ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށްރަށަށް ދިއުން މަނާކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އަންގައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގެވި އަމުރުގައި ވަނީ މާދަމާ ހަވީރު 6:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމާއި ގިނަ މީހުން އެއްވެ އުޅުން ހުއްޓާލުމަށެވެ.

ވަކިން ހާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި މާހެފުމާއި ދަތުރު ދިއުމާއި މޫދަށް އެރުމާއި ކުޅިވަރު ކުޅުން އަދި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލަން، ކަމާބެހޭ އިދާރާތަކަށް ފޮނުއްވި އަމުރުގައި ވެ އެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.                

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިދިޔަ އަންގާރަ ދުވަހު ފުރަތަމަ ފަހަރަށް ފެނުމާއެކު، މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި ގުޅިފަޅު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. އޭގެ ކުރިން މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅުމާއި ކެފޭ/ރެސްޓޯރެންޓުތަކުގައި ކެއުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.

މާލެ ލޮކްޑައުންކުރި ފަހުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ. އެކަމަށް ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.