ކޮވިޑް-19: އޭދަފުއްޓަށް ދަތުރުކުރާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ

ބ. އޭދަފުށި

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހަކު ފުރަތަމަ ފަހަރަށް މާލެ އިން މިއަދު ފެނުމާ ގުޅިގެން މާލެއިން އޭދަފުއްޓަށް ދަތުރުކުރާ މީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިއަދު މެންދުރު 1:00 އިން ފެށިގެން މާލެއިން އޭދަފުއްޓަށް ދަތުރުކުރާ ފަރާތްތަކުން 7787307، 7740374، 9660663، 7549171 އަދި 9676070 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށްއެދޭ ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއްވެސް ގުޅުމެއް ނެތް ދިވެއްސަކު މާލެތެރެއިން މި ބައްޔަށް މިއަދު ޕޮޒިޓިވްވުމުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ މިއަދުގެ މެންދުރު 2:30 ން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ. މި ލޮކްޑައުންގައި މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ ތިލަފުށި އަދި ގުޅިފަޅު ވެސް ހިމެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުންނަށް އެކަންޏެވެ.

ޗައިނާގެ ވުހާން ސިޓީއަށް އުފަން މި ބަލި، ރާއްޖެއިން ފެނުމުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އެއް މަސް ދުވަހަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހެވެ. ނަމަވެސް އެ މުއްދަތު، މި މަހުގެ ނިޔަލަށް އިތުރު ކުރީ މި މަހުގެ 10 ވަނަ ދުވަހެވެ. މި ބައްޔާ ދެކޮޅަށް އެޅޭނެ އެންމެ ރަނގަޅު ސަލާމަތީ ފިޔަވަޅަކީ ގޭގައި މަޑުކުރުމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުން ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އަންގަމުންނެވެ.

ރާއްޖެ އިން ކޮރޯނާވައިރަހަށް 20 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ހަ މީހުންނަކީ ދިވެހިންނެވެ. އޭގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެ، ފަރުވާގައި ތިބީ ތިން މީހެކެވެ. މާލެތެރެއިން މިއަދު ޕޮޒިޓިވްވި ދިވެހި މީހާ ފިޔަވައި ބާކީ ފަސް މީހުންނަކީ ރާއްޖެ އިން ބޭރުން އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފާ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.