goidhoo nizam

    ތިކަހަލަކިތަންމެ ޖަރީމާއެއްއެބަހުރި ހިންގާފައި. ސުނާމީގައި ގެއްލުންވިގެތަށް ބިނާކުރުމުގެ ޕުރޮޖެކްޓުގެ ބޯޑުވެސް ވަނީ އޭދަފުށިން ފެނިފައި. އޭގެ މަތީގައި ހުރީ އެހެންއެއްޗެއް ހިއްޕާފައި. މިޕުރޮޖެކްޓުން ރުފިޔާފޮއްޗެއްވެސް ގޮއިދޫއަކަށް ނުލިބޭ. މިފޮޓޯހުންނާނެ ގޮއިދޫ ފޭސްބުކް ގުރޫޕުގައި އަޕްލޯޑުކޮށްފައި……….. ގޮއިދޫ ނިޒާމް

    ރައްދު
  3. Avatar
    ތުޅާދޫ

    ކިހިނެއް އިނގޭނީ. ކޮންމެ މީހަކުވެސް ބަލަނީ ޒާތީ ފައިދާއަށް. އޭދަފުށީގެ ވެރިންނާ ހުރެ ކިތައް ޕްރޮޖެކްޓް އޭދަފުއްޓަށް ނުލިބި ދިޔައީ. އެހެން ވީ އިރު މިކަމުގައިވެސް ހަގީގަތްތަކެއް ހުރުން އެކަށީގެންވޭ.. ރަގަޅަށް ތަހުގީގު ކުރަން ޖެހޭނެ. މިހާރު ހިތާދޫ އިންޖީނުގެއަކީ އަތޮޅުގައި ހުރި އެންމެ ހާލުދެރަ އިންޖީނުގެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.